Sun Online
1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން: -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން: -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޞަޙާބީންގެ މަތިވެރިކަން - 21: އިންސާނިއްޔަތުގެ ނަމޫނާ

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެއްގައި އިރުޝާދުދެއްވައިފައިވެއެވެ. އަހުރެންގެ ޞާޙާބީންނަކީ ތަރިތަކެއްފަދަ ބަޔެކެވެ. އެބޭކަލުންކުރެ ކޮންމެ ބޭކަލަކާ ތިޔަބައިމީހުން ތަބާވިކަމުގައިވިޔަސް ތިޔަބައިމީހުންނަށް ތެދުމަގު ލިބިގަނެވޭނެއެވެ.

އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަކީ އިސްލާމްދީނުގެ ނަމޫނާއެވެ. އެބޭކަލުންގެ ނަމޫނާއާ މެދު ވިސްނައިލުމުން، މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އަޅުގަނޑުމެން މިދުނިޔޭގައި ކުރާންވީ ކޮންކަމެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ. ތާބިޢީ ބޭކަލަކު މިވާހަކަ ބަޔާން ކުރައްވަމުން ވިދާޅުވެފައިވަނީ " ނަމޫނާއަކީ ޞަޙާބީންނެވެ" މިފަދައިންނެވެ.

އީމާންކަމަކީ ކޮބައިކަމާއި މުއުމިނުންނެވެ ކިޔެނީ ކޮންކަހަލަ ބަޔަކަށްކަމާއި، މިކަންކަމުގެ ވަރަށް ސާފު ބަޔާންތައް ކީރިތި ޤުރުއާނުގައި ދެއްވައިފައިވެއެވެ. ހަމަ އެއާއެކު މާތްﷲ ހަމަޖައްސަވައިފައިވަނީ ތެދުވެރި އީމާނުގެ ޢަމަލީ ނަމޫނާ މިދުނިޔޭގައި ލެއްވުމަށެވެ. އެ ޢަމަލީ ނަމޫނާ ޤާއިމުކުރައްވައިފައިވަނީ އަޅުގަނޑުމެން ރަސޫލާގެ ޞާޙާބީންނޭ މިކިޔާ ޖަމާޢަތް މެދުވެރިކުރައްވައެވެ. އަރަހުށި މާތްﷲ ރަސޫލާގެ ޞަޙާބީންގެ އީމާންކަން ޤަބޫލުކުރެއްވިއެވެ. އެކަން ތަސްދީޤު ކުރެއްވިއެވެ. މިގޮތުން ޢަމަލީގޮތުން އެންމެހައި އިންސާނުންނަށް އަންގަވައިފައި އެވަނީ އެކަލާނގެ އެދިވޮޑިގެންވަނީ ކޮންކަހަލަ އީމާންކަމެއް ކަމެވެ. ކޮންކަހަލަ އިސްލާމްކަމެއް ކަމެވެ.

އެހެންކަމުން އެ ޢަމަލީ ނަމޫނާ ކުރިމައްޗަށް ހުށަހެޅުމުން ކޮންމެ މީހަކުވެސް އެމީހެއްގެ އީމާންކަމާއި އިސްލާމްކަމާ ރަސޫލާގެ ޞަޙާބީންގެ އިސްލާމްކަމާއި އީމާންކަމާ އަޅައިބަލަންޖެހޭނެއެވެ. އެމީހެއްގެ އީމާންކަން ރަސޫލާގެ ޞަޙާބީންގެ ނަމޫނާއާ އެއްގޮތް ކަމުގައިވާނަމަ އެއީ ރަނގަޅު މީހެކެވެ. އެނަމުނާ އާ އެއްގޮތް ނޫން ކަމުގައިވާނަމަ އެއީ މާތްﷲ ގެ ޙަޟުރަތުގައި ޤަބޫލުކުރެވުން އެކަށީގެންވާފަދަ އީމާންކަމުގެ އަހްލުވެރިޔަކަށެއް ނުވާނެއެވެ.

ރަސޫލާގެ ޞަޙާބީންގެ މި ޙައިޘިއްޔަތުގެ ސަބަބުން އެބޭކަލުންނަކީ މުޅި އިންސާނީ ނަސްލަށްޓަކައި "ތަރިތަކެއް" ކަމުގައިވަނީ ކަނޑައަޅުއްވައިފައެވެ. އެންމެހައި މީސްތަކުން އެތަރިތަކުން އަލިކަން ލިބިގަތުމަށް ވަނީ އަމުރުކުރައްވައިފައެވެ. މިއީ އާދައިގެ ކުޑަކުޑަ ކަމެއްނޫނެވެ. ޙަޤީޤަތުގައި ރަސޫލާގެ ޞަޙާބީންވަނީ މީސްތަކުންނަށް ތެދުމަގު ދައްކަވައިދެއްވާ ތަރިތަކެއްކަމުގައި ހިމެނިވަޑައިގަތުމަށްޓަކައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ނުހަނު ބޮޑު އަގު އަދާކުރައްވައިފައެވެ. އެބޭކަލުންނާމެދު އެފަދަ އިޢުލާނެއްކުރެވުމަކީ އެކަށީގެންވާ ކަމެއްކަމުގައިވީ އެއަގު ދެއްވުމުންނެވެ. އެހެންކަމުން އެބޭކަލުންގެ ފަހަތްޕުޅުން އަންނަ ކޮންމެ އިންސާނީ ޖީލަކަށް ޤިޔާމަތާ ހަމަޔަށްވެސް އޮތީ އެބޭކަލުންގެ ނަމޫނާއިން އަލިކަން ލިބިގަނެގެން ތިމާމެންގެ ދިރިއުޅުން އާރާސްތުކުރުމެވެ. އެތަރިތަކުން މިޞްރާބު ހިފައިގެން ތިމާމެންގެ ޙަޔާތުގެ ދަތުރު ކުރިޔަށް ގެންދިއުމެވެ.

ތަޢުރީފުކުރެވުން އެކަށީގެންވާ ނަބީބޭކަލެއްކަމުގައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމަށް އީމާންވެ މިއަދު އަޅުގަނޑުމެން މުއުމިނުންގެ ނަން ލިބިގަންނަމުއެވެ. ނަމަވެސް ޞަޙާބީންނަށް މުއުމިނުން ކަމުގައި ވެވަޑައިގެންނެވުމަށްޓަކައި ބައިވެރިވެވަޑައިގަންނަވާން ޖެހިވަޑަޢިގަތީ ތަފާތު އިމްތިހާނެއްގައެވެ. މަލާމާތްކުރެވި ފުރައްސާރަ ކުރެވެމުންދިޔަ ނަބީބޭކަލަކަށް އީމާންވެވަޑައިގަތުމުގެ އިމްތިޙާނުގައެވެ. މިއަދު އަޅުގަނޑުމެން ދީންވެރިވަނީ ދީނީ މިނިވަންކަން ލިބިފައިވާ ވެއްޓެއްގައެވެ. ނަމަވެސް އެބޭކަލުން ދީން ޚިޔާރުކުރައްވާން ޖެހިވަޑައިގަތީ ދީނީގޮތުން އިސްތިބުދާދު ފެތުރިފައި އޮތް ޖައްވެއްގައެވެ. މިއަދު އަޅުގަނޑުމެންނަކީ ފަޚުރުވެރި ތާރީޚެއް ލިބިފައިވާ ދީނެއްކަމުގައިވާ އިސްލާމްދީނުގެ އަހްލުވެރީންނެވެ. ނަމަވެސް އެބޭކަލުންނަށް އެދީނަކާ ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އިސްލާމްދީނަކީ އެދީނުގެ އެއްވެސް ތާރީޚެއް ނެތް އިސްލާމްދީނެކެވެ.

މިއަދު މީސްތަކުންނަށް އިސްލާމްދީނުގެ ނަމުގައި ބޮޑެތި ޢިއްޒަތްތަކާއި ޝަރަފުތައް ލިބެއެވެ. ނަމަވެސް ރަސޫލާގެ ޞަޙާބީންނަށް ޖެހިވަޑައިގަތީ މުޖުތަމަޢުގައި އެބޭކަލުންނަށް ލިބިވަޑައިގެންފައި އޮތް ޤަދަރާއި މަޤާމު އިސްލާމްދީނަށްޓަކައި ދޫކޮށްލައްވާށެވެ. މިއަދު ކޮންމެ ތަނެއްގައިވެސް އިސްލާމްދީނުގެ އަޑު އުފުލުމަކީ ވެރިކަމާއި މަރުޙަބާ ކިޔުމުގެ ހަދިޔާތައް ލިބެމުންދާކަމެކެވެ. ނަމަވެސް އެބޭކަލުން އިސްލާމްދީނުގެ އަޑު އުފުއްލަވަން ޖެހިވަޑައިގެންނެވިއިރު އެކަމުގެ ސަބަބުން އެބޭކަލުންނަށް އެހާތަނަށް ލިބިވަޑައިގެންފައި އޮތް ޢިއްޒަތާއި މަތީ ދަރަޖަވެސް ދިޔައީ ވެއްޔާ މޮޑެވިގެންނެވެ.

ޞަޙާބީން އިސްލާމްދީން ޚިޔާރުކުރެއްވިއިރު އިޚްލާޞްތެރިކަމާ ނުލައި އެދީން އިޚްތިޔާރުކުރުމަކީ މުސްތަޙީލުކަމެކެވެ. އެބޭކަލުން އިސްލާމްދީނަކީ އެބޭކަލުންގެ ދީންކަމުގައި ހެއްދެވީ މާތްﷲ ގެ ރުހިވޮޑިގަތުން ހޯދުން ފިޔަވައި އެހެން އެއްވެސް ކަމެއް އެކަމަށް ބާރުއަޅާ ސަބަބަކަށް ހެދޭން ނެތްއިރުއެވެ. އެބޭކަލުންގެ އިސްލާމްކަމަކީ އެއްވެސް ދިލައެއް މިލައެއްނެތް ފުރިހަމަ އިސްލާމްކަމެކެވެ. އެބޭކަލުންގެ ދީންވެރިކަން ވަނީ ހުރިހާ އިމްތިޙާނުތަކެއް ކާމިޔާބުކޮށްފައެވެ. އެބަޔަކަށް އިޤްތިދާވުމަށް އިންތިޚާބުކުރެވުނު ޖަމާޢަތަކީ އެބޭކަލުންކަމުގައި ހިމެނިވަޑައިގަތީ އެސަބަބާ ހުރެއެވެ. އެބޭކަލުންގެ ނަމޫނާއަކީ އަބަދަށްޓަކައި ލިބިގަންނަންޖެހޭ ނަމޫނާއަކަށްވީ އެހެންވެގެންނެވެ.

މުސްލިމުން ތަބާވާންޖެހޭ ނަމޫނާއަކަށް ވެވޭނީ އާދަޔާޚިލާފު ޙާލަތްތަކެއްގައި އިސްލާމްދީން މަތީގައި ސާބިތުވެތިބޭ މީހުންނަށެވެ. އިސްލާމްދީނާ ގުޅުމަކީ ތިމާއަށް އެހާތަނަށް ލިބިފައިއޮތް ޢިއްޒަތާއި ޝަރަފުވެސް ގެއްލި ޢަންމުންގެ މެދުގައި ތިމާގެ މަޤުބޫލުކަން ކެނޑިގެންދާފަދަ ކަމެއްކަމުގައި ހިމެނޭ ދުވަސްވަރެއްގައި އިސްލާމްދީނާ ގުޅުނު މީހުންނަށެވެ.

ރަސޫލާގެ ޞަޙާބީންނަކީ އިސްވެދެންނެވިފަދަ ބޭކަލުންނެވެ. އެބޭކަލުން އިސްލާމްވެވަޑައިގަތީ އެކަމުގެ މާއްދީ އަގަކީ އެހާތަނަށް ލިބިވަޑައިގެންފައިވާ އެއްޗެއް އަތްޕުޅުން ބީވުން ކަމުގައި ހިމެނިފައި އޮއްވައެވެ. އެބޭކަލުން ހިމެނިވަޑައިގަތީ އިންސާނިއްޔަތުގެ އެންމެ މަތިވެރި ނަމޫނާކަމުގައެވެ. އެބޭކަލުންގެ އަގުހުރި ބަސްފުޅުތަކާއި މަތިވެރި ޢަމަލުފުޅުތަކުގެ ސަބަބުން އެބޭކަލުން ހިމެނިވަޑައިގެންފައިވަނީ ހުރިހާ ނަސްލުތަކަކަށާއި ހުރިހާ ޤައުމުތަކަކަށް ހުރި ނަމޫނާއެއްކަމުގައެވެ. ޤިޔާމަތާ ޖެހެންދެން ދުނިޔެއަށް އަންނާނެ ހުރިހައި އިންސާނުން އަބަދަށްޓަކައި ޠަބާވާންޖެހޭ އީމާމުންކަމުގައެވެ.

infinity loading...
×
DB released 01.