ސަރުކާރު ކުންފުނިތަކުގެ ތެރެއިން ވެލްފެއާ ކަންތައް އެންމެ ރަނގަޅީ އެމްއޭސީއެލްގައި: އާދިލް

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސަ

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންގެ ހައްގުގައި ކޮށްދޭ ވެލްފެއާ ކަންތައް އެންމެ ރަނގަޅަށް ކޮށްދޭ ކުންފުންޏަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އާދިލް ރޭ ވިދާޅުވީ، ވޭތިވެ ދިޔަ ތިން އަހަރު މި ސަރުކާރުން އެ ކުންފުންޏާ ހަވާލުވިފަހުން މުވައްޒަފުންނަށް ގިނަ ކަންތައްތަކެއް ފަހިކޮށްދީފައި ވާނެކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސަ

އާދިލް ވިދާޅުވީ، އެ ކުންފުނިން އަލަށްފަށައިގެން ކޮންމެ އަހަރަކުވެސް 10 މުވައްޒަފުން ހައްޖަށް ފޮނުވުމުގެ މަސައްކަތަކީ އެހެން އެއްވެސް ކުންފުންޏަކުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރުވެސް މީހުން ހައްޖަށް ފޮނުވާފައިވާނެކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް އެކަން އެގޮތަށް ކުރާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް ކުންފުންޏަކުން އެ ކުންފުނީގެ މުވައްޒަފުންގެ ދަރިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށް ގަބޫލު ނުުރާކަމަށާއި ނަމަވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލައިފަވާކަމަށް އާދިލް ވިދާޅުވިއެވެ.

"ވަޒީފާ އަދާކުރާ މައިންބަފައިން މިތާ އުޅޭކަމަށްވަންޏާ އެ މީހަކަށް އެ ފުރުސަތު ނުލިބުނުކަމަށްވިޔަސް އެ މީހެއްގެ އަމިއްލަ ދަރިކަޔަށް އެކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެން މިވަނީ ހުޅުވާލައިފައި،" އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސަ

އާދިލް ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންނަށް ދެމުން އަންނަ ލޯން ސްކީމްވެސް ލޯނުގެ ގޮތުގައި ދެވޭ މިންވަރު އިތުރުކޮށް ލޯންސްކީމަށް ވެސް ބަދަލުގެނެވިފައި ވާކަމަށާއި، އަދި އިންޝުއަރަންސްގެ ހިދުމަތްވެސް އެހެން ކުންފުނިތަކަށްވުރެ ރަނގަޅަށް އެމްއޭސީއެލްގެ މުވައްޒަފުންނަށް ކޮށްދެމުން އަންނަ ކަމަށެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް އަޅަން ހަމަޖެހިފައިވާ ފުޓްސެލް ދަނޑާއި ޖިމްގެ މަސައްކަތް ނުފެށި ގިނަދުވަސްވަނީ އެ ކުންފުނީގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދާތީ ކަމަށް އާދިލް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފުޓްސެލް ދަނޑާއި އެންމެ ޒަމާނީ ވަސީލަތް ތަކާއެކު އަންހެނުންނާއި ފިރިހެނުންނަސް ވަކިން ޖިމްގެ ހިދުމަތް ބޭނުންކުރެވޭ ގޮތަށް ޖިމް ހެދުމުގެ މަސައްކަތްވެސް ފަށާނެކަމަށް އާދިލް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާ "އެމްޑީ އެވޯޑު" ދިނުމުގެ ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ ފަޔާޒު މޫސަ

އެމްއޭސިއެލްގައި 2،700 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު އެމްއޭސީއެލްއިން ދަނީ އެ ކުންފުނީގެ މުވައްޒަފުންނަސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް