ދިވެހިރާއްޖެއާ މެދު ނުފޫޒުގަދަ ބިލިއަނަރެއްގެ ތަސައްވުރު

އެނެމެޓްރިކްސް ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޗުތާމަސް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރާއްޖޭގައި ތަރައްގީގެ ވާހަކައާ އެކު ވިދިގެން ދެން އެންމެ ބާރަށް އިވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުވާހަކަ އެވެ. ޚަރަދުކުރާނޭ ފައިސާ ނެތްވާހަކަ އެވެ. މަސައްކަތްތައް ކުރާނޭ މީހުން ނެތް ވާހަކަ އެވެ. ރާއްޖެ އަށް ޝައުގުވެރިވާ އިންވެސްޓަރުން ވެސް ބައިވަރު އާދެ އެވެ. މާބޮޑު ކަމެއް ނުވެ އެވެ. ކަމެއް ވިޔަސް އޭގެ މަންފާ ލިބޭނީ މަދު ބަޔަކަށެވެ. ނަމަވެސް ރާއްޖޭގެ ރަށްތައް ތަރައްގީކުރުމާ މެދު ޑރ. ޗުތާމަސް ވޮންގްވޮރާކިޓްގެ ވާހަކަ ވަރަށް ތަފާތެވެ.

ދާދި މިދާކަށް ދުވަހު ރާއްޖެ އައިސް އުޅުނު މަހުޖަނަކާއި އޭނާގެ ގްރޫޕާ ބައްދަލުވި އެވެ. އެއީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މަހުޖަހުންގެ ތެރޭން އެކެކެވެ. ތައިލެންޑަށް ނިސްބަތްވާ ޑރ. ޗުތާމަސް ވޮންގްވޮރާކިޓްއާއި އޭނާގެ ގްރޫޕާއެކު ވާހަކަ ދެކެވުނީ ރާއްޖޭގެ ރަށްތައް ތަރައްގީ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ. އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމާ ގުޅޭ ގޮތުންނެވެ.

ޑރ ޗުތާމަސް އާއި އޭނާގެ ޓީމް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ދެންނެވި ގްރޫޕަކީ މެލޭޝިއާގެ އެނެމެޓްރިކްސް ގްރޫޕެވެ. ނަން މަޝްހޫރު އިންވެސްޓަރުންތަކެއް ރާއްޖެ އައިސްގެން މިއުޅެނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ދާއިރާތައް ދެނެގަނެ ކުރިއަރަން ބޭނުންވެފައި ތިބޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށެވެ. މާލީ ގޮތުންނާއި ފަންނީ ގޮތުންނެވެ.

"ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ މިރާއްޖޭގެ 1200 އަށް ވުރެ ގިނަ ރަށް. ބައެއް ރަށްރަށް މިވަނީ ޓުއަރިސްޓް ރިޒޯޓްތަކުގެ ގޮތުގައި ތަރައްގީ ކުރެވިފައި. މީހުން ދިރިއުޅޭ ރަށްރަށުގައި ވަސީލަތްތައް ގާއިމް ކުރެވުމަކީ މުހިއްމުކަމެއް" ޑރ. ޗުތާމަސް

މި ގްރޫޕުގެ އެންމެ އިސް ބޭފުޅަކީ ޑރ. ޗުތާމަސް ވޮންގްވޮރާކިޓް އެވެ. އެކަމަނާ އަކީ ޒުވާން އުމުރުގައި އަމިއްލަ ވިޔަފާރިއެއް ފައްޓަވައި، ފައިނޭންސިންގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ބޭކަނބަލެކެވެ. ރާއްޖެ ވަޑައިގެން އުޅުއްވަނީ ރާއްޖޭގައި ހުރި ފުރުސަތުތައް ބެއްލެވުމަށާއި ފުރުސަތު ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.

ދިވެހި ރާއްޖެ އާ ގުޅޭ ގޮތުން ޑރ. ޗުތާމަސް ވިދާޅުވީ "ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ މިރާއްޖޭގެ 1200 އަށް ވުރެ ގިނަ ރަށް، ބައެއް ރަށްރަށް މިވަނީ ޓުއަރިސްޓް ރިޒޯޓްތަކުގެ ގޮތުގައި ތަރައްގީ ކުރެވިފައި. މީހުން ދިރިއުޅޭ ރަށްރަށުގައި ވަސީލަތްތައް ގާއިމް ކުރެވުމަކީ މުހިއްމުކަމެއް،" ކަމަށެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކަންތައް ބިނާވެފައި އޮތީ ހުރިހާ ކަމެއް ފުރަމާލެއިން ހަމަޖެހޭ ގޮތަށެވެ. ބައްޔެއް ވިޔަސް އަންނަން ޖެހެނީ މާލެ އަށެވެ. ކިޔެވެން އޮތީ މިތަނުގަ އެވެ. ވަޒީފާގެ ފުރުސަތުތައް އޮތީ މިތަނުގަ އެވެ. އާބާދީގެ ތިންބައިކުޅަ އެއްބައި މާލެއަށް ޖަމާވުމުގެ ސަބަބުން އިންފްލޭޝަން އަރައިގެން ދަނީ އިންތިހާއަށެވެ. މިއިން ޒަމާނަކު އިންފްލޭޝަން ދަށަށް ދާނެހެނެއް ހިޔެއް ނުވެ އެވެ.

ޑރ. ޗުތާމަސް އާއި އޭނާގެ ޓީމް ސަން އަށް އިންޓަވިއި ދެއްވަނީ. ޗައިނާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމަކަށް ރާއްޖެ ހެދިދާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ: ފަޔާޒު މޫސާ

މެލޭޝި އާއި ތައިލެންޑް ފަދަ ގައުމުތަކުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ގާތްގަނޑަކަށް 100 އެމެރިކާ ޑޮލަރުގެ ކުއްޔަކަށް ލިބެ އެވެ. ފެނާއި ކަރަންޓުގެ އަގު އެއްކޮށްލުމުން ވެސް އަރާނީ ގާތްގަނޑަކަށް 150 ނުވަތަ 200 ވަރަކަށް ޑޮލަރެވެ. އެއާއެކު މާލޭގައި ގެދޮރުގެ ކުލީގެ އަގު ހުރިހިސާބު ކިޔައިދިނުމުން ޑރ. ޗުތާމަސްގެ ޓީމަށް ވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. މާލޭން ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 1200 އާއި 2000 ޑޮލަރާ ދެމެދުގައި ހުރި ވާހަކަ ބުނުމުން އެކަން ގަބޫލުކުރަންވެސް އެޓީމުން ތިބީ ދަތިވެފަ އެވެ. އެހެން ނަމަވެސް ހަގީގަތަކީ މިއީ އެވެ.

"ތީގެ ސަބަބަކީ ހުރިހާ ކަމެއް މާލެއަށް ބަރޯސާވެފައި އޮތުން،" އެ ޓީމުން ބުންޏެވެ.

ރާއްޖޭގައި ބިން ބޮޑެތި ރަށްތައް އެބަހުއްޓެވެ. ވަސީލަތްތައް ގާއިމް ކުރެވިއްޖެ ނަމަ މާލެއާ އެއްފެންވަރަކަށް އާދެވޭނެ އެވެ. އިންފްރާސްޓްރަކްޗަރުގެ މަޝްރޫއުތައް ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސް ނުކޮށް މިދެންނެވި ރަށްތަކަށް ވެސް އަމާޒު ކުރެވިދާނެ އެވެ. ވަޒީފާގެ ފުރުސަތުތައް ގާއިމް ކުުރެވިދާނެ އެވެ.

ޑރ. ޗުތާމަސްގެ ޓީމް ސަން އަށް އިންޓަވިއު ދެއްވަނީ. ރާއްޖޭގައި ދަނޑިވެރިކަން ކުރިއަރުވައި އެއިން ނަފާ ހޯދި ދާނެ ކަމަށް އެޓީމުން ވިދާޅުވި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަ މިސާލެއް، ޑރ. ޗުތާމަސް ވިދާޅުވެދެއްވި އެވެ. ރާއްޖޭގައި ބޭނުންކުރާ މޭވާ އާއި ތަރުކާރީ ވެސް މި ގެންނަނީ ބޭރުންނެވެ. ރާއްޖޭގެ ބިން ބޮޑު ރަށްތަކުގައި ދަނޑުހައްދައިގެން އާމްދަނީ ނުހޯދެންވީ ސަބަބެއް ކޮބައިހެއްޔެވެ؟

"ޔޫރަޕްގައި ދަނޑުވެރިންނަށް ބޮޑު އާމްދަނީއެއް ލިބޭ. ރާއްޖޭގައި ވެސް އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ފައިދާ ނުވާންވީ ކީއްވެ؟" ދަނޑުވެރިކަމުގެ ރަށްތަކުގެ ގޮތުގައި ބައެއް ރަށްތައް ކަނޑައަޅައި ދަނޑުވެރިން ބާރުވެރި ކުރުމަކީ އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތެއް ކަން ފާހަގަކުރަމުން އެ ޓީމުން ބުންޏެވެ.

ދަނޑުވެރިކަމާ ބެހޭ އިލްމު އުނގަންނައިދޭނެ ފެކަލްޓީއެއް ގައުމީ ޔުނިވާސިޓީގައި ގާއިމްކޮށް ކަމާ ބެހޭ އިލްމާއި ހުނަރު އުނގަންނައިދީގެން އެ މަސައްކަތް ކުރެވިދާނެ ކަމަށް އެ ޓީމުން ބުނެ އެވެ.

"މި ގޮތަށް ދަނޑުވެރިކަން ކުރަން ފެށިއްޖެ ނަމަ ރާއްޖޭގައި ބޭނުން ކުރާ މޭވާ އާއި ތަރުކާރީ އަކީ ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެއްޗަށް ވާނެ. އެމީހުންނަށް އާމްދަނީ ލިބޭނެ. އިތުރުވާ އެއްޗެއް އެކްސްޕޯޓުކޮށްގެން ވެސް އާމްދަނީ ލިބޭނެ،" މިއީ ލޯންގް ރަން އަށް ބަލައިފި ނަމަ ފައިދާ ކުރާނެ މަސައްކަތެއްކަން ފާހަގަކުރަމުން އެޓީމުން ކިޔައިދިނެވެ.

ޑިރެކްޓަރު ޑރ. ޗުތާމަސް އަދި އައިބީބީ އިންޓަނޭޝަނަލް ހޯލްޑިންގްސްގެ ސީއީއޯ ޑެނިސް ސީހް ސަން އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ބަލައިފި ނަމަ ދެން ކުރެވިދާނެ އަނެއް މަސައްކަތެއްގެ ގޮތުގައި އެޓީމުން ފާހަގަ ކުރީ "އެކުއާކަލްޗާ"ގެ މަސައްކަތެވެ. މަސް ދިރުވައި، އަލާ ކުރުމެވެ. މޫދުގެ ދިރުންތައް އާލާ ކުރުމުގެ މަސައްކަތެވެ.

"މިއީ ރާއްޖޭގައި އިންވެސްޓް ކުރަން އަޅުގަނޑުމެންގެ ޝައުގު ހުރި ދާއިރާއެއް،" އެ ޓީމުން ބުންޏެވެ.

މި ހުރިހާ މަސައްކަތެއް ކުރާނީ ދިވެހިން ކަމަށާއި، އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް އެހީވެދޭނެ ކަމަށް އެ ގްރޫޕުން ބުންޏެވެ.

"ނިކަން ބަލާ ސިންގަޕޫރު، އެތަން ކުރި އަރާފައި އެ އޮތީ ކަމަށް ގާބިލް މީހުން މަސައްކަތަށް ނިކުމެގެން. ކަމުގެ ތަމްރީނާއި ތަޖުރިބާ ހުރި މީހުން ގައުމު ކުރިއަރުވަން މަސައްކަތް ކޮށްފި ނަމަ އެކަން ވާނެ،" ރާއްޖޭގެ ސާވިސް ސެކްޓާގެ ތަރައްގީ ކުރިއެރުވުމަށް ފަންޑު ކުރުމުގެ ޝައުގު ވެސް އެބަހުރިކަން ފާހަގަކުރަމުން އެ ޓީމުން ހާމަކުރި އެވެ.

"އެފްރިކާގައި އޮތް މުއްސަނދި ކަމަކީ މައިންތައް، މިރާއްޖޭގައި އޮތީ ކަނޑު ފަޅު، އެތައް ރަށްތަކެއް،"

ޑރ. ޗުތާމަސް އާއި އެކަމަނާގެ ޓީމު މެންބަރަކު ސަން އާ ވާހަކަ ދައްކަވަނީ. އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ތަރައްގީ ގެނެވޭނެ ކަމަށް ވިދާޅުވި. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބޭނުން ވަނީ ހިއުމަން ރިސޯސް ތަރައްގީ ކުރުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ލިބޭ ބަދަލަކަށް ނޫން. މިއީ ވިން ވިން ސިޗުއޭޝަނެއް. ބޮޑަށް ބަލާނީ ސޯޝަލް އަދި އިކޮނޮމިކް ރިޓާން އަށް."

ޑރ. ޗުތާމަސް އާއި އެކަމަނާގެ ޓީމުން އެ ވިދާޅުވީ ތެދެއް ނޫންތޯ އެވެ. ވަޒީފާ ހޯދަން މާލެ އައިސް މާލެ ތޮއްޖެއްސުމުގެ ބަދަލުގައި ރާއްޖޭގައި ހުރި ވަސީލަތްތަކާ އެކު ވަޒީފާގެ ފުރުސަތުތައް ނުއުފެއްދެންވީ ސަބަބެއް ނެތްނޫންތޯ އެވެ؟ ރާއްޖޭގައި ހުރި ބިން ބޮޑެތި ރަށްތަކާއި ކަނޑު ފަޅުގެ މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމް ކުރަންވީ އެވެ. ފަންޑް ބޭނުންވާ ފަރާތްތަކަށް އެޓީމުން އެހީ ފޯރުކޮށްދޭނެ އެވެ. ފަންނީ ގޮތުންނާއި މާލީ ގޮތުންނެވެ.

comment ކޮމެންޓް