މައުމޫނަށް މަލާމާތްކޮށް ފޮޓޯ އާންމުކުރުން: ބްރޯޑްކޮމުން ބުނީ އެއީ ތެދު ހާމަކުރުން ކަމަށް!؟

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން: މައްސަލަ ނިންމީ ޗެނަލް13އާ އެއްކޮޅަސް-- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަޖޫޖަހައި، ފުރައްސާރަކޮށް އެމަނިކުފާނަށް މަލާމާތް ރައްދުވާ ގޮތަށް ހަދާފައިވާ ފޮޓޯތަކެއް ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރި މައްސަލައިން އެ ސްޓޭޝަން ސަލާމަތްވެއްޖެއެވެ.

އެ މައްސަލައިން އެ ސްޓޭޝަން ސަލާމަތްވީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އެ މައްސަލަ ބަލައި ނިންމުމަށްފަހު، އެ ސްޓޭޝަނުން ގާނޫނާ ހިލާފު ނުވާ ކަމަށް ކަނޑައެޅުމުންނެވެ.

ބްރޯޑްކޮމްގެ އަމިއްލަ އިސްނެގުމަށް ބަލަން ފެށި އެ މައްސަލާގައި ޗެނަލް13 ހިންގާ ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ކުށްވެރިނުވާ ކަމަށް ކަނޑައެޅީ އެ ކޮމިޝަންގެ މައްސަލަ ބެލި މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ނިންމުމަށްފަހު އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ބްރޯޑްކާސްޓް ކުރި އެ ކޮންޓެންޓާ ގުޅިގެން ޗެނަލް13 އެކްޓިން ސީއީއޯ ހަސަން ޣައްސާން އެ ކޮމިޝަނަށް ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.

ޣައްސާން ދެއްވި ބަޔާނަށް ބަލާއިރު، އެ ކޮންޓެންޓުގައި ވަނީ ސީދާ ރައީސް މައުމޫން ކަމަށް ބުނެފައިނުވާނެ ކަމަށާއި މުޅި ކޮންޓެންޓްގެ ސުކްރިޕްޓަށް ބަލާއިރު، އޭގައި ވަނީ ބަޔަކު ކުރި ކަމެއްގެ މައްޗަށް ފާހަގަކޮށްފައި ހުރި ކަންތައްތަކެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.

ޗެނަލް13 އިން ދެއްކި އެ ކޮންޓެންޓުގައި ވަނީ ވެބްސައިޓެއްގައި ޝާއިއުކޮށްފައިވާ އެއްޗެއް ކަމާއި އެ ފޮޓޯތައް މިހާރު ވެސް އެ ވެބްސައިޓުގައި ފެންނަން އެބަހުރި ކަމަށް ޣައްސާންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައިވެއެވެ.

ބްރޯޑްކޮމްގެ ނިންމުމުގައި ވަނީ އެ މައްސަލައަށް ޖަވާބުދާރީވަމުން އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބުނާ ތެދު ބަޔާންކުރުން ދިފާއެއްގެ ގޮތުގައި ނަގާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެ ކޮންޓެންޓުގައި ދައްކާފައި ވަނީ މާޒީގައި ބައެއްގެ އަމަލުތައް ބައްޓަންވެފައި ހުރި ގޮތް ކަމަށާއި އެއީ ކުރީގައި ބަޔަކު ކޮށްފައިވާ ކަމެއް ކުށްވެރިކޮށް، އެކަން އެއީ ވެގެންވާނެ ކަމެއް ނޫންކަން ދެއްކުމުގެ ގޮތުންބްރޯޑްކާސްޓް ކުރި ކޮންޓެންޓެއް ކަމަށް ޗެނަލް13 ހިންގާ ކުންފުނިން ބުނާ ކަމަށެވެ.

އެހެންކަމުން އެ ކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތެދު ބަޔާން ކުރުމުގެ ގޮތުން ދެއްކި ކޮންޓެންޓެއް ކަމަށް ކަނޑައަޅައި، އެއީ އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނާ ޚިލާފު ކޮންޓެންޓެއް ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް