Sun Online

އިޤްބާލުދުވަހުގެ މުނާސަބާގައި: ޢައްލާމާ އިޤްބާލުގެ ތިންޅެމަކާ މެދު

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

"ރުކެއްގަހެއް ނެތް ހާމަ މައިދާނެކެވެ. ހުދުކޮތަރެއް ޖައްވުގައި ބުރުޖަހަމުންދެއެވެ. ބައެއްފަހަރު ވަރަށް ތިރިޔަށްވެސް އާދެއެވެ. ހީވަނީ ދެންމެ ދެންމެ ބިމަށް ތިރިކޮށްފާނެހެންނެވެ. އަނެއްބައިފަހަރު ހަވާގެ ތެރެއަށް މައްޗަށްއަރައިގެންދެއެވެ. ހީވަނީ ތަރިޔަކަށްވެގެން އުޑުގައި ހަރުލައިފާނެހެންނެވެ. އެތައްބަޔަކު ދެ އަތްމައްޗަށް ދަމައިލައިގެން އެކޮތަރު ހިފޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. ހީވަނީ އެންމެންވެސް އެކޮތަރާހެދި މޮޔަވެފައި ތިބި ހެންނެވެ. ނަމަވެސް އެކޮތަރު އެއްވެސް މީހެއްގެ އަތަކު ނުޖެހެއެވެ. އެގޮތުގައި ވަގުތުތަކެއް ވޭތުވެގެން ހިނގައްޖެއެވެ. ކުއްލިޔަކަށް ފެނުނީ އެއްކަލަ ކޮތަރު ހޯރައަޅައިފައި ތިރިއަށް އައިތަނެވެ. ހީވީ އުޑުން ފެށިގެން ބިމާ ހަމައަށް ދަމައިލެވުނު ވިއްސާރަ ދުންޏެއްހެންނެވެ. އައި ގޮތަށް އައިސް އަހަރެންގެ އުނގަށް ތިރިކޮށްލައިފިއެވެ."

އާދެ، މިއީ ޝައިޚް ނޫރުމުޙައްމަދަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެކެވެ. އޭރު އޭނާގެ އަނބިކަނބަލުންނަށް އިންނެވީ އާލާސްވެއެވެ. ދުވަސްފުރެން ކައިރިވެފައެވެ. ހުވަފެންފުޅުން ހޭފުޅުލެއްވުނު އިރު އޭނާގެ ހިތްޕުޅުވަނީ އަރަހުށި މާތްﷲ އޭނާއަށް ފިރިހެން ބޭފުޅަކު ދެއްވާނެކަމުގެ ޔަޤީންކަމުން ފުރިފައެވެ. އެދަރިކަލުން އިސްލާމްދީނުގެ ޚިދުމަތުގައި މަސައްކަތްކުރައްވައި ހެޔޮނަމެއް ހޯއްދަވާނެކަމުގެ ކަށަވަރުކަން ލިބިވަޑައިގެންފައެވެ. ކަންހިނގައިފައި ވަނީ ޝައިޚް ނޫރުމުޙައްމަދު އުންމީދުކުރެއްވި ގޮތަށެވެ.

ރެޔަކީ 3 ޛިލްޤައިދާ 1294 (9 ނޮވެމްބަރ 1877) ވީ ހުކުރުވިލޭރެއެވެ. އޭރޭގެ ފަތިސްވަގުތެވެ. ފަތިސްނަމާދުގެ ބަންގި ގޮވަމުން ދިޔަ ވަގުތަކީ ނޫރުމުޙައްމަދަށް ޣައިބުން ލިބިވަޑައިގެންނެވި ބަޝާރަތު މުޖައްސިމުވެގެން ދުނިޔެއަށް ފާޅުވި ވަގުތެވެ. ނޫރުމުޙައްމަދުގެ ތުއްޕުޅު ދަރިކަލުންގެ ކީރިތި ކުރެއްވުމުގެ އަޑު އެކުވެގެން ދިޔައީ ޖައްވުގައި ގުގުމަމުން ދިޔަ ބަންގީގެ އަޑާއެވެ. ޝައިޚް ނޫރުމުޙައްމަދުގެ އަނބިކަނބަލުން ރައްކާވިކަމުގެ އުފާވެރި ޚަބަރު ބޭކެނބީން އޭނާއަށް ދެންނެވުމާއެކު އޭނާއަށް ކަށަވަރުކުރެއްވުނީ އެދަރިކަލުންނަކީ ޖައްވުގައި އުދުހެމުން ދަނިކޮށް ފެނިވަޑައިގެންނެވި ރީތި ހުދު ކޮތަރުކަމެވެ. އެހެންކަމުން މާތްﷲ އަށް ޙަމްދުވިދާޅުވިއެވެ. މުޙައްމަދު އިޤްބާލުގެ ނަމުން އޭނާގެ ދަރިކަލުންނަށް ނަންދެއްވިއެވެ.

ޝައިޚް ނޫރު މުޙައްމަދަކީ ކަޝްމީރުގެ ބުރަހަމުން ނަސްލެއްގެ ބޭކަލެކެވެ. އޭނާގެ ކާބަފައިކަލުންގެ ތެރެއިން އެއްބޭކަލަކު އިސްލާމްވެވަޑައިގެންނެވީ ޣާޒީ އައުރަންގު ޒޭބު ޢާލަމްގީރު ގެ ރަސްކަމުގައެވެ. ޝައިޚް ނޫރު މުޙައްމަދުގެ ކާބަފައިންވަނީ ކަޝްމީރު ދޫކޮށްލައްވައި ސިޔާލްކޯޓުގައި ވަޒަންވެރިވެވަޑައިގެންފައެވެ. ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ސިޔާލްކޯޓުގައެވެ.

ޢައްލާމާ ޑޮކްޓަރ މުޙައްމަދު އިޤްބާލުގެ ޙަޔާތްޕުޅާއި އޭނާގެ ފިކުރިއްޔަތުގެ ބައެއް ދާއިރާތަކަށް ނަމަވެސް ތަންކޮޅެއް ތަނަވަސްކޮށް ބަލައިލުމަކީ އަޅުގަނޑުގެ އަޒުމެކެވެ. އެކަމަށް ތައުފީޤު ދެއްވުން އެދޭ ކަމެކެވެ. އެހެންކަމުން ދަންބެރަށްވުރެ ތަގުޑި ދިގުނުކޮށް މައިގަނޑުނަމާ ކައިރިޔަށް ޖެހިލާނަމެވެ.

ޢައްލާމާ އިޤްބާލަކީ ސަބްކޮންޓިނެންޓްގެ ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެބޭކަލެއްގެ ނަޒަރިއްޔާތާއި ފިކުރުގެ އަސަރު އެންމެ ފުޅާދާއިރާއެއްގައި އިންސާނިއްޔަތަށް ފޯރުއްވެވި ޝަޚްޞިއްޔަތެވެ. ހުރިހާ ފިކުރީ މަދަރުސާތަކަކަށް ތަބާވާ ޢިލްމުވެރިންނަށާއި މުފައްކިރުންނަށާއި މުޙައްޤިޤުންނަށް ޑޮކްޓަރ އިޤްބާލުވަނީ އަސަރު ފޯރުއްވަވައިފައެވެ. ދީނެއް، މިއްލަތެއް، މަޒްހަބެއްގެ ތަފާތެއް ނެތިއެވެ. ޑޮކްޓަރ އިޤްބާލުގެ ޅެންތަކާއި ލިޔުއްވުންތައްވަނީ ދުނިޔޭގެ ވަރަށް ގިނަ ބަސްބަހަށް ތަރްޖަމާކުރެވިފައެވެ.

ޑޮކްޓަރ އިޤްބާލުގެ ބައެއް ނަޒަރިއްޔާތަކާ އެއްބަސްވެވަޑައި ނުގަންނަވާ ޢިލްމުވެރީންނަށްވެސް އެބޭފުޅުންގެ ޚިޔާލުފުޅުގެ ތަފާތާއެކުވެސް ޑޮކްޓަރ އިޤްބާލުގެ ޅެންތަކާއި މަޒުމޫނުތައް ދިރާސާނުކުރައްވައެއް ފަރަކުނުޖެހެއެވެ. އިޤްބާލުގެ ޅެންތަކާއި ލިޔުއްވުންތަކުގެ އަހަންމިއްޔަތު ޒަމާނާއެކު ކުޑަވަމުންނެއްވެސް ނުދެއެވެ. އެފިކުރީ އުފެއްދެވުންތަކަށް ސަތޭކަ އަހަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެގެންގޮސްފައިވިޔަސް މިހާރުވެސް އެތަކެތި ހުރީ ދެނަކަންމަތީގައެވެ. އާކޮށެވެ. ތާޒާކޮށެވެ. އާރޯކޮށެވެ. އެ އުފެއްދެވުންތަކުގެ ބޭނުންތެރިކަން މިހާރުވެސް މުޙައްޤިޤުން ފުރިހަމައަށް އިޙްސާސްކުރައްވައެވެ. ޒަމާނީ ފިކުރާއެއްގޮތަށް ތަފާތު މައިގަނޑުނަންތައް ދެއްވައިގެން އެ އުފެއްދެވުންތަކާމެދު ގެންދަވަނީ ބަހުޘުކުރައްވަމުންނެވެ.

މިގޮތުން ޢިލްމުވެރީން އެންމެފަހުން އެބޭކަލުންގެ ބަޙުޘުތަކުގެ މައިގަނޑު ނަމެއްކަމުގައި ހައްދަވައިފައިވަނީ ޑޮކްޓަރ އިޤްބާލުގެ މިދަންނަވާ ތިންޅެމެވެ.

  1. ޝަމްޢު އައުރެޝާޢިރު
  2. ޚުޟުރެރާހު
  3. ޠުލޫޢެ އިސްލާމް

މިއަދު އަޅުގަނޑު ގަލަން ނަގައިގެން މިއުޅެނީ މިދެންނެވި ފަސްމަންޒަރުގައި މިތިން ޅެމުގެ ތައާރުފެއް

ހުށަހަޅައިލެވޭތޯއެވެ. އެތިން ޅެން މާނަކޮށް ޝަރަޙަކުރުމުގެ މަސައްކަތެއް އަޅުގަނޑު މިފަހަރަކު ނުކުރާނަމެވެ.

ކުރީންވެސް ދެންނެވިފަދައިން "ޝަމްޢު އައުރެ ޝާއިރު" ހައްދަވައިފައިވަނީ ސަތޭކަ ވަރަކަށް އަހަރު ކުރީންނެވެ. އެޅެން ހެއްދެވިފަހުން މަޒީވެގޮސްފައިވާ ދިގުމުއްދަތުގެ ތާރީޚަށް ނަޒަރު ހިންގާއިރު ޔޫރަޕުންވަނީ އުޘްމާނީ ޚިލާފަތު ރޫޅައިލައިފައެވެ. ޢަރަބި ޣައްދާރުންގެ އެހީ އާއި ވާގިވެރިކަމާއެކުގައެވެ. އުޘްމާނީ ޚިލާފަތުގައި ހިމެނުނު ސަރަޙައްދުގައި ވަނީ ފަންސާހަށްވުރެ ކުދިކުދި ދައުލަތްތައް އުފައްދައިފައެވެ. ކުދިކުދިކޮށް، ފޮތިފޮތިކޮށް ބަހައިފައިވާތީ އެއިން އެއްވެސް ދައުލަތެއްގައި ކުޑަވެސް ހުވާހެއްނެތެވެ.

އިނގިރޭސީންގެ ބާރުގައި ފަލަސްޠީނުގައި ވަނީ ހުޅަނގުގެ ރަޑަބަންގުޅި އިސްރާއީލު އުފައްދައިފައެވެ. މިއަދުވެސް އިސްލާމީ ދައުލަތްތައް ހުރީ ހުޅަނގާއި އެމެރިކާއިން ވަތްދީފައި ގަނެފައި ތިބި އެޖެންޓުންގެ ބާރުގެ ދަށުގައެވެ. އިސްލާމީ އުންމަތުގެ މޭގައިވަނީ ގޮށްމުށުބާރުގެ ނުހިކޭ ފާރެވެ. ޔޫރަޕުން އުފައްދައިފައިހުރި ކުދިކުދި ދައުލަތްތަކުގެ ތެރެއިން ދައުލަތެއްގައި އިސްލާމީ ހޭލުންތެރިކަމުގެ އަސަރެއްކިރިޔަކިރިޔާ ފާއްދައިލިއަސް ހީވަނީ ޤީޔާމަތްވާން އުޅޭހެންނެވެ. އެމެރިކާއާއި ހުޅަނގުގެ ސާހިބުންގެ ހަޅޭއްފަޅޭކުގެ އަޑުން ދުނިޔެ ގުގުމާން ފަށައެވެ. އިސްލާމީ ދައުލަތްތަކުގައި ހުޅަނގުގެ ތާއީދާއެކު ވެރިކަން ކުރަމުންގެންދާ ރަސްރަސްކަލުންނާއި އަސްކަރީ ގޮށްމުށުބާރުގެ ވެރީންގެ ޣީރަތެއްނެތުމުގެ ސަބަބުން މުޅި އުންމަތްވަނީ މުސީބަތްތަކުގައި ހައްޔަރުވެފައެވެ.

ޑޮކްޓަރ އިޤްބާލު "ޝަމްޢެއައުރެޝާއިރު" ގައި އަލިއަޅުއްވައިފައިވަނީ އިސްލާމީ އުންމަތުގެ ހާލަތުގެ މައްޗަށެވެ. އުންމަތުގެ އިރު މެދުންލަނބައިލި ސަބަބުތަކަށެވެ. އިޤްބާލު ކަރުނައަޅުއްވައިފައިވަނީ މުސްލިމުންގެ ނިކަމެތިކަމާ މެދުގައެވެ. ވޭތުވެދިޔަ ސަތޭކަވަރަކަށް އަހަރުގެ ތާރީޚަށް ބަލާއިރުވެސް މިއުންމަތުގެ ޙާލަތަށް މާބޮޑު އިސްލާޙީ ބަދަލުތަކެއްނާދެއެވެ. އެމެރިކާއިން ވަނީ އިރާޤުގައި ދިއްލުނު ޢިލްމާއި ސައިންސުގެ ހުޅުކޮޅު ނިއްވައިލައިފައެވެ. ޚާއްޞަކޮށް މަޝްހޫރު ނުވައެއް އެގާރައިގެ ޙާދިޘާއަށްފަހު އިސްލާމީ އުންމަތް މިދަނީ އިތުރަށް ސުންނާފަތިވަމުންނެވެ. ލީބިޔާއާއި ސޫރިޔާއާއި، އަފްޣާނިސްތާނު ވަނީ ފުނޑުފުނޑުކޮށްލައިފައެވެ. ޢަރަބީން އަމިއްލަޔަށް އެގެންދަނީ ޔަމަނު އަންދައި އަޅިޔަށް ހަދަމުންނެވެ. އެހެންކަމުން ސަތޭކައަހަރުވީ މުސްކުޅިޅެން އިސްލާމީ މުފައްކިރުންގެ ހަނދުމަފުޅުގައި ވަނީ ތާޒާވެފައެވެ. އިޤްބާލު އޭނާގެ ޝަމްޢެ އައުރެ ޝާއިރު ލިޔުއްވިއިރު ދެލީގެ ބަދަލުގައި ބޭނުންކުރައްވައިފައިވަނީ ހިތްޕުޅާއި މޭފުޅުގެ ލެއެވެ. އެހެންކަމުން އެޅެމުގެ ކޮންމެ ބައިތަކީވެސް އިލްހާމެއްފަދައެވެ.

(ނުނިމޭ)

infinity loading...
×
DB released 01.