މިހާރުވެސް ކުރިމަތި ކުރުވަނީ ނުރައްކާތެރިކަން ކުޑަ އުދުވާނުތަކެއް ނޫން: ރައީސް

ރައީސް ޔާމިން: ނަސްރުގެ ދުވަހާ ގުޅިގެން ވިދާޅުވީ ދިވެހިން ނުގުޑާފަދަ އަޒުމެއްގައި ތިބުމަށް--- ފޮޓޯ/ ރައީސް އޮފީސް

ނަވާރަސަތޭކަ އަށްޑިހައަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާ ދިން ގޮތަށް މިހާރުވެސް ރާއްޖޭގެ ދުޝްމަނުން ޤައުމުގެ އެތެރެއިންނާއި ބޭރުން ކުރިމަތި ކުރުވަމުން ގެންދަނީ ނުރައްކާތެރިކަން ކުޑަ ޢުދުވާނުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ނަސްރުގެ ދުވަހާ ގުޅިގެން، ދެއްވި ހިތާބުގަ އެވެ.

ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވި ނޮވެންބަރު 3 ގެ ޢުދުވާނުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހަރުދަނާ އިޚްލާޞްތެރި ނަމޫނާއިން ހިތްވަރު ލިބިގަނެގެން، ޤައުމު ދިފާޢުކުރުމުގެ ޢަޒުމުގައި ސާބިތުވެ ދިވެހިން ތިބެންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއް ވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދިޔަނުދިނުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް ދިވެހިންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"މި ދިވެހި ޤައުމުގެ ލޮބުވެތި މުވާޠިނުންނަށް މިއަދު އަޅުގަނޑު ކުރާ އިލްތިމާސަކީ، ދިވެހި ޤައުމުގެ ސަރަޙައްދުގެ ކިތަންމެ ކުޑަ މިންވަރެއްވެސް، ބޭރު ބައެއްގެ ނުފޫޒުގެ ދަށަށް، ކުޑަ ހިނދުކޮޅަކަށްނަމަވެސް ދިޔަނުދެއްވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމެވެ. ނޮވެންބަރު 3 ގެ ޢުދުވާނުން ސަލާމަތްވުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހަރުދަނާ އިޚްލާޞްތެރި ނަމޫނާއިން ހިތްވަރު ލިބިގަނެގެން، ޤައުމު ދިފާޢުކުރުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވުމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލައިގެ ނުރައްކާތެރި ބިރުވެރި ހާދިސާގައި ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، އެ ދުވަހު ރާއްޖޭގެ ހުރިހާ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބައިވަންތަ ކަމާއި ވެރިންނަށް ކިޔަމަންތެރިވުމުގެ ނަމޫނާ ކަމުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ދުވަހުގެ ޢުދުވާނީ ޙަމަލާއާ ދޭތެރޭގައި ފިކުރު ހިންގާލާއިރު، އެ ޙަމަލާ ރޭވުމުގެ އަޑީގައި ތިބީ ދިވެހި ޤައުމަށް ޣައްދާރުވި ދިވެހިންގެ މަދު ބައެއް ކަމަށާއި، މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބި ކަމަށެވެ.

"މިއަދުވެސް އެފަދަ ޣައްދާރުން ދިވެހިންގެ ތެރޭގައި ތިބިކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ޤައުމުގެ ދުޝްމަނުން، ޤައުމުގެ އެތެރެއިންނާއި ބޭރުން، މިހާރުވެސް ކުރިމަތި ކުރުވަމުން ގެންދަނީ ވަކި ނުރައްކާތެރިކަންކުޑަ ޢުދުވާނުތަކެއް ނޫނެވެ. އެފަދަ ޢުދުވާނުތަކުގެ ފޮރުވިފައިވާ ސިއްރަކީ، އެބައެއްގެ އަމިއްލަ އެދުންތައް ޙާޞިލުކުރުމަށް އެކިގޮތްގޮތުން މަސައްކަތްކުރުމެވެ. ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމާއި، ޤައުމުގެ ވެރިކަން ހޯދުމެވެ. އެހެންކަމާއެކު، މިއަދުވެސް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން ސާބިތުކޮށްދެއްވަން ޖެހެނީ، ވަރަށް ވަރުގަދަ ޤައުމީ އެއްބައިވަންތަ ކަމަކާއި ކިޔަމަންތެރި ކަމެކެވެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، އެ ދުވަހުގެ ހަނދާން އާ ކުރާއިރު ވިސްނަންވީ އެންމެ މުހިންމު އެއްކަމަކީ އެފަދަ ނުރައްކާތެރި ދުވަހެއް ދެން ޤައުމަށް ކުރިމަތިވިޔަ ނުދިނުމަށް ވިސްނައި ތައްޔާރުވެ، ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައި ސާބިތުވެ ތިބުމަށެވެ. އެކަން ކުރެވޭނީ ދިވެހިންގެ ހިތްތަކުގައި ޤައުމުދެކެ ލޯބިވުމުގެ ރޫޙު އާލާކޮށްގެން، އިޚްލާޞްތެރިކަމުގެ ރޫޙު ދަމަހައްޓައިގެން، ޤައުމީ ސަލާމަތުގެ އަށްޑަނަ އުފުލައިގެންކަމުގައި ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.

comment ކޮމެންޓް