ނަޖިސް ހަރުލާފައި ހުންނަ ކުކުޅު ބިސް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި

ފިހާރައެއްގައި ވިއްކަން ހުރި ކުކުޅު ބިސްތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބޭރުތޮށި ނުސާފުކޮށް އަދި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އަށް އެތެރެކޮށް ވިއްކުން ހެލްތު މިނިސްޓްރީން މަނާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އަށް އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަން ވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަޑާ"އެއްގޮތަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޕްރޮސަސް ނުވަތަ ޓްރީޓްނުކޮށް ތާޒާ ކުކުޅުބިސް އޭގެ އަސްލު ނުގެއްލޭ ގޮތަށް ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ރައްކާކުރެވޭ މުއްދަތަކީ ތިން ހަފްތާ އާއި ފަސް ހަފްތާއާ ދެމެދު ކަމަށެވެ. އަދި އެއަށް ވުރެ ދިގު މުއްދަތަށް ފެންވަރަށް ބަދަލެއް ނާންނަ ގޮތަށް ބެހެއްޓޭނީ އިތުރު ޓްރީޓްމެންޓެއް ދީގެން ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ދިގު މުއްދަތު ޖަހައިގެން ޓްރީޓްމެންޓް ނުދީ ފިނިނުކޮށް ހުންނަ ކުކުޅުބިސް ރާއްޖޭގައި ވިއްކަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"އަދި ރާއްޖެ އަށް އެތެރެކުރާ ބައެއް ކުކުޅުބިހުގެ ބޭރުތޮށިގަޑުގައި ނަޖިސް ފަދަ ތަކެތި ހަރުލާފައި ހުރުމާއި މިނޫންވެސް ގޮތްގޮތަށް ނުސާފުވެފައި ހުންނަކަން ވެސް ދަނީ ފާހަގަ ކުރެވެމުންނެވެ. މިކަންކަމަކީ އާއްމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތުއޮތް ކަންކަމެވެ،" ހެލްތު މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އެހެންކަމުން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރާ ކުކުޅު ބިހުގެ މުއްދަތު ހަމަވާ ތާރީޚް ފަސް ހަފްތާއަށް ވުރެ ދިގު ނަމަ، ދުވަސްހަމަވާ މުއްދަތު ދިގު ކުރުމަށް ޓަކައި ކޮށްފައިވާކަމެއް ބަޔާންކުރާ، އެ ގައުމެއްގެ ފުޑް ސޭފްޓީ އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

"އަދި ކުރިއެކޭ ވެސް އެއްގޮތަށް ރާއްޖެއަށް އެތެރެކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ސެޓްފިކެޓް އޮފް އޮރިޖިންގެ އިތުރުން ހެލްތު ސެޓްފިކްޓް ވެސް ހުށަހެޅުމުން ކަމުގައި އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެ،" ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައިވެ އެވެ.

ހެލްތު މިނިސްޓްރީން އެފަދަ އެންގުމެއް އަންގާފައި މިވަނީ ދާފިފަހުން ރާއްޖެ އެތެރެކުރި ގިނަ ކުކުޅު ބިސްތަކަކުން މައްސަލައެއް ފާހަގަކުރެވިފައިވަނިކޮށެވެ.

comment ކޮމެންޓް