ރާއްޖޭގެ އަވީގެ ހަކަތައާ ބެހޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފި

ރާއްޖޭގެ އަވީގެ ހަކަތައިގެ މައުލޫމާތު ހިމެނޭ ފޮތް "ސޯލާ ރިސޯސް އޯވާވިއު 2017" ނެރުން -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

ދިވެހި ރާއްޖޭގެ އަވީގެ ހަކަތައިގެ މައުލޫމާތު ހިމެނޭ ފޮތް "ސޯލާ ރިސޯސް އޯވާވިއު 2017" މިއަދު ތައާރަފުކޮށްފި އެވެ.

ފޮތް ލޯންޗު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.

"ސޯލާ ރިސޯސް އޯވާވިއު 2017" ފޮތަކީ ވާލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ "ރިނިއުބަލް އެނާޖީ ރިސޯސް މެޕިންގް" މަޝްރޫއުގެ ދަށުން ނެގި ސޯލާ ޑޭޓާގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ.

އެ ޑޭޓާތައް ނަގާފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ހަތަރު ސަރަހައްދެގަ އެވެ. އެއީ ހދ. ހަނިމާދޫ، ހުޅުލެ، ލ. ކައްދޫ އަދި ސ. ގަމުގައި ގާއިމުކުރި ސޯލާ މެޝަރިންގް ސްޓޭޝަންތަކުންނެވެ. އެ ފޮތުގައި ހިމެނެނީ 2016 ވަނަ އަހަރު ނެގި މެޝާމަންޓުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މައުލޫމާތެވެ. ފޮތުގައި ގްރައުންޑް މެޝާމަންޓްތައް ބޭނުންކޮށްގެން 1999 އިން ފެށިގެން 2016 އާ ދެމެދުގެ މުއްދަތަށް އެކުލަވާލާފައިވާ ޑޭޓާ ހިމެނެ އެވެ.

ގްރައުންޑް މެޝާމަންޓް ނެގުމުގެ މަސައްކަތް 2017 ވަނަ އަހަރު ވެސް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި އަހަރު ނިމުމުން 2016 އަދި 2017 މި ދެ އަހަރުގެ ގްރައުންޑް މެޝާމަންޓް ބޭނުންކޮށްގެން މިހާރު ހުރި މައުލޫމާތު އިތުރަށް އަޕްޑޭޓްކުރާނެ ކަމަށް އެނާޖީ މިނިސްޓްރީން ބުނެ އެވެ.

ސޯލާ ޕްރޮޖެކްޓްތައް ޑިޒައިންކުރުމަށް ބޭނުންވާ ޑޭޓާގެ ބާވަތްތައް ކަމުގައިވާ "ގްލޯބަލް ހޮރިޒޯންޓަލް އިރޭޑިއެންސް" އަދި "ޑައިރެކްޓް ނޯމަލް އިރޭޑިއެންސް"ގެ ޓައިމް ސީރީޒް މައުލޫމާތުގެ ޚުލާސާ ވެސް އެފޮތުގައި ހިމެނޭނެ ކަމަށާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ސޯލާ ޕްރޮޖެކްޓްތައް ޑިޒައިންކުރުމުގައި ވެސް އެ ޑޭޓާތައް ބޭނުންކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް