ގްރީން ލަދުގަންނަވާލައި، ތިނަދޫން މުހިންމު މޮޅެއް ހޯދައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު އާއި ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މިރޭގެ މެޗުގައި ތިނަދޫ ވަނީ 7-0 ލަނޑުގެ ނަތީޖާއަކުން ގްރީން އަތުން މޮޅުވެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ގްރީން ސްޓްރީޓްސް ލަދުގަންނަވާލައި، ގދ. ތިނަދޫން މުހިންމު މޮޅެއް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގުގެ ދެ ވަނަ ބުރު މެޗުގައި ގްރީންގެ މައްޗަށް ތިނަދޫން ކުރި ހޯދާފައި ވަނީ 7-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ލީގު ތާވަލުގައި ތިނަދޫ އޮތީ ކުޅުނު 12 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ. މިރޭގެ މެޗުން ބަލިވި ގްރީން ހަތަރު ވަނާގައި އޮތް އިރު، ތިނަދޫ އާއި ގްރީންއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ތިނަދޫން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ތިނަދުއަށް އަންސަރު އިބްރާހިމް (އަންކޮ) ލީޑު ހޯދައިދިން އިރު، މެޗުގެ 21 ވަނަ މިނެޓުގައި ތިނަދޫގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހޯސޭ އެލެކްސެންޑާ ހެނާންޑޭޒް އަވީލާ އެވެ. މެޗުގެ 31 ވަނަ މިނެޓުގައި ތިނަދުއަށް ލިބުނު ޕެނަލްޓީއަކުން އަވީލާ އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު، މެޗުގެ 32 ވަނަ މިނެޓުގައި އަވީލާ ވަނީ ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ހަތް މިނެޓް ފަހުން ތިނަދޫގެ ފަސް ވަނަ ލަނޑު އަހްމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކޮށްދިން އިރު، މެޗުގެ 56 ވަނަ މިނެޓުގައި ރިޒޭ ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ތިނަދޫގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިސަމެވެ.

ލީގު މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ދުވަހުގެ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. އަދި އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

comment ކޮމެންޓް