އިސްރާއިލާއި ސައުދީ ގުޅިގެން ހަނގުރާމައެއް ފަށަން އުޅޭ ކަމަށް ބުނެފި

ސަލްމާން ރަސްގެފާނާއި އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހު. ދެގައުމުގެ ދެމެދުގައި މިއިން ޒަމާނަކުވެސް ގުޅުން ބަދަހި ނުވާ ވަރަށް ގުޅުންތައް ބަދަހިވެފައިވާ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައި.

އިސްރާއިލާއި ސައުދީ އަރަބިއްޔާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމައެއް ފަށަން މަސައްކަތް ކުރަމުންދާކަމަށް، ލީކުވި ޑިޕްލޮމެޓިކް ލިޔެކިޔުންތަކަކުން ބުނެފި އެވެ.

ލީކުވެފައިވާ ލިޔެކިޔުންތަކަކީ ޑިޕްމޮމެޓިކް "ކޭބަލް"ތަކެކެވެ. ޑިޕްލޮމެޓިކް ކޭބަލަކީ ގައުމެއްގެ ފޮރިން މިނިސްޓްރީ އާއި އެކި ގައުމުތަކުގައި ހުންނަ އެމްބަސީ ފަދަ ޑިޕްލޮމެޓިކް މިޝަންތަކާ މުވާސަލާތު ކުރުމަށް ގެންގުޅޭ ވަސީލަތެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބަވާ އިސްރާއިލުގެ އެމްބެސެޑަރުންނަށް ޑިޕްލޮމެޓިކް ކޭބަލްތަކުން ފޮނުވައިފައިވާ ލިޔުންތަކުން ފާހަގަވި ބައެއް ކަންތައްތައް އިސްރާއީލުގެ މީޑިއާތަކުން ވަނީ އާންމުކުރަން ފަށައިފަ އެވެ. އެގޮތުން އެ ގައުމުގެ ޗެނަލް 10 ނިއުސް އިން ވަނީ އެ ލިޔެކިޔުންތަކުގައިވާ ސިއްރުތައް ހާމަކޮށްފަ އެވެ.

ލީކުވި ކޭބަލްގައި ހުރި ވާހަކަތައް ޝާއިއުކޮށްފައި ވަނީ އިސްރާއިލްގެ ޗެނަލް ނިއުސް 10ގައި މަސައްކަތްކުރައްވާ ސީނިއާ ޑިޕްލޮމެޓިކް ކަރަސްޕޮންޑެންޓެއް ކަމަށްވާ ބަރަކް ރަވީދެވެ.

ލުބްނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރިީރީގެ އިސްތައުފާއަށް ފަހު އެ ގައުމާއި ސައުދީއާ ދެމެދު ހޫނުވެފައިވާ މަައްސަލަތަކާ ބެހޭ މައުލޫމާތު ވެސް ލީކްވި ކޭބަލްތަކުން ވަނީ ހާމަވެފަ އެވެ.

ސައުދީން ވަނީ ލުބްނާނުން އެ ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ހަރީރީގެ އިސްތިއުފާއާ އެކު އިސްރާއިލުން އެ ގައުމުގެ ހުރިހާ އެމްބަސީތަކުގައި ތިއްބަވާ ޑިޕްލޮމެޓުންނަށް، ހިޒްބުﷲ އާއި އިރާނަށް ޕްރެޝަރުކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް އެންގިކަން ލީކްވި ކޭބަލްތަކުން ވަނީ އެނގިފަ އެވެ.

ސައުދީން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އިސްރާއިލުން ތާއިދުކުރާކަން ވެސް ވަނީ ލީކްވި ކޭބަލްތަކުން އެނގިފަ އެވެ. އަދި ލުބުނާނުގެ ސަރުކާރުން ހިޒްބުﷲ ޖަމާއަތް ބޭރުކުރުމުގެ ގޮތުން އިސްރާއިލުގެ އެމްބެސެޑަރުން، އެބޭފުޅުން ތިއްބަވާ ގައުމުތަކުގެ ވެރިންނަށް ބާރުއެޅުމަށް ވެސް ވަނީ ގޮވައިލައިފަ އެވެ.

ދާދި ފަހުން ހޫތީން ސައުދީގެ ވެރިރަށަށް ފޮނުވާލި ކަމަށް ބުނާ ބެލެސްޓިކް މިސައިލްގެ މައްސަލާގައި އިރާނަށް އިތުރަށް ފިއްތުންތައް ކުރިމަތިކުރުމަށް ވެސް ލީކްވި ކޭބަލް ތަކުގައި ވަނީ ބުނެފަ އެވެ.

މެދުއިރުމަތީގެ މަޝްރަހު ހޫނުވެފައިވާއިރު އިސްރާއިލުން މީގެ ދެ ދުވަސްކުރިން ވަނީ އެ ގައުމުގެ ތާރިހުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަސްކަރީ ފަރިތަކުންތައް ފަށައިފަ އެވެ. ގިނަ މުރާސިލުން ބުނާ ގޮތުގައި މިއީ އިސްރާއިލުން ހިޒްބުﷲ އާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރުމަށް ތައްޔާރުވާކަމުގެ ނިޝާނެކެެވެ.

އިސްރާއިލެކޭ އެއްގޮތަށް ސައުދީން ވެސް ވަނީ ހިޒްބުﷲ ޖަމާއަތަކީ ޓެރެރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެންމެ ފަހުން އިސްރާއިލާ ހިޒްބުﷲ އާ 2006 ވަނަ ކުރި ހަނގުރާމާގައި ސައުދީން ސީދާ އިސްރާއިލަށް ސަޕޯޓްނުކުރި ކަމުގައި ވިޔަސް ވަނީ ހިޒްބުﷲ އަށް އެފަހަރު ވެސް ބަހުގެ ހަމަލާތަކެއް ދީފަ އެވެ. ސައުދީން ބުނީ އެ ހަނގުރާމަ ފެށުނީ ހިޒްބުﷲގެ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަަބުން ކަމަށާއި އޭގެ ޒިންމާ އެ ޖަމާއަތުން ނަގަން ޖެހޭނެ ކަމަށެވެ.

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހު ވަނީ އެގައުމާއި ގަލްފުގެ އަރަބި ގައުމުތަކާ ޒަމާނަކު ވެސް ގުޅުން ބަދަހި ނުވާ ވަރަށް ގުޅުންތައް ބަދަހިވެފައިވާ ކަމަށް ދާދި ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް