ސިލްވާގެ ދެ ލަނޑާ އެކު ކޮސްޓަ ރިކާ އަތުން ސްޕެއިން އަށް ފަސޭހަ މޮޅެއް

އިނިއެސްޓާގެ ލަނޑަށް ފަހު، ސިލްވާއާ އެކު އުފާފާޅުކުރަނީ: ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ސްޕެއިން މޮޅުވީ 5-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ސިޓީ މިޑްފީލްޑަރު ޑޭވިޑް ސިލްވާގެ ދެ ލަނޑާ އެކު ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ސްޕެއިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

އަމިއްލަ ގައުމުގައި ރޭ ކުޅުނު އެ މެޗުގައި ކޮސްޓާ ރިކާގެ މައްޗަށް ސްޕެއިން ކުރި ހޯދާފައި ވަނީ 5-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

އެ މެޗުގެ ހަ ވަނަ މިނެޓުގައި ޖޯޑީ އަލްބާ، ސްޕެއިން އަށް ލީޑު ހޯދައިދިނީ ސިލްވާ ދިން ބޯޅަ އަކުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ފުޅާކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑެނިއެލް ކާވޭހަލް ހުރަސްކުރި ބޯޅައެއް ކޮސްޓަ ރިކާގެ ކީޕަރު ދިފާއުކުރުމާ އެކު ލިބުނު ފުރުސަތުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުގެ ނަތީޖާ އަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ސްޕެއިންގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސިލްވާ އެވެ. އެ ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓް ފަހުން ސިލްވާ ވަނީ ސްޕެއިން އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، އެ ޓީމަށް ހަތަރު ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

ސްޕެއިންގެ ފަސް ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 73 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ސްޕެއިން އަށް ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދުރޭސް އިނިއެސްޓާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޮސްޓަ ރިކާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ އަކުންނެވެ.

comment ކޮމެންޓް