Sun Online
މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ފަރިވަޅު ގެންދަނީ --- ފޮޓޯ/ ހުސައިން ވަހީދު
މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ފަރިވަޅު ގެންދަނީ --- ފޮޓޯ/ ހުސައިން ވަހީދު

ފަރިވަޅާއެކު ކުޅުދުއްފުށީ ކަނބަލުން "ކުޅި" ދައްކާލައިފި

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

މިއަދު ހަވީރު ވެގެންއައި އިރު އެއޮތް ބޮޑު ހދ. ކުޅުދުއްފުށި ތައްޔާރުވީ މިހާރު އެ ރަށުގައި ބަނދަރުކޮށްފައި އޮތް "މަހާ ޖައްރާފު" ގެ ފަޅުވެރިންނަށް މަރުހަބާ ކިޔުމަށެވެ. އެ ރަށު ކަނބަލުން ގެތަކުން ނުކުތީ އެ ރަށަށް އަންނަން އުޅޭ ބޮޑު ތަރައްގީގެ މަޝްރުއުއަށް މަރުހަބާ ކިޔުމަށެވެ. އިހުގެ ސަގާފީ ހެދުމުގައި ފަރިވަޅު ތަކާ އެކު ކުޅުދުއްފުށީ ކަނބަލުން ހޭލަމޭލައަށް ދުވަން ފެށީ ރައްޔިތުން ދެކެމުންއައި އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ވާތީއެވެ. މިއަދު އެކަނބަލުން ވަނީ ފަރިވަޅާއެކު ތަރައްގީއަށް މަރުހަބާ ކިޔުމަށް އެރަށު ރައްޔިތންގެ މެދުގައި އޮތް ފޯރިއާއެކު "ކުޅި" ދައްކާލައިފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ބަނދެފައިވާ ކޮންނަ ބޯޓް ޗައިނާއިން ފުރައިގެން ކުޅުދުއްފުއްޓަށް ގޮސްފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ކޮންނަ ބޯޓުން އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ އެރަށު އެއާޕޯޓު އެޅުމަށް ބިން ހިއްކުމެވެ.

މާދަމާ އެ މަޝްރުއު ފަށާއިރު މިއަދު ހަވީރު "މަހާ ޖައްރާފު" ގެ ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ޖަމާވެ ފަރިވަޅުލުމުން އެރަށު ރައްޔިތުން އެއާޕޯޓަކަށް ފެންބޮވައިގެންފައި ތިބި މިންވަރު ވަރަށް ބޮޑަށް ދޭހަކޮށްދެއެވެ.

މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ފަރިވަޅު ގެންދަނީ --- ފޮޓޯ/ ހުސައިން ވަހީދު

"ސަން" އިން އެރަށުގެ ގިނަ މީހުންނާ މިކަމާ ގުޅޭގޮތުން ވާހަކަދައްކާލީމެވެ. އެމީހުން ފާހަގަކުރާ ގޮތުގައި މިއަދަކީ ދުވަސްތަކެއް ވަންދެން އެރަށު ރައްޔިތުންކުރި އިންތިޒާރުގެ ނިމުން އަންނަ ކަމުގެ މަލަމަތި ފެނުނު ދުވަހެވެ. މަހާ ޖައްރާފު އެ ރަށުގައި ބަނދަރު ކުރި ހިސާބުން ފެށިގެން ވެސް އެރަށުގައި އެއާޕޯޓު އަޅާނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ ކަމަށް އެމީހުން ބުންޏެވެ.

"ވަރަށް އުފަލުން މިތިބީ. ސަރުކަރުން އަޅުގަނޑުމެންގެ އާދޭސް އަހައިފި. އެމްޓީސީސީ އަށާއި ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މުޅި ރަށް އެކުގައި މި ނުކުތީ ސިޔާސީ ފިކުރަކަށް ބެލުމެއްނެތި. އެއާޕޯޓް ބޭނުން ކުރާނީ ޕީޕީއެމް މީހުން އެކަންޏެއް ނޫން. އެންމެންވެސް ބޭނުން ކުރާނެ. އެހެންވީމަ އަޅުގަނޑުމެން ދެކެނީ މިއީ ގައުމީ ކަމެއް ކަމަށް. އަސްލު މިއަދު މި އެރުވުނު ފަރިވަޅަކީ ރައްޔިތުންގެ އަމިއްލަ އިސްނެގުމެއް. މިއީ ސިޔާސީ ކަމެއް ނޫން،" ފޯނުން ދިން އިންޓަވިއުއެއްގައި ކުޅުދުއްފުށީ ކަނބަލަކު ބުންޏެވެ.

މަހާ ޖައްރާފުން ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދު މާދަމާ ހިއްކަން ފަށާއިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ވެފައި ކަމަށް އެމްޓީސީސީން ބުންޏެވެ. މާދަމާ އެ މަޝްރުއު އިފްތިތާހު ކޮށްދެއްވާނީ ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ފަރިވަޅު ގެންދަނީ --- ފޮޓޯ/ ހުސައިން ވަހީދު

"މިހާރު މި އިންތިޒާރު ކުރަނީ ކޮން އިރަކުތޯ ރައީސް ވަޑައިގެން މި މަޝްރުއު ފަށާނީ. ކުޑަކުދިންވެސް ބަނދަރުގަ އޮތް މަހާ ޖައްރާފް ދައްކާފައި އެބަ އަހާ ބައްޕާ އެއީ ކޯއްޗެއްހެއްޔޭ. ދެން އަޅުގަނޑުމެން މި ބުނަނީ ދަރިފުޅާ އެއީ ދަރިފުޅުމެންގެ ކުރިއެރުމޭ. ބައްޕަމެންގެ އެއް އިރެއްގެ ހުވަފެނޭ. މިއަދުގެ އުންމީދޭ. ރައްޔިތުން މި ތިބީ ވަރަށް ޖަޒުބާތުގައި ޖެހިފައި. ރައްޔިތުން ބޭނުންވި ތަރައްގީ އަކީ މިއީ،" ކުޅުދުއްފުށިން ވާހަކަ ދެއްކި ޒުވާން ބައްޕައަކު "ސަން" އަށް ކިޔައިދިނެވެ.

ސަރުކާރުގެ އސްވެރިން މިވަގުތު ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނައިރު މިއަދު ބޭއްވި ފަރިވަޅު ދިނުމުގެ ހަރަކާތުގައި 200 އަށް ވުރެ ގިނަ ކަނބަލުން ބައިވެރިވެފައިވެއެވެ. ކޮންމެ އަންހެނަކުވެސް ފަރިވަޅު ދިއްކޮށްލީ ހިނިތުންވުމާ އެކުއެވެ.

މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ފަރިވަޅު ގެންދަނީ --- ފޮޓޯ/ ހުސައިން ވަހީދު

"މިތާކު ނެތް މަޖުބޫރު ކުރުމެއް. މިއޮތީ މުޅި ކުޅުދުއްފުށި ލުހިގެން އައިސް. މި ތަނުން ފެންނަނީ އުންމީދާއި އުފާވެރިކަން. ހުރިހާ ރައްޔިތުން މިއޮތީ މިތާ. ކުޅުދުއްފުށި އޮތީ ސަރުކާރާއެކު،" ކުޅުދުއްފުށީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ ކުޅުދުއްފުށީ ރައޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެ ރަށުން ފެންނަނީ އެފަދަ މަންޒަރެއް ނޫންކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

"ކުޅުދުއްފުށީ ރައްޔިތުން ތިބީ ކުޅިއަށް ބަލަަހައްޓައިގެން ކުޅިވަރު ކުޅޭކަށް ނޫން. އެރަށު ރައްޔިތުން ބޭނުންވަނީ ކުޅީގެ ބައެއް ހިއްކައިގެންނަމަވެސް ތަރައްގީގެ ބޮޑު މަޝްރޫއު ހަގީގަތަކަށް ހަދަން،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މަހާ ޖައްރާފު ކުޅުދުއްފުށީގައި ބަނަދަރުކޮށްފައި --- ފޮޓޯ/ ކިޔުންތެރިއެއް

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މީގެ ކުރިން "ސަން"އަށް ވިދާޅުވީ ކުޅުދުއްފުށީގެ ކުޅި އެއްކޮށް ހިއްކާ ކަމަށް ވާހަކަތައް ދައްކަނީ ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާތީ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުންް ހިއްކަނީ ކުޅީގެ ބަޔަކާއި މޫދުގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިން ހިއްކުމުގެ މަސައްކަތުގައި ބޮޑުބައެއް މި ހިއްކަނީ ކުޅިން. އެއީ ކުޅީގެ ވަރަށް ކުޑަ ޕަސެންޓެއް. ދެން މި ހިއްކަނީ މޫދުގެ ސަރަހައްދެއް،" ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 15 ދުވަސް ތެރޭ ބިން ހިއްކައި ނިންމާނެ ކަމަށެވެ. އެއަށްފަހު ކުރިއަށްދާނީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމާއި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކަމަށެވެ. މުޅި ޕްރޮޖެކްޓްގެ މަސައްކަތް ހަ މަސް ތެރޭ ނިންމާލެވޭނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް ކުޅުދުއްފުށީ ކަނބަލުން ފަރިވަޅު ލުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ހުސައިން ވަހީދު

"މަހާ ޖައްރާފުން" ކުރާ ފުރަތަމަ މަސައްކަތް މާދަމާ ފަށާއިރު އެކަން ވާނީ ތާރީޚީ މަސައްކަތަކަށެވެ. ރާއްޖެ ފަދަ ގައުމަކުން ބޮޑު ކޮންނަ ބޯޓެއް ބަނދެގެން ރާއްޖެ ގެނެސް ހަލުވި ސްޕީޑުގައި ބިން ހިއްކުމުގެ މަޝްރުއު ފެށުމަކީ ތާރީޚީ ކަމެކެވެ. އެ ތާރީޚީ މަސައްކަތް މާދަމާ ފެށުމުގެ ކުރިން ކުޅުދުއްފުށީ ކަނބަލުން މިވަނީ މުޅި ރާއްޖެއަށް ޚާއްސަ މެސެޖެއްދީ ތާރީޚުން ޖާގަ ހޯދާފައެވެ. އެންމެ އިހުގެ ގޮތަށް އެ ކަނބަލުން "މަހާ ޖައްރާފަށް" މަރުހަބާ ކިޔާފައި ވަނީ ސިޔާސީ ވިސްނުމުން އެއްފަރާތްވެ ތިބެ އެމީހުންގެ ދަރީންގެ މުސްތަގުބަލަށްޓަކައެވެ.

infinity loading...
×
DB released 01.