ޕީކޭގެ މައްސަލާގައި މިލަންދޫގެ ގޯހެއް ނެތް ކަމަށް އެފްއޭއެމް އިން ނިންމައިފި

އުރީދޫ ޕްރިމިއާ ލީގުގެ ޓީސީއާ ށ. މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސީޒަނުގެ ކުރީކޮޅު ކްލަބް ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ)، އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ށ. މިލަންދޫ ޓީމަށް ކުޅެމުންދަނީ ރިލީޒް ނުހޯދާ ކަމަށް ބުނެ ޓީސީ ސްޕޯޓްސް ކްލަބުން ހުށަހެޅި މައްސަލާގައި މިލަންދޫ އާ ދޭތެރޭ ފިޔަވަޅު އެޅެން ނެތް ކަމަށް އެފްއޭއެމް އިން ނިންމައިފި އެވެ.

އެ މައްސަލަ އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމެޓީން ބެލުމަށް ފަހު އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުހައްމަދު ނިޒާމް އަކީ ފުޓުބޯޅަ ކުޅުންތެރިންގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން 1 އެޕްރީލް 2016ގައި ބީޖީ ސްޕޯޓްސް ކްލަބާ އެކު 2017 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަދައި އަދި 3 އެޕްރީލް 2016ގައި އެފްއޭއެމްގެގައި އެ ނިންމުން ރެޖިސްޓާކޮށްފައިވާ ކުޅުންތެރިއެއް ކަމަށެވެ.

އަދި މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ ފުޓުބޯޅަ ކުލަބުގައި މުހައްމަދު ނިޒާމް ރިޖިސްޓްރީކޮށްފައި ވަނީ ފުޓުބޯޅަ ކުޅުންތެރިންގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ލިޔެކިޔުމުން ލިބެން ޖެހޭ ރިލީސް ލިބި އެފްއޭއެމްގައި އަމަލު ކުރެވެމުންދާ އުސޫލުގެ ތެރެއިން ރެޖިސްޓާ ކުރެވިގެން ކަމަށްވާތީ އޭނާ އަކީ ކްލަބް ވެލެންސިއާގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް ރެޖިސްޓާވެފައިވާ ކުޅުންތެރިއެއް ކަމަށް ކަނޑައެޅޭނެ ޖާގައެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ޓީސީ އިން ހުށައަޅާފައިވާ ގޮތަށް މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަވާއިދުގެ 3.4 ވަނަ މާއްދާގެ ދަށުން އެ އެ އުސޫލުން އަމަލު ކުރެވޭނެ ޖާގައެއް ނެތް ކަމަށް ފާހަގަ ކުރެވިފައި ވާތީ، އެ އުސޫލުން އަމަލުކުރެވެން ނެތް ކަމަށް އެ ކޮމެޓީ އިން ކަނޑައަޅާފައިވާ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

އެ މައްސަލާގައި މިލަންދޫ އިން ގޯސް ހަދާފައިވާ ކަމަށް ނިންމި ނަމަ، އޭނާ އަރުވައިގެން އެ ޓީމުން ކުޅުނު މެޗުތަކުގެ ޕޮއިންޓް ގެއްލި އިދިކޮޅު ޓީމަށް ޕޮއިންޓް ލިބޭނެ އެވެ. އޭރުން މިލަންދޫއާ ދެ ބުރުގައި ވެސް އެއްވަރުވި ޓީސީ އަށް އިތުރަށް ހަތަރު ޕޮއިންޓް ލިބި އެއް ވަނާގައި 33 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރުވީހެވެ. މިހާރު ޓީސީ އޮތީ 29 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.

comment ކޮމެންޓް