ޕީސްބޯޓުން ދުނިޔެ ވަށައި ކުރިދަތުރުގެ ފުރަތަމަ ދިވެހި އެމްބެސެޑަރު!

ފޮޓޯގްރާފާރު އަޝްވާ ފަހީމް .ޖަޕާނުގެ ޕީސްބޯޓު ޖަމިއްޔާގައި ރާއްޖޭގެ ފަރާތުން އެމްބެސެޑަރެއްގެ ގޮތުގައި އަޝްވާ ވަނީ ހޮވިފައި.

އިންސާނީ ހައްގުތަކަށާއި، ތިމާވެއްޓާއި، ސުލްހަ މަސަލަސްކަމާއި އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ޖަޕާނުގެ ޖަމިއްޔާއެއް ކަމަށްވާ ޕީސްބޯޓަކީ މުޅި ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ ޖަމިއްޔާއެކެެވެ. ޖަޕާނުގެ ތާރީހުގައި އެގައުމުގެ ސަރުކާރުން ހިންގަފައިހުރި އަނިޔާވެރި ކަންތައްތައް އެގައުމުގެ ސްކޫލު ޓެކްސްޓު ފޮތުގައި ގެނެސްދީފައިވާ ގޮތާދޭތެރޭ ހިތްހަމަނުޖެހިގެން އުފެއްދި އެޖަމިއްޔާއިން، ދުނިޔެއިން ނިއުކްލިއާ ވޭސްޓް ނައްތާލުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް 2008 ވަނަ އަހަރު ނޯބެލް ޕީސް ޕްރައިޒްއަށް ވެސް އެ ޖަމިއްޔާ ވަނީ ނޮމިނޭޓް ވެފައެވެ.

އެފަދަ ފަހުރުވެރި ޖަމިއްޔާއަކުން ހިންގި ޕްރޮގްރާމެއްގައި، ޕްރޮގްރާމް އެމްބެސެޑަރަކަށް ދިވެއްސަކު ހޮވުމަކީ ހުދު މި ގައުމަށް ވެސް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އެ ޖަމިއްޔާއިން ހިންގި އޯޝަން އެންޑް ޔޫތު އެމްބެސެޑާ ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް އެމްބެސެޑަރެއްގެ ގޮތުގައި ރާއްޖޭގެ ފޮޓޯގްރާފަރު އަޝްވާ ފަހީމު ވަނީ ޕީސް ބޯޓު ޖަމިއްޔާއިން ދުނިޔެ ވަށައި މިއަހަރުގެ ސެޕްޓެމްބަރު މަހު 20 އިން އޮކްޓޯބަރ 17 އަށް ކުރި ދަތުރުގައި ބައިވެރިވެފައެވެ.

އޯޝަން އެންޑް ކްލައިމެޓް ޔޫތު އެމްބެސެޑާސް ޕްރޮގްރާމުގެ ބައިވެރިންނާއެކު އަޝްވާ

މިއީ ރާއްޖޭގެ ތާރީހުގައިވެސް ޕީސްބޯޓުގެ އޯޝަން އެންޑް ޔޫތު އެމްބެސެޑަރެއްގެ ގޮތުގައި ދިވެއްސަކު ހަމަޖެހުނު ފުރަތަމަ ފަހަރެވެ.

އަޝްވާ ބުނީ ޕީސް ބޯޓުގެ އޯޝަން އެންޑް ޔޫތު އެމްބެސެޑަރަކަށް ރާއްޖެއިން ހޮވައިފައިވަނީ އޭނާ، މޫސުމަށް އަންނަބަދަލުތަކަށް ހޭލުންތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. ދުނިޔެ ވަށާ ކުރި ދަތުރުގެ ޕްރޮގްރާމުގައި ޖަޒީރާ ހަތް ގައުމަކުން ވަނީ އެމްބެސެޑަރުން ކަނޑައަޅައިފައެވެ.

ޖަޒީރާ ގައުމުތަކުން އެ ޕްރޮގްރާމަށް ހޮވި އެމްބެސެޑަރުންގެ ތެރޭގައި ކްލައިމެޓް ލޯޔަރަކާއި ބައިލޮޖިސްޓެއް ވެސް ހިމެނެއެވެ. އެހެންކަމުން އެފަދަ ގާބިލް ބަޔަކާއެކު އެ ދަތުރުގައި ރާއްޖެއިން އެމްބެސެޑަރެއްގެ ގޮތުގައި އަޝްވާ ހަމަޖެހުމަކީ ވަރަށް ބޮޑު ޝަރަފެކެވެ.

އަޝްވާ ސްކޫލު ނިންމުމަށްފަހު މެލޭޝިއާއިން ފޮޓޯގްރަޕީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރިއިރު ރާއްޖޭގައި ފޮޓޯގްރަފީއަކީ ދިވެހިންނާ މާބޮޑަށް ރައްޓެހި އެއްޗެއް ނޫނެވެ. ކިޔަވައި ނިމިގެން އައިސް އޭނާ މަސައްކަތްކުރީ ރާއްޖެ ޓީވީގައެވެ.

ރާއްޖެ ޓީވީން މިހާރުވެސް އަޝްވާ ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތައް ދައްކައެވެ. އަޝްވާ ވަނީ އެ ޗެނަލްގައި އުޅުނުއިރު ބަދިގެ ޝޯތައް އެޑިޓްކުރުމުގެ އިތުރުން އިޝްތިހާރުތައް ވެސް ހަދައިދީފައެވެ.

ޕީސްބޯޓު ދަތުރުގައި ބޭއްވި ނިއު ޔޯކުގައި ބޭއްވި ފޮޓޯ މައުރަޒުގެ ތެރެއިން.

އަޝްވާގެ ނަސީބު އަތުގައި ހިފީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ޑިގްރީ ކޯހަކަށް އެޕްލައި ކުރުމުން އަޝްވާއަށް ވަނީ ޑިގްރީ ނުހަދައި ސީދާ މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތު ދީފައެވެ. އެއީ ވަރަށް ބޮޑު ނަސީބެއް ކަމަށް ހުދު އަޝްވާވެސް ބުންޏެވެ.

އާންމުކޮށް ވެޑިން އަދި ސްޓޫޑިއޯ ޕޮޓޯގްރާފަރުންނާ ތަފާތުކޮށް އަޝްވާ ފެނިގެން ގޮސްފައިވަނީ މުޖުތަމައުގެ މައްސަލަތަކާއި، ސިޔާސީ އަދި ތިމާވެށީގެ މައްސަލަތަކަށް އިސްކަންދީގެން ފޮޓޯ ނަގައި އުޅުނު ފޮޓޯގްރާފަރެއްގެ ގޮތުގައެވެ.

ލަންޑަންގައި ކިޔަވަމުން ދިޔައިރުވެސް އަޝްވާގެ ފޮޓޯގްރަފީގެ ލެންސް އަމާޒުކޮށްފައި ވަނީ އިޖްތިމާއީ މައްސަލަތަކަށެވެ. އެގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން އަޝްވާ ވަނީ ފޮޓޯ ނަގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.

ލަންޑަންގައި ކިޔެވުން ނިންމާލުމަށްފަހު އަޝްވާ މިހާރު މަސައްކަތްކުރަމުންދަނީ ފްރީ ލޭންސް ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. އަދި ދޭތެރެ ދޭތެރެއިން ޔޫއެންއެފްޕީއޭއަށް ފޮޓޯ ނަގައިދިނުމުގައި މަސައްކަތް ކުރަމުންދާ ކަމަށް އަޝްވާ ބުންޏެވެ.

ދުނިޔެ ވަށާކުރި ދަތުރުގައި އަޝްވާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ރައްޖޭގެ ތިމާވެށީގެ ހާލަތު، ދަތުުރުގެ ބައިވެރިންނަށް ވަރަށް ރަނގަޅަށް ވެސް ކިޔައިދީފައެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރުވެފައިވާ ރާއްޖެއަށް ތިމާވެށީގެ ގޮތުން ކުރިމަތިލާން ޖެހިފައިވަނީ ކިހާ ބޮޑު ގޮންޖެހުމެއް ކަމެއް ގިނަ ބަޔަކަށް ނޭނގޭ ކަމަށް އަޝްވާ ކިޔައިދިނެވެ.

އަޝްވާ ބުނީ މުޅިދުނިޔެ އެއްކޮށް އިއާދަ ހަކަތައަށް ބަދަލުކުރި ކަމުގައި ވިޔަސް ކުރީގައި އޮތް ގުދުރަތީ ހާލަތަށް ރުޖޫއަވުމަށް 100 އަހަރު ނަގާނެކަމަށާއި އަދި ވިހި އަހަރުފަހުން ރާއްޖެ ފެންނަން ބޭނުންނަމަ މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.

ޕީސްބޯޓު ދަތުރުގައި ބޭއްވި ނިއު ޔޯކުގައި ބޭއްވި ފޮޓޯ މައުރަޒުގެ ތެރެއިން.

އެ ދަތުރުގައި އެންމެ ހިތްހަމަޖެހުނީ ކޮންކަމެއްތޯ އެހުމުން އަޝްވާ ބުނީ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޖަމިއްޔާ ޔޫއެންއެފްސީސީއޭގެ ކުރީގެ ސެކްރެޓަރީ ކްރިސްޓީނާ ފިގާރެސް އާ ބައްދަލުކޮށް ވަރަށް މިނިވަންކޮށް ވާހަކަ ދައްކައި ޚިޔާލުބަދަލުކޮށްލަން ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ކްރިސްޓީނާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ޕެރިސް އެގްރީމަންޓް ތައްޔާރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރާއްޖޭން ފުރައިގެން ސްޕެއިންގެ ބާސެލޯނާއަށް ދިޔުމަށްފަހު ކްރޫސް ލައިނާއެއްގައި ފެށި ދަތުރުގައި އަޝްވާ ވަނީ ޕޯޗުގަލްގެ އިތުރުން އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ ހެޑްކުއާޓާސްގައި ވާހަކަ ދައްކައިފައެވެ.

ޕީސްބޯޓުގައި ދުނިޔެ ވަށާ ކުރި ދަތުރަށްފަހު ވެސް އަޝްވާ ހުރީ ނުގުޑާފަދަ އަޒުމެއްގައެވެ. ފޮޓޯގްރާފީގެ ފުރިހަމަ ބޭނުން ހިފައިގެން ހަގީގަތް ހާމަކޮށްދީ، އެ ފޮޓޯގަނޑު ބޭނުންކޮށްގެން އަޅުގަނޑުމެންގެ މުޖުތަމައުގެ މުހިންމު މައްސަލަތައް ސަމާލުކަމަށް ގެނެސް ހެޔޮ ބަދަލެއް ގެނެސްދޭން ފިޔަވަޅު އެޅުމަށް ރާއްޖޭގެ ވެރިންނަށް ބާރުއެޅުމަކީ އަޝްވާގެ ހަމަ "މިސާލީ" ހުވަފެނެކެވެ.

ސްކޫލުގައި އުޅުނުއިރު ކިޔެވުމުގައި މާ ރަނގަޅު ނަތީޖާއެއް ހާސިލް ނުކުރެވުނު ކަމުގައި ވިޔަސް އަޝްވާ ވަނީ އޭނާ ހިޔާރުކުރި ފޮޓޯގްރަފީގެ ދާއިރާއިން ކިތަންމެ ރަނގަޅަށް ވެސް ނަމޫނާ ދައްކުވައިދީފައެވެ. ދިވެހި ގައުމަށް ބޭނުންވަނީ އެފަދަ ވިސްނުންތޫނު ކެރޭ ހިވާގި ދަރިންނެވެ.

comment ކޮމެންޓް