އެރެބިއަން ނައިޓްސްގެ އޮރިޖިނަލް ފޮތް 250،000 ޑޮލަރަށް

އެރެބިއަން ނައިޓްސްގެ އޮރިޖިނަލް ފޮތް ވިއްކަނީ 250،000 ޑޮލަރަށް -- ފޮޓޯ: ޚަލީޖްޓައިމްސް

"ވަން ތައުޒަން އެންޑް ވަން ނައިޓްސް" ނުވަތަ "އެރެބިއަން ނައިޓްސް"ގެ އޮރިޖިނަލް ފޮތް 250،000 ޑޮލަރަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި އޮތް ބުކްފެއާއެއްގައި ވިއްކަން ނިންމައިފި އެވެ.

ޔޫއޭއީގެ ޚަލީޖް ޓައިމްސްއާ ވާހަކަ ދައްކަމުން އެފޮތުގެ ވެރިޔާ، މުހައްމަދ އާސިފް ބުނި ގޮތުގައި އޭނާ އެފޮތް ހޯދީ ފްރާންސުގެ ވެރިރަށް ޕެރިހުންނެވެ. އަދި މުޅި ދުނިޔޭގައި އޮންނަނީ އެ ފޮތުގެ އަށް ކޮޕީ ކަމަށާއި އެއީ އެފޮތް ހަލާކުކޮށް އަންދަން ބައެއް ދީނީ އިލްމުވެރިން ގޮވާލުމުން ކުރި ކަމެއް ކަމަށް އެނޫހުގައިވެ އެވެ.

ޔޫއޭއީގެ ޝަރުޖާހު އިންޓަނޭޝަނަލް ބުކް ފެއާ (އެސްއައިބީއެފް)ގައި ވިއްކަން ބާއްވާފައިވާ އެފޮތަކީ ތަފާތު ގަރުނުތަކުގެ ވާހަކަތަކާއި އަރަބި، ފާރިސީ، ގްރީކް އަދި އިންޑިއާގެ ވާހަކަތައް ހިމެނޭ ފޮތެކެވެ. އަރަބިން އަލިފް ލައިލާ ވަ ލައިލާގެ ނަން ދީފައިވާ އެފޮތަށް ބައެއް ފަހަރު "ޓޭލްސް އޮފް ދި ތައުޒަން ނައިޓްސް"ގެ ނަން ކިޔާ ނަމަވެސް އެފޮތުގައި 1،001 ވާހަކަ ހިމެނެ އެވެ.

އެރެބިއަން ނައިޓްސްގެ އޮރިޖިނަލް ފޮތުގެ އިތުރުން އެސްއައިބީއެފްގައި ހުންނަ އާސިފްގެ ސްޓޯލުގައި ގިނަ އަދަދެއްގެ ތާރީހީ ލިޔުންތައް ހިމެނެ އެވެ. އޭގެ ތެރޭގައި އިސްލާމީ ދުނިޔެއިން ހެދި ފުރަތަމަ ޗާޓު ފޮތް ވެސް ހިމެނެ އެވެ. އޭގެ އަގު 150،000 ޑޮލަރަށް އަރާ އިރު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ދުނިޔޭގައި އޮތީ އޭގެ އެންމެ 10 ކޮޕީ އެވެ. (ޚަލީޖް ޓައިމްސް)

comment ކޮމެންޓް