އިންސާނީ ހައްގުތަކުގެ ވާހަކަ އެމެރިކާއާ ދެއްކުމަށް ފިލިޕީންސުން ދެކޮޅު ހަދައިފި

އޭޕެކްގެ ސަމިޓްގެ އަރިމަތީގައި ޓްރަމްޕް ޑުޓާޓޭ އާ ބައްދަލުކުރައްވަނީ

ޑަނަންގް (ނޮވެމްބަރު 12) : ވިއެޓްނާމްގެ ޑަނަންގްގައި ބޭއްވި އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން، (އޭޕެކް)ގެ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އިންސާނީ ހައްގުތަކުގެ ވާހަކަ ނުދައްކަވާ ކަމަށާއި އެކަމާ ދެކޮޅު ހެއްދެވި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެއްޖެ އެވެ.

ޑުޓާޓޭ ވިދާޅުވީ އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުގެ ގައުމުތަކުން ދައްކާ ވާހަކަތައް ގަބޫލުނުކުރައްވާ ކަމަށާއި އެހެންކަމުން ޓްރަމްޕާ ކުރައްވާ މަޝްވަރާތަކުގެ އެޖެންޑާގައި ވެސް އިންސާނީ ހައްގުތަކުގެ މައްސަލަ ނުހިމެނުމަށް އެމެރިކާގެ މަސްއޫލުވެރިންގެ ކިބައިން ކުރިން އެދިވަޑައިގެންފައިވާނެ ކަމުގަ އެވެ.

އޭޕެކްގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް އާއި ޑުޓާޓޭ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމާބެހޭ ގޮތުންނާއި އެމެރިކާގެ އަސްކަރީ އެހީ ފިލިޕީންސް އަށް ދިނުމާ ބެހޭ ގޮތުންނާ އަދި ޕިލިޕީންސްގައި އޮންނަ އެމެރިކާގެ އަސްކަރީ ވުޖޫދާ ބެހޭގޮތުންނެވެ.

ފިލިޕީންސްގައި އެމެރިކާ ކަނޑުގެ ސިފައިންގެ ބޭހެއް އޮވެ އެވެ. އަދި ފިލިޕީންސްގެ ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން އަސްކަރީ ތަމްރީންތައް ވެސް ކޮންމެ އަހަރަކު ކުރިޔަށް ގެންދެ އެވެ. ނަމަވެސް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވެރިކަމަށް ވަޑައިގަތުމަށް ފަހު މަސްތުވާ ތަކެއްޗާ ދެކޮޅަށް އޭނާ އިއްލާން ކުރައްވާފައިވާ ހަނގުރާމައިގާ ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ މައްސަލާގައި އެމެރިކާގެ ނުރުހުން ޑުޓާޓޭ އަށްވަނީ އަމާޒުވެފަ އެވެ. އިންސާނީ ހައްގުތަކުގެ މައްސަލަ އެމެރިކާ އިން ނަގަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ފައްޓަވާފައިވާ ހަނގުރާމައިގާ ގިނަ އަދަދެއްގެ މީހުން މަރުވާތީ އެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ އެމެރިކާއެކު ވެސް އަދި އެހެން ގައުމަކާއެކު ވެސް ނުދައްކަން ޑުޓާޓޭ ބޭނުން ވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ ގިނަ އަދަދެއްގެ މީހުން މަރުވި ނަމަވެސް އެ މައްސަލައާބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވާތީ އެވެ.

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައަކީ ފިލިޕީންސްގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ހަނގުރާމައެއް ކަމަށާ އެކަމުގައި އެއްވެސް ފަރާތެއްގެ ފިއްތުންތައް ގަބޫލުނުކުރެވޭނެ ކަމަށް ޑުޓާޓޭ ވަނީ ވިދާޅުވެފައެވެ.

ޑުޓާޓޭ ވަނީ ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާ ކުރުން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު ދާދިފަހުން އެމެރިކާއަށް ދެއްވައިފަ އެވެ. އަދި ފިލިޕީންސުން އެމެރިކާ އާއެކު ބާއްވާ ޚާއްސަ ގުޅުންތައް ނިމުމަކަށް ގެނަސް ޗައިނާއާއި ރަޝިޔާއާއެކު ވެސް ގުޅުންތައް ބަދަހިކުރުމަށް ފިލިޕީންސުން ނިންމާފައިވާ ކަންވެސް ޑުޓާޓޭ ވަނީ ހާމަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް