ރައްކާތެރި ބޯފެނަށް އަހުލުވެރިކުރުމުގެ ކެމްޕޭނެއް ކުޅުދުއްފުށީގައި ހިންގައިފި

"ރައްކާތެރި ފެން، އެންމެނަށް އަބަދުވެސް" މި ޝީއާރުގެ ދަށުން ހދ. ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ރައްކާތެރި ގޮތުގައި ފެން ބޭނުންކުރުމަށް އަހުލުވެރިކުރުވުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ ފަރާތުން ހދ. ކުޅުދުއްފުށީގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފި އެވެ.

"ރައްކާތެރި ފެން، އެންމެނަށް އަބަދުވެސް" މި ޝީއާރުގެ ދަށުން އެމްޑަބްލިއުއެސްސީން ކޮންމެ އަހަރަކު ވެސް ޚާއްސަ ކެމްޕޭނެއް ކުރިއަށް ގެންދެއެވެ. އެގޮތުން، ސެޕްޓެމްބަރުން ފެށިގެން އިއްޔެގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އެ ޕްރޮގަރާމުގެ މައިގަނޑު މަގުސަދަކީ، ރައްކާތެރި ގޮތުގައި ފެން ބޭނުންކުރުމާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، އެކަމުގެ މުހިއްމުކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުން ކަމަށް ފެންކުންފުނިން ބުންޏެވެ.

"ސޭފް ވޯޓާ ފޯ ޓުމޯރޯ" މި މައުލޫގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ، ސްކޫލް ކުދީންނަށް ޚާއްސަކޮށްގެން ސެޕްޓެމްބަރު 11އިން 29އަށް ކުޅުދުއްފުށީގައި މަޒުމޫނު ލިޔުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ ތިން އުމުރުފުރާއަށް ބަހާލައިގެންނެވެ.

"ރައްކާތެރި ފެން، އެންމެނަށް އަބަދުވެސް" މި ޝީއާރުގެ ދަށުން ހދ. ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތުގެ ތެރޭން -- ފޮޓޯ: އެމްޑަބްލިއުއެސްސީ

ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި ވަނީ، "ކުޑަކުދީންނާ އެކު އެމްޑަބްލިއުއެސްސީ"ގެ ނަމުގައި ކުޑަކުދީންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. އެގޮތުން އެ ހަރަކާތް ކުރިއަށް ދިޔައިރު ވަނީ، މަޒުމޫނު ލިޔުމުގެ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި އިނާމް ހަދިޔާކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ބޯފެން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް