އެ އުޅެނީ މަޖިލިސް ތެރެއިންް ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރުވަން: އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިފައިންނާ މެދު މާރާމާރީ ހިންގައި އެފަދަ ކަންކަން ކުރުމަކީ ބަޔަކު ރާވައިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލުމަށް ޓަކައި ކުރާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގައި ރޭ ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެފަދަ ކަންތައްތަކަކީ މަޖިލިސް މެމްބަރުންތަކެއް ޖަޒުބާތުގައި ޖެހިގެން ކުރާ ކަމެއް ނޫން ކަމަށާއި އެއީ "ދުރުގައި ތިބި ބަޔަކު ދައްކާ ވާހަކައެއް"ގެ މައްޗަށް ބިނާކޮށް ސީދާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އެރުވިދާނެ ކަމަށް ދެކިގެން ކުރަމުންދާ ކަމެއް ކަމަށެވެ.

"އެތާ އެކަން ކުރައްވާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ މިއީ ގާނޫނާ ޚިލާފު ކަމެއްކަން. އަދި އެބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެތަނުގައި އެބޭފުޅުން އެ ހިންގަވާ އަމަލުތަކަކީ ގާނޫނުން އެމީހުންނަށް އަދަބު ލިބޭނެ ކަމެއްކަން ވެސް،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިދިކޮޅު ހަތަރު މެމްބަރެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މެމްބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފެވެ.

އެބޭފުޅުންގެ ތެރެއިން މަހުލޫފް ފިޔަވައި އެހެން އެންމެން ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. ރާއްޖެ އިން ބޭރުގައި މަހުލޫފް ހުންނެވުމުން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރެވޭގޮތް އަދި ވަނީ ނުވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު މެމްބަރުންގެ ޕާސްޕޯޓު ވެސް ވަނީ ތިން މަހަށް ހިފަހައްޓައިފަ އެވެ.

މަޖިލިސް ތެރޭގައި ސިފައިންނާ މެދު މާރާމާރީ ހިންގާފައިނުވާނެ ކަމަށާއި އެބޭފުޅުން ކުރާ ކަމަކީ އިހްތިޖާޖު ކުރުން ކަމަށް އެ މެމްބަރުން ވަނީ ކުރިން ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓަރު ރޭ ވިދާޅުވީ ސިފައިންގެ އަގުވައްޓާލައި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުމަށް ވެސް މަޖިލިސް ތެރޭގައި މަސައްކަތްކޮށްފައިވާ ކަމަށާއި އެއީ ސިފައިންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

"އެކަންކަމާ ދޭތެރޭ އަޅުގަނޑުމެން ވަރަށް ހުށިޔާރުވެ މިތިބެނީ. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ޓަކައި މިނިވަން މުއައްސަސާތަކުގެ އަގުވައްޓާލުމަށް ކުރެވޭ މަސައްކަތްތަކަކީ އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ޓަކައި ވަރަށް ޒިންމާދާރުކަމާ އެކީ ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ގާނޫނު އަސާސީން ސަލާމަތީ ބާރުތަކާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިރުޝާދު ދެއްވާނީ މަޖިލީހުގެ ރައީސް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް އެހެން އޮއްވައި ސިފައިންނާ މެދު މަޖިލިސް ތެރެއިން ހިނގި ކަންތައްތަކަކީ އަޅުގަނޑު ދަންނަވާނީ ވަރަށް ނާތަހުޒީބީ ކަންތައްތަކެކޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް