15 ދައުވާ އަށް ތައްޔާރުވާން ޒިޔަތާ ބައްދަލުކުރަން ވަކީލަށް ތިން ގަޑިއިރު ދީފި

އަބްދުﷲ ޒިޔަތު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެމްއެމްޕީއާރްސީގެ ކުރީގެ މެނެޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ 15 ދައުވާއާ ގުޅިގެން ގާނޫނީ ވަކީލާ ބައްދަލުކުރަން ތިން ގަޑިއިރު ކްރިމިނަލް ކޯޓުން ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 11:00 ގައި ބޭއްވި އަޑުއެހުމުގައި އެ ފުރުސަތުދީފައި ވަނީ ޒިޔަތަށް އޭނާގެ ގާނޫނީ ވަކީލާ ބައްދަލުކުރަން އެކަށީގެންވާ ވަގުތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނުދޭ ކަމަށް ބުނެ އޭނާގެ ވަކީލު އަހުމަދު ޔާމީން ޝަކުވާ ކުރުމުންނެވެ.

ގާޒީ އަލީ އާދަމް މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ވިދާޅުވީ ކޯޓު ތެރޭގައި ތިން ގަޑިއިރަށް ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ޒިޔަތަށް މިއަދު ދޭނެ ކަމަށެވެ.

ޔާމީން މިއަދު ވިދާޅުވީ ޒިޔަތާ ބައްދަލުކުރުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާތީ މިއަދު ދައުވާތަކަށް ޖަވާބުދާރީ ވެވެން ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ، ޒިޔަތާ ބައްދަލު ކުރުމަށް ކަރެކްޝަންސް އިން ހަމަޖައްސައިދެނީ މަހަކު ހަތަރު ބައްދަލުވުން ކަމަށާއި، ސަބަބަކާ ހުރެ ބައްދަލުވުމެއް ކެންސަލް ވީ ކަމުގައިވިޔަސް، އެ ފުރުސަތު ދެން ނުލިބޭ ކަމަށެވެ.

ވަކީލާ ބައްދަލުކުރުމުގެ ފުރުސަތު ޒިޔަތަށް ދިނުމަށް ކަރެކްޝަންސް އަށް އަންގާނެ ކަމަށް ވެސް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އިއްވާފައިވަނީ އެއް ދައުވާ އެވެ. އެ ދައުވާގައި ވަނީ، ރ. ކަނޑޫގަލީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. އިނގުރައިދޫ މުހައްމަދު ހުސައިންފުޅަށް ކުއްޔަށް ދިނުމުން، އެރަށު ކުލީގެ ގޮތުގައި ލިބެންޖެހޭ ތިން ލައްކަ ޑޮލަރުގެ ޗެކެއް ޒިޔަތާ ހަވާލު ކުރި ނަމަވެސް އެ ފައިސާ އެމްއެމްޕީއާރުސީ އަށް ލިބިފައި ނުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ ގާނޫނުލް އުގޫބާތުގެ 215ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. އަދި އެކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށްލުމެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ، އެ މައްސަލަތަކުގެ އިތުރު އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހުގެ 11:00 ގައި އޮންނާނެ ކަމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވެ، އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް އޭނާ އަންނަނީ ތަންފީޒު ކުރަމުންނެވެ.

comment ކޮމެންޓް