އދ.ގެ ނިންމުންތަކަށް ރާއްޖޭގެ ތަޖުރިބާ މުހިންމު: މިނިސްޓަރު އާސިމް

އދގެ ޖެނެރަލް އެސެމްބްލީގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވާހަކަފުޅު ދައްކަވަނީ

އދ.ގެ ނިންމުންތަކަށް ރާއްޖެ ފަދަ ކުޑަ ގައުމަކުން ހޯދާފައިވާ ކާމިޔާބީ ތަކާއި ކުރިމަތިލާފައިވާ ކަންކަން ކަމުގެ ތަޖުރިބާ މުހިންމު ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.

ބަޑޮސް އައިލެންޑްގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެމްބަސޮޑޯރިއަލް ވޯކްޝޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާސިމް ވިދާޅުވީ، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

އަދި އެކާމިޔާބީތައް ހޯދާފައިވަނީ ތިމާވެއްޓަށް ގެއްލުންތައް ނުދީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބޭނުންކޮށްގެން ކަމަށް އާސިމް ވިދާޅުވި އެވެ.

އެހުރިހާ ސަބަބުތަކަށްޓަކައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއެއް ރާއްޖެއަށް މުހިންމު ކަމަށް އާސިމް ވިދާޅުވި އެވެ. އަދި އެއީ އެ މަގާމަށް ރާއްޖޭން ކެމްޕޭންކުރާ ސަބަބު ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖެ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ 2019-2020ގެ ދައުރަށް ކުރިމަތިލާފައިވާ އިރު، އޭޝިއާ ޕެސިފިކް ސަރަހައްދުން ރާއްޖެއާ ވާދަކުރަނީ އިންޑޮނޭޝިއާއެވެ. މީގެ އިތުރުން އެ ދައުރަށް ދެން ހުސްވަނީ އެފްރިކާ ސަރަހައްދުން އެއް ގޮނޑިއާއި، ލެޓިން އެމެރިކާ ސަރަހައްދުން އެއް ގޮނޑި އާއި، ހުޅަނގު ޔޫރަޕުން ދެ ގޮނޑިއެވެ. ކޮންމެ އަހަރަކުވެސް މަޖިލީހުގެ ފަސް ގޮނޑިއެއް ހުސްވާ އިރު، މެމްބަރުން އިންތިޚާބުކުރާނީ ގޮނޑި ހުސްވުމުގެ ކުރިން ބާއްވާ އދގެ އާންމު މަޖިލީހެއްގައެވެ.

ރާއްޖެ ކުރިމަތިލާ ދައުރަށް ވޯޓުލުމުގެ އިންތިޚާބު އޮންނާނީ އަންނަ އަހަރު އޮންނަ އދ.ގެ އާންމު މަޖިލީހުގައެވެ. އެއީ އެ މަޖިލީހުގެ 72 ވަނަ ސެޝަނެވެ. އެ އިންތިޚާބުގައި ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބި، ރާއްޖެ އިންތިޚާބުވެއްޖެ ނަމަ 1 ޖެނުއަރީ 2019އިން ފެށިގެން ދެ އަހަރުގެ މުއްދަތަށް ދިވެހިރާއްޖެއަށް، އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ލިބޭނެއެވެ.

comment ކޮމެންޓް