ބޮސް މާދަމާ ރޭ ހުރައަށް!

ދިވެހި ފިލްމް "ބޮސް" ރިލީޒްކުރުމަށް ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ ވާހަކައަކަށް އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށްފައިވާ "ބޮސް" ހުކުރު ދުވަހުގެ ރޭ ކ. ހުރާގައި އަޅުވާގޮތަށް ހަމަޖެއްހިފައި ވާކަމަށް ކްރިސްޓަލް އެންޓަޓެއިންމަންޓުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއަރކުރި އަސަރު ގަދަ ލޯބީގެ ފިލްމު "ބޮސް"ގެ ޕްރޮޑިއުސަރު ނަހޫ ސަންއަށް ބުނީ، ފިލްމު މާލޭގައި ރިލީޒްކުރުމާއެކު، އަތޮޅުތަކުންވެސް ފިލްމު އަޅުވައިދިނުމަށް އެދެމުން އަންނަ ކަމަށެވެ.

އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށް، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރާ ދިވެހި ފިލްމު "ބޮސް"ގެ ލީޑުރޯލުން ފެނިގެން ދާނީ، މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން -- ސަން ފޮޓޯ: ކްރިސްޓަލްއެންޓަޓެއިންމަންޓް

ނަހޫ ބުނީ، މި ފެށޭ ހަފްތާ ބަންދުގައި ހަމައެކަނި ހުރާގައި ފިލްމު އެޅުވުމަށް ހަމަޖެހިފައި ވީ ނަމަވެސް، ކުރިއަށް އޮތް ހަފްތާ ބަންދާއި އަދި އޭގެ ފަހުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮސް، ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ހުކުރު ދުވަހުގެ ރޭ އަޅުގަނޑުމެން ނިންމާފައި މިވަނީ ކ. ހުރާގައި ބޮސް އަޅުވަން. އޭގެ ފަހުން، އަންނަ ހަފްތާ ބަންދުގައި، އައްޑޫ ސިޓީ، ގއ. ގދ. އަދި ކުޅުދުއްފުށީގައި ފިލްމު ދައްކާގޮތަށް ހަމަޖެހިފައި ވަނީ،" ބޮސްގެ ޕްރޮޑިއުސަރު ބުންޏެވެ.

ބޮސް އިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

މީގެ އިތުރުން "ޑިޕްރެޝަން"އިން އަރައިގަތުމަށް އިބާ ކުރިމަތިލާ ގޮންޖެހުންތަކާއި، އެކަމުގެ ތެރޭގައި ކުރެވޭ މަޖުބޫރީ ކައިވެންޏަކާ އެކައިވެނިން ލިބޭ ހިތްދަތިކަން، އަދި ލޯބިވާ މީހާ ނުލިބުމުން ކުރާ ހިތްދަތި އަސަރުވެސް ބޮސް ފިލްމުން ފެނިގެންދާނެއެވެ.

ފިލްމުގެ ބަތަލެއްގެ ގޮތުގައި ފެނިގެންދާ މުހައްމަދު ޔުނާން (ރާއިދު)، ތެދުވެރި ލޯތްބަކަށްޓަކައި ވާ ގުރުބާނީ، ބެލުންތެރީންގެ ލޯތައް ހަމަ ރަނގަޅަށް ވެސް ކަރުނައިން ފުރިގެންދާވަރު ވެއެވެ.

ދިވެހި ފިލްމު "ބޮސް"ގެ މަންޒަރެއް -- ސަން ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމަންޓް

ބޮސް އަކީ، މުޖްތަމައުތެރޭގައި މީހުންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވާ، ވަރަށް މުހިންމު މައްސަލައެއް ސަމާލުކަމަށް ގެނެސްދީ ހޭލުންތެރިކުރުވާ ފިލްމެކެވެ. އެއީ ކޮންމެ މީހަކަށް ކޮންމެ ފަދަ ހާލަތެއްގައި ވެސް ދިމާވެދާނެ ކަމެއްކަމަށްވާއިރު، މިފަދަ ކަންކަމުގައި އަމަލުކުރާންވީ ކިހިނެތްކަން ބުނެދީ ވަރަށް ފުރިހަމަ މެސެޖެއް މި ފިލްމުން ބެލުންތެރީންނާއި މުޅި މުޖްތަމައަށްވެސް ދޫކޮށްލައެވެ.

މިހާތަނަށް ބޮސްގެ ދެ ޝޯ ދައްކާފައި ވާއިރު، ފުރަތަމަ 9 ޝޯގެ ޓިކެޓްވެސް ވަނީ ގާތްގަނޑަކަށް އެއްކޮށް ވިކިފައެވެ. އަދި މިއަދުން ފެށިގެން ބޮސްގެ 11 ވަނަ ޝޯއާ ހަމައަށް ޓިކެޓް ދޫކުރަން ފަށާނޭކަމަށްވެސް ޕްރޮޑިއުސަރު ނަހޫ ބުންޏެވެ.

ބޮސްގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. ޓިކެޓް ވިއްކަނީ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުންނެވެ. އަދި 7974426އަށް ގުޅައިގެން ޓިކެޓްގެ މައުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން ބޮސް އަޅުވަން ބޭނުންވާ ރަށްރަށުން އޭޖެންޓުންނަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ.

comment ކޮމެންޓް