ގޭގައި މަޑުކުރަން އެންގި ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަލުން މީޑިއާ ކައުންސިލަށް

ޔޫތު މިނިސްޓްރީގެ ޕީއެސްކަމުގެ ލިޔުން މުނާއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެމަގާމުން މުނާ މިހާރުވަނީ އިސްތިއުފާދެއްވާފައި -- ފޮޓޯ/ ސީއެސްސީ

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސި ފާތިމަތު މުނާ އެ މަގާމުން އިސްތިއުފާ ދެއްވައި އަލުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ވަޒީފާއަށް ނުކުންނަވަން ފަށައިފި އެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސުމުން އޯގަސްޓު މަހުގެ އެއްވަނަ ދުވަހު އޭނާ ވަނީ ޔޫތު މިނިސްޓްރީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާވެސް ބައްދަލު ކޮށްފަ އެވެ. ނަމަވެސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އޭނާއަށް ގޭގައި މަޑުކުރަން އެންގުމުން އޭގެ ފަހުން އޮފީހަށް ވަޑައިނުގަންނަވަ އެވެ.

މުނާ މިއަދު 'ސަން' އަށް ވިދާޅުވީ، އެ މަގާމުން އިސްތިއުފާ ދެއްވީ، ސީއެސްސީން ގޭގައި މަޑުކުރުމަށް އެންގުމަށްފަހު ވަކި އެއްޗެއް ނާންގައި ގިނަ ދުވަސް ވުމުން ކަމަށެވެ.

"އެއްވެސް ސަބަބެއް ނޭނގެ އަޅުގަނޑަކަށް. ގިނަދުވަސްވީމަ ބަދަލުވާން އެދުނީ،" މުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީޑިއާ ކައުންސިލުން ވަޒީފާ ހަމަޖެހުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

މުނާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިންވެސް ވަޒީފާ އަދާ ކުރަމުން ދިޔައީ އެމްއެމްސީގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

comment ކޮމެންޓް