ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

ރާއްޖެ ޓީވީ ހިންގާ އާރުޖީ ޓަވަރ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރި ކަމަށް ކަނޑައަޅައި ފަސް ލައްކަ ރުފިޔާއިން ކުރި ޖޫރިމަނާ ރާއްޖެ ޓީވީން މިއަދު ދައްކައިފި އެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހު ރާއްޖެ ޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލާފައި ވާތީ އެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ނުހައްގުން ކަމަށެވެ. އެހެން ކަމުން އެ ފައިސާ އަނބުރާ ރާއްޖެޓީވީއަށް ލިބެން ޖެހޭނެ ކަމަށާއި އެ ފައިސާ ހޯދުމަށް ކޯޓު މަރުހަލާއަށް ދާނެކަމަށްވެސް ފިޔާޒު ވިދާޅުވި އެވެ.

ރާއްޖެޓީވީން ފައިސާ ހޯދާފައިވަނީ އަބުރުފުޅު ފަންޑުގެ ނަމުގައި ފަންޑެއް ބެއްހެއްޓުމަށް ފަހު ރައްޔިތުންގެ އެހީގަ އެވެ. ފިޔާޒު ވަނީ ފަނޑް ފޮއްޓަށް އެހީވި މީހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކޮށް، ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް މުސްތަފާ ވާހަކަދެއްކެވި ކަމަށް ތުހުމަތުކޮށް ފުލުހުން ވެސް އަންނަނީ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް