ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16ގެ މެޗުތައް މިރޭ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން: ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 50 ޓީމު ބައިވެރިވެފައިވެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16ގެ މެޗުތައް މިރޭ ފެށިގެން ދާނެއެވެ.

މާފަންނު ސްޓޭޑިއަމް ވެލި ދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތުގެ 16ގައި ވާދަ ކުރާނީ ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކެވެ. ގަދަ 16ގެ މެޗުތައް ކާމިޔާބު ކުރާ ޓީމުތަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ.

އެގޮތުން މިރޭ 8:00ގައި ކުޅޭ ފުރަތަމަ މެޗުގައި ސ. ފޭދޫ އާއި ހދ. ކުމުންދޫ ބައްދަލުކުރާ އިރު، އެ ގަޑީގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ގަލޮޅު ޓީމާއި ބ. ތުޅާދޫ އެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި އއ. ފެރިދޫ އާއި ފ. ނިލަންދޫ ބައްދަލުކުރާ އިރު، އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ބައްދަލު ކުރާނީ ށ. ބިލެއްފަހި އާއި މ. މަޑުއްވަރީ އެވެ.

މިރޭ 10:00ގައި ކުޅޭ އެއް މެޗުގައި ލ. ގަމާއި ހެންވޭރު ބައްދަލުކުރާ އިރު، އެ ގަޑީގައި ކުޅޭ އަނެއް މެޗުގައި ބައްދަލު ކުރާނީ އދ. ކުނބުރުދޫ އާއި ކ. ގާފަރެވެ. މިރޭ 11:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ރ. އިނގުރަދޫ އާއި ގއ.ނިލަންދޫ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓަށް ވަނީ އޮޓަމެޓިކުން ކުއާޓާ ފައިނަލުގެ ފުރުސަތު ލިބިފައެވެ.

މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ހުށަހަޅާފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.

comment ކޮމެންޓް