Sun Online
ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ: ފަޔާޒު މޫސާ
ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ -- ސަން ފޮޓޯ: ފަޔާޒު މޫސާ

35 އަހަރު ތެރޭ ބީއެމްއެލް ވަނީ ނަމޫނާ ދައްކާފައި!

އަޙްމަދު މުޖްތަބާ
ލިޔުނީއަޙްމަދު މުޖްތަބާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޕަބްލިކް ލިމިޓެޑަށް މިއަދު 35 އަހަރު ފުރުނީ އެވެ. ދިވެހީންގެ ގައުމީ ބޭންކަށް މިއަދު 35 އަހަރު ފުރުނުއިރު އެ ބޭންކުން މިއަދު ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި ކަސްޓަމަރުންނަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ޚިދުމަތްތައް ފޯރުކޮދެމުންނެވެ.

ބީއެމްއެލްއަކީ، 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު، ދިވެހި ސަރުކާރާއި ބަނގުލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް ފަހުން، (އައިއެފްއައިސީ ބޭންކް ލިމިޓެޑް)އާ ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗަރ ބޭންކެކެވެ. އޭރު ދިވެހި ސަރުކާރުގެ 60 ޕަސެންޓް ހިއްސާ، އައިއެފްއައިސީ ބޭންކްގެ 40 ޕަސެންޓް ހިއްސާއާ އެކު ފެށި ނަމަވެސް، އައިއެފްއައިސީގެ ޑައިވެސްޓްމަންޓް ނުވަތަ ހިއްސާތައް ވިއްކާލުމާ އެކު 1992 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އެ ބޭންކުގެ މެޖޯރިޓީ ހިއްސާ ހޯދައިފަ އެވެ.

ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް ޚިދުމަތްދެނީ -- ފޮޓޯ: ބީއެމްއެލް

މިހާރު ބީއެމްއެލްގެ 62.2 ޕަސެންޓް ހިއްސާ ސަރުކާރަށް އޮންނަ އިރު، 4.1 ޕަސެންޓް ހިއްސާއަކީ، ސަރުކާރު ހިއްސާވާ ބައެއް އެންޓަޕްރައިޒްތަކުގެ ހިއްސާ އެވެ. އަދި ބާކީ ހިއްސާދާރުންނަކީ އާންމުންނެވެ.

ކޮންމެ ވިޔަފާރިއަކީ ވެސް ތަފާތު އަޑިގުޑަންތަކާ ވެސް ކުރިމަތިލާން ޖެހޭނެ ވިޔަފާރިއެކެވެ. އަބަދު ފައިދާ ނުވެ ހިނގައިދާނެ އެވެ. އެހެނަސް ހަރުދަނާކަމާ އެކު ކުރިއަށް ދާން މަސައްކަތްކުރާ ނަމަ އޭގެ މަންފާ ކުރާނޭކަން މިއަދު އަހަރެމެންގެ ބޭންކުން މިވަނީ ސާބިތުކޮށްދީފަ އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 61 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ މިންވަރުގެ ފައިދާއެއް ލިބުމާ އެކު މިއަހަރު ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމާފައި ވަނީ ރެކޯޑު އަދަދެއްގެ ޑިވިޑެންޑެއް ކަމުގައި އެކުންފުނިން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބީއެމްއެލްގެ ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި، މި އަހަރު ވަނީ 108 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. އަދި އެ ފައިސާ އިން ހިއްސާއަކަށް 20 ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ. އެއީ މިދިޔަ އަހަރު އެކުންފުނީގެ ހިއްސާދާރުންނަށް ބެހި ޑިވިޑެންޑަށް ވުރެ، 18 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 17 ރުފިޔާ އެވެ.

މިއަދު ދިވެހީންގެ ގައުމީ ބޭންކަކީ، ހަމައެކަނި ފައިސާކޮޅު ޖަމާކޮށްލުމަށް ފަހު، އެ ފައިސާ އަލުން ކަސްޓަމަރުންނަށް ދޫކޮށްލަން ތިބޭ ބައެއް ނޫނެވެ. އޭގެ އިތުރުން، މިއަދު އެ ބޭންކުން ދަނީ، ދިވެހީންގެ ދިރުއުޅުމާ ގުޅުންހުރި އެތަކެއް ދާއިރާތަކުގައި ޚިދުމަތް ދެމުންނެވެ. އެގޮތުން، ވިޔަފާރިއާއި، ބޯހިޔާވަހިކަން، ތައުލީމާއި ސިއްހަތު އަދި މިނޫން ވެސް އިގްތިޞާދީ އަދި އިޖްތިމާއީ ތަފާތު ކަންކަމުގައި ވެސް ބީއެމްއެލްއަކީ މިއަދު ވަރަށް ގަދައަށް އިވޭ އަޑެކެވެ.

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއަކުން ކަސްޓަމަރަކު ޚިދުމަތް ހޯދަނީ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެފައި ވަނީ، ދިވެހީންގެ ގައުމީ ބޭންކުން ރާއްޖޭގައި ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ ކޮންމެ ކަމަކުން ވެސް، މި ޚިދުމަތް ފުޅާކުރުމަށް ދޭ އިސްކަމާއި މުޖުތަމައުއަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ހާމަވަމުންދާ ކަމަށެވެ.

ބޭންކިންގް ޚިދުމަތް ދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ގައުމީ ބޭންކުން ދޭ ސަމާލުކަމަކީ ވެސް ފާހަގަކޮށްލަން ޖެހޭކަމެކެވެ. އެގޮތުން، މިހާރު އެ ބޭންކުން ދޭ ޚިދުމަތްތަކުގެ ތެރޭން، ކޮންމެ 10 މުއާމަލާތެއްގެ ތެރެއިން ނުވަ މުއާމަލާތް ހިނގަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިންގް މެދުވެރިކޮށެވެ.

"މިދިޔަ އަހަރުގެ ތެރޭގައި ހަތަރު މިލިޔަން މުއާމަލާތް ހިނގާފައި ވަނީ ސެލްފް ސާވިސް އޭޓީއެމްތަކާއި، މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް،" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވެފައިވެ އެވެ.

ބީއެމްއެލް އިސްލާމިކުން ކަސްޓަމަރުންތަކެއް ހިދުމަތް ހޯދަނީ --- ފޮޓޯ/ ބީއެމްއެލް

ބީއެމްލްއިން ފޯރުކޮށްދެނީ ހަމައެކަނި ކޮންވެންޝަނަލް ބޭންކިންގެ ޚިދުމަތެއް ވެސް ނޫނެވެ. މީގެ އަހަރެއްހާ ދުވަސްކުރީން ގައުމީ ބޭންކުން ވަނީ "ބީއެމްއެލް އިސްލާމިކް"ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ބްރާންޗެއް މާލޭގައި ހުޅުވައިފަ އެވެ.

ދެން އޮތީ ކަސްޓަމަރުންގެ ފަސޭއަށް ފޯރުކޮށްދޭ ޒަމާނީ ޚިދުމަތްތަކެވެ. އިންޓަނެޓް ބޭންކިން، މޯބައިލް ބޭންކިން، އޭޓީއެމް ޚިދުމަތް، ޕީއޯއެސް ޚިދުމަތް އަދި ޕޭމަންޓް ގޭޓްވޭ ފަދަ ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެ އެވެ. ހަމައެއާ އެކު، ކޭޝްކާޑުގެ ޚިދުމަތަށް ބަލާއިރު ވެސް، ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑްތައް ކަމަށްވާ، އެމެކްސް، ވިސާ، އަދި މާސްޓާ ކާޑް ފަދަ މަގުބޫލު ޚިދުމަތްތައް މިއަދު ފަޚުރުވެރިކަމާ އެކު ދިވެހީންގެ ބޭންކުން ފޯރުކޮށްދެ އެވެ.

ބީއެމްއެލް ކާޑުން ކެޑޭ ބީއެމްއެލްގެ ޓެކްސީ ޕީއޯއެސް-- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލް މޯބައިލް ބޭންކިންގް އެޕްލިކޭޝަނެއް ތައާރަފުކުރީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މިއަދު ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ފިހާރަތަކުން ވިޔަފާރިކޮށްލުމުގެ އިތުރުން "ބީއެމްއެލް ކޭޝްލެސް ރައިޑް"ގެ ޚިދުމަތާ އެކު ޓެކްސީތަކަށް ފައިސާ ވެސް ދައްކާލެވެ އެވެ.

އިޖްތިމާއީ ޒިންމާގެ ދަށުން، ތިމާވެއްޓާ ގުޅޭ ހަރަކާތްތަކާއި، ލޭހަދިޔާކުރުމާއި، ތަފާތު ކުޅިވަރުތަކަށް އެހީތެރިވުމާއި، ނޫސްވެރިކަމާއި ތަފާތު އެންޖީއޯތަކަށް ގައުމީބޭންކުން ދަނީ މެދުނުކެނޑި އެހީތެރިވަމުންނެވެ.

ދިވެހި މުޖުތަމައުއަށް އެކި ދާއިރާތަކުން އެހީތެރިވުމަށް ގައުމީ ބޭންކް، ބޭންކް މިއަހަރު ވަނީ އެ ކުންފުނީގެ ކޮމިއުނިޓީ ޕްރޮގްރާމް، "އަހަރެންގެ ބޭންކް" ތައާރަފްކޮށްފަ އެވެ. އެގޮތުން ހިލޭސާބަހަށް ހިންގާ އެ ޕްރޮގްރާމްގެ ދަށުން، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މިއަހަރު ތެރޭގައި ވެސް ޖުމްލަ 300 މިލިއަން ރުފިޔާ ހޭދަ ކުރަން އެ ކުންފުނިންވަނީ ނިންމައިފަ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން 2017 ގެ ތެރެއިން--ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއަކީ މިހާރު ރާއްޖޭގައި އޮޕަރޭޓު ކުރާ ބޭންކުތަކުގެ ތެރެއިން އެންމެ ކުރީގައި، ޒަމާނީ ޓެކްނޮލޮޖީއާ އެކު ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏެވެ.

މިހާރު ރާއްޖޭގެ 20 އަތޮޅުގައި އެބޭންކުގެ 31 ބްރާންޗް ހުރި އިރު 78 އޭޓީއެމް ގާއިމްކޮށްފައި އެބަހުއްޓެވެ. އަދި 4000 ޕީއޯއެސް މާޗަންޓުންނާ އެކު 190 ކޭޝް އޭޖެންޓުންގެ އިތުރުން 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް މެދުވެރުކޮށް އެ ބޭންކުން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

infinity loading...
×
DB released 01.