މަޑުއްވަރީ ބަލިކޮށް، މިއަހަރުގެ ފައިނަލުން ވެސް ފޭދޫ ޖާގަ ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައި ވެސް 50 ޓީމެއް ވާދަކުރޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މ. މަޑުއްވަރީ ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް ސ. ފޭދޫ އިން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ރޭ ކުޅުނު ސެމީގެ މެޗުގައި މަޑުއްވަރީ އަތުން ފޭދޫ މޮޅުވެފައި ވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ފޭދޫ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް މުހައްމަދު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ބަލްސަމް އެވެ. އެ މެޗުގައި މަޑުއްވަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާޒިމް އާއި ނާޝިދެވެ.

އެ މުބާރާތުގެ ފައިނަލުގައި ފޭދޫ ނުކުންނަން ޖެހޭނީ ހެންވޭރާ ދެކޮޅަށެވެ. ހެންވޭރުން ފައިނަލުގެ ޖާގައެއް ހޯދީ އެންމެ ފަހުގެ ޗެމްޕިއަން އަދި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޝީލްޑް ކާމިޔާބުކުރި ތ. ތިމަރަފުށި ބަލިކުރުމަށްފަހު އެވެ. މިއަހަރުގެ ފައިނަލުގައި ފޭދޫ އާއި ހެންވޭރު ނުކުންނާނީ މާދަމާ ހަވީރު 4:00ގައެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.

comment ކޮމެންޓް