ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު -3

އެދުވަސްވަރު ޖީލާނާއި ބަޣުދާދާ ދެމެދު އާދަވެގެން ޤާފިލާތައް ދަތުރުކުރެއެވެ. އެހެންކަމުން އަބްދުލްޤާދިރު ޖިލާނީގެ މައިކަނބަލުން އެކަމަނާގެ ދަރިކަލުން ދަތުރުވެރީންގެ ޤާފިލާއެއްގައި ބަޣުދާދަށް ފޮނުއްވަން ހަމަޖެއްސެވިއެވެ. އަބްދުލްޤާދިރު ޖިލާނީގެ މައިކަނބަލުން އެކަމަނާގެ ދަރިކަލުންނަށް ސާޅީސް ދީނާރު ދެއްވިއެވެ. އެކަލޭގެފާނުގެ ހެދުންކޮޅުގެ އެތެރޭ ޖީބަކަށް ސާޅިސް ދީނާރު ލައްވައި ފައްސަވައިދެއްވިއެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެދުވަސްވަރު މަގުފޭރޭމީހުންގެ ނުރައްކާ ބޮޑުކަމުންނެވެ. ދަތުރުއެރެހެއްޓެވި އިރު ދަރިކަލުންނަށް ވަޞިއްޔަތްކުރެއްވިއެވެ. " ދަރިފުޅާއެވެ. އެއްވެސް ޙާލެއްގައި ދޮގެއް ނަހަދާށެވެ. ތެދުބަހުން ވާހަކަ ދައްކާށެވެ."

މަޝްހޫރު ޙާދިޘާއެކެވެ. ޢަބްދުލްޤާދިރު ޖީލާނީ ދަތުރުކުރެއްވި ޤާފިލާއަށް މަގުފޭރޭ މީހުން ޙަމަލަދީ ޤާފިލާފޭރިގަތެވެ. އެކި މީހުނާ ވަކިވަކީން ސުވާލުކޮށް މީހުންގެ އަތުގައި ހުރިނަމަ ހުރި އެއްޗެއްވެސް އަތުލައިގަތެވެ. މަގުފޭރޭ މީހަކު ޢަބްދުލްޤާދިރުގެފާނު ހައްޔަރުކޮށްގެން އެކަލޭގެފާނާ ސުވާލުކުރިއެވެ. " ކަލޭގެ އަތުގައި ހުރީ ކޮން އެއްޗެއްހެއްޔެވެ؟" އަބްދުލްޤާދިރު ޖިލާނީ ނުހަނު ހިތްޕުޅުހަމަޖެހިވަޑައިގަތުމާއެކު ޖަވާބުދެއްވިއެވެ.

" އަހަރެންގެ އަތުގައި ސާޅިސް ދީނާރު އެބައޮތެވެ." ހެދުންކޮޅުގެ ތެރޭގައި ހަރުކޮށްފައިވާ ސިއްރު ޖީބެއްގައި އެފައިސާ ހުރި ވާހަކަ ވިދާޅުވިއެވެ. މަގުފޭރޭމީހާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. އޭނާގެ ހިތަށްއެރިއެވެ. މިކުއްޖާ އެފައިސާ ހުރި ވާހަކަ ނުބުނިނަމަ އަހަރެމެންނަކަށް އޭނާގެ އަތުގައި ފައިސާ ހުރި ކަމެއް ނޭގުނީހެވެ. އެހެންވީއިރު މިކުއްޖާ އެފައިސާހުރި ވާހަކަ އެބުނީކީއްވެބާވައެވެ. މަގުފޭރޭމީހާ އެބައިމީހުންގެ ސަރުދާރުންގެ ގާތަށް އެކަލޭގެފާނު ގެންދިޔައެވެ. މަގުފޭރޭމީހުންގެ ސަރުދާރު ސުވާލުކުރިއެވެ.

" ކަލޭ ފޮރުވާފައިހުރި ފައިސާގެ ވާހަކަ ތިޔަހައި ފަސޭހައިން ތިޔަ ބުނީ ކީއްވެހެއްޔެވެ؟ އަބްދުލްޤާދިރު ޖިލާނީ ވިދާޅުވިއެވެ. "އަހަރެންގެ މަންމަ އަހަރެން އެރެހެއްޓެވިއިރު ވަނީ ދޮގުނަހަދަން ނަސޭޙަތްދެއްވައިފައެވެ. ދޮގުނަހަދަން އަހްދުކުރުއްވައިފައެވެ. އެހެންކަމުން އަހަރެން ތެދުބަހުން ޖަވާބުދިނީއެވެ."

މަގުފޭރޭމީހުންގެ ސަރުދާރަށް އަބްދުލްޤާދިރު ޖިލާނީގެ ވާހަކަފުޅު އަޑުއިވުމުން އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ހިތަށްއެރިއެވެ. އަހަރެމެން އަހަރެމެންގެ ވެރި ﷲ ގެ ޢަހްދުފުޅާ މިޚިލާފުވަނީއެވެ. ނުކިޔަމަންތެރިވަނީއެވެ. އެކަމަކު މިކުއްޖާ އޭނާގެ މަންމަ ގާތުވެފައިވާ ވަޢުދަކާވެސް ޚިލާފެއްނުވިއެވެ. މަގުފޭރޭ މީހުންގެ ސަރުދާރުގެ މި އިޙްސާސް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްލިއެވެ. ޤާފިލާގެ މީހުންގެ މުދާތައް ރައްދުކުރިއެވެ. މަގުފޭރޭ ޖަމާއަތުގެ އެންމެން ތައުބާވިއެވެ. ކުރިއަށް އޮތްތާގައި ތެދުމަގުގައި ސާބިތުވެތިބުމަށް ހެޔޮހިތުން ވަޢުދުވިއެވެ.

މުޙައްމަދުލް ފާތިޙުގެ މަންމަ

ބައިޒަންޓައިން އެމްޕަޔަރުގެ ވެރިރަށް ޤުސްޠަންޠިނިއްޔާ ފަތަޙަކުރުމަކީ ޞަޙާބީންގެ ދައުރުއްސުރެ މުސްލިމުން ނުހަނު ދަހިވެތިވެފައި އޮންނަ ކަމެކެވެ. ޤުސްޠަންޠިނިއްޔާއަށް އެންމެ ފުރަތަމަ ޙަމަލަދޭ އިސްލާމީ ލަޝްކަރާ ބެހޭގޮތުންނާއި އެރަށް ފަތަޙަކުރާ މުޖާހިދުންނާ ބެހޭގޮތުން ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވައިފައިވާ ބަޝާރަތްތަކަށްޓަކައެވެ. އޭގެތެރެއިން އެއްބަސްފުޅެއްގެ މާނާގައިވެއެވެ.

" ތިޔަބައިމީހުންނަށް ޤުސްޠަންޠިނިއްޔާ ފަތަޙަވާނެއެވެ. އެލަޝްކަރެއްގެ ޒަރީއާއިން އެރަށް ފަތަޙަވާ ލަޝްކަރަކީ ނަސީބުވެރި ލަޝްކަރެކެވެ. އެލަޝްކަރުގެ އަމީރަކީވެސް ނަސީބުވެރިޔެކެވެ. އެލަޝްކަރާއި ލަޝްކަރުގެ އަމީރަކީ ބާއްޖަވެރިކަމުގެ އަހުލުވެރީންނެވެ. ( އަޙްމަދު ، ޙާކިމް، އިބްނު އަބީ ޝައިބާ)

އެހެންކަމުން މުސްލިމުންވަނީ އެރަށް ފަތަޙަކުރަން އެތައް ފަހަރަކު މަސައްކަތްކޮށްފައެވެ. މުސްލިމުން އެންމެ ފުރަތަމަ ޤުސްޠަންޠިނިއްޔާއަށް ޙަމަލަދިނީ އަމީރު މުޢާވިޔަތުގެފާނުގެ ޚަލީފާކަމުގައެވެ. ޞަޙާބީންގެ ތެރެއިން ދަރަޖަމަތިވެރި އެތައް ބޭކަލުންނެއްވެސް އެލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އައްބާސީ ޚަލީފާ ހާރޫނުއްރަޝީދުވެސް އެއްލައްކަ ސިފައިންނާއިގެން އަމިއްލަފުޅަށް ވަޑައިގެން އެރަށަށް ޙަމަލަދެއްވިއެވެ. ނަމަވެސް އަރަހުށި ﷲ އެރަށް ފަތަޙަކުރުން ލިޔުއްވައިފައިވަނީ ޢުޘްމާނީ ތުރުކީންގެ ނަސީބުގައެވެ. ސުލްޠާނު މުޙައްމަދުލް ފާތިޙުގެ ނަސީބުފުޅުގައެވެ. މުޙައްމަދު ފާތިޙަކީ ވަރަށް އަރާހުންނެވި އަސްކަރީ ގާއިދެކެވެ. ޢިލްމާއި އަދަބުގެ ޒައުޤުހުރި ޤާބިލު ބޭފުޅެކެވެ.

ސުލްޠާނު މުޙައްމަދުލް ފާތިޙަށް ވަރަށް ހަރުދަނާ މައިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. މުޙައްމަދުގެ ހިތްޕުޅުގައި ޤުސްޠަންޠިނިއްޔާ ފަތަޙަކުރެއްވުމުގެ ޝައުޤުއުފެއްދެވީ އެނާގެ މަންމާފުޅެވެ. މުޙައްމަދު ތުއްޕުޅުއިރުއްސުރެ އެކަމަނާ މުޙައްމަދަށް ރަނގަޅު ތަރްބިޔަތެއްދެއްވިއެވެ. ހިތްވަރުފުޅުގަދަ، އަޒުމު ވަރުގަދަ ބޭފުޅަކަށް ހެއްދެވިއެވެ. މުޙައްމަދު ތުއްޕުޅުއިރުއްސުރެ އެކަމަނާ މުޙައްމަދަށް ޤުސްޠަންޠިނިއްޔާގެ ރަށްބޭރު ފާރުދައްކަވައެވެ. ނުހަނު ޔަޤީންކަމާއި އިތުބާރާއި އުންމީދާއެކު ވިދާޅުވެއެވެ. " އޭ މުޙައްމަދެވެ! މިގަދަފަދަ ފާރުތަކުން ވަށައިލެވިފައިވާ ރަށް ފަތަޙަކުރާނީ ދަރިފުޅެވެ. މާތް ﷲ ގެ އިރާދަފުޅާއެކު ދަރިފުޅަށް އެކަންކުރެވޭނެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރަށް ފަތަޙަކުރާ އަމީރަކާ ބެހޭގޮތުން ދެއްވައިފައިވާ ހެޔޮކަމުގެ ނިމުތު ޙަޤީޤަތަކަށްވާނީ ތިޔަލޯބި ދަރިފުޅުގެ އަތްމަތީގައެވެ."

ތުއްޕުޅު މުޙައްމަދު ސުވާލުކުރެއްވިއެވެ. " ލޯބިވާ މަންމާއެވެ. އަޅުގަނޑަށް އެފަދަ ބޮޑު ރަށެއް ފަތަޙަކުރެވޭނީ ކިހިނަކުންތޯއެވެ؟" މުޙައްމަދުގެ މަންމަ ޖަވާބުދެއްވިއެވެ. " ދަރިފުޅު އެރަށް ފަތަހަކުރާނީ ޤުރުއާނުގެ ބަރަކާތާއި، ވެރިކަމުގެ ބާރާއި، ހަތިޔާރުގެ ތޫނުކަމާއި ރައްޔިތުންގެ ލޯބި އެއްކޮށްލައިގެންނެވެ."

މުޙައްމަދުލްފާތިޙު މަންމާފުޅު ދަރިކަލުންނަށް ހިތްވަރުދެއްވަމުން ގެންދެވިއެވެ. އަޒުމު ވަރުގަދަ ކޮށްދެއްވަމުންގެންދެވިއެވެ. މުޙައްމަދުލްފާތިޙުގެ ބައްޕާފުޅު އަވަހާރަވެ އޭނާއަށް މުސްތަޤިއްލު ގޮތެއްގައި ރަސްކަން ލިބިވަޑައިގެންނެވީ އުމުރުފުޅުން ބާވީސް އަހަރުފުޅުގައެވެ. މުޙައްމަދުލްފާތިޙުގެ ބައްޕާފުޅު ސުލްޠާނު މުރާދު (ދޭއް) އަވަހާރަވީ ދުވަހު މުޙައްމަދުގެ މަންމަ އޭނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު މުޙައްމަދުގެ އިންނެވީ ކީރިތި ކުރައްވާށެވެ. އެވަގުތު އެކަމަނާ ދަރިކަލުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. " ބަލަ ދަރިފުޅު ރޮނީހެއްޔެވެ؟ މަންމަމެން އަންހެނުންނަށް ދެން އޮތީ ކޮންކަމެއް ހެއްޔެވެ؟ އަވަހަށް ތެދުވާށެވެ! ތައްޔާރުވާށެވެ. ޤުސްޠަންޠިނިއްޔާ އެއިންތިޒާރުކުރަނީ ދަރިފުޅަށެވެ. ދަރިފުޅުގެ ބައްޕަގެ ދުޝްމިނުން ހަފަރާތުގައި އެބަތިއްބެވެ. އެމީހުން ބަލަބަލައި އެތިބީ ބައްޕަގެ ހިޔާވަހިކަމުން މިދައުލަތް މަޙްރޫމުވާނެ ދުވަހަކަށެވެ. އަވަހަށް މިހުރިހާ ކަމެއް ސަމާލުކުރާށެވެ." ޝައްކެއްނެތެވެ. ޢުޘްމާނީ ތުރުކީގެ ރަސްކަލެއްކަމުގައިވާ މުޙައްމަދު ޘާނީ މުޙައްމަދުލް ފާތިޙަކަށް ހެއްދެވީ އޭނާގެ ދަރަޖަ މަތިވެރި މާތް މަންމައެވެ.

ޑޮކްޓަރ އިޤްބާލުގެ މަންމަ

މުސްލިމުންގެ އަރައިހުންނެވި މުފައްކިރު ޢައްލާމާ މުޙައްމަދު އިޤްބާލުގެ މައިކަނބަލުންނަކީވެސް މިރޮނގުން ފާހަގަކުރަންޖެހޭ ބޭކަނބަލެކެވެ. ނުހަނު ތަޤްވާވެރި، ވަރަޢަވެރި، ޒާހިދު ބޭކަނބަލެކެވެ. ޑޮކްޓަރ އިޤްބާލު ރައްކާވުމަށްފަހު އެކަމަނާ އިޤްބާލުގެ ތަރްބިޔަތަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވިއެވެ. ޑޮކްޓަރ އިޤްބާލަށް ފަރިއްކޮޅު އަރުވާއިރު އެއްވެސް ކަހަލަ ޝުބުހައެއް ނެތް ޙަލާލު ތަކެތި ދެއްވަން އެކަމަނާ ބޭނުންފުޅުވިއެވެ. އެގޮތުން ޔަޤީންކަން ހޯއްދެވުމަށްޓަކައި އެކަމަނާގެ ގަހަނާކޮޅުތަކުގެ ބައެއް ވިއްކަވައިލައްވައިގެން ކިރުބަކަރިއެއް ބައްލަވައިގެންނެވިއެވެ. އިޤްބާލު ތުއްޕުޅުއިރު އިޤްބާލަށް އެރުއްވީ އެބަކަރީގެ ކިރެވެ. ޙަލާލު އާމްދަނީ ހޯއްދަވަން ފިރިކަލުންނަށްވެސް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. އެކަމަނާގެ އަރިހުން އިޤްބާލަށް ކިރުފޮދު އެރުއްވީ ފިރިކަލުންގެ އާމްދަނީއަކީ އެއްވެސް މިންވަރެއްގެ ޝުބުހައެއް ނެތް ޙަލާލު އާމްދަނީކަން ކަށަވަރުކުރެއްވުމަށް ފަހުގައެވެ. އިޤްބާލުގެ މިންނެތް ދީނީ އަދި ޤައުމީ ޚިދުމަތްތަކަކީ އިޤްބާލުގެ މައިކަނބަލުން އިޤްބާލަށް އެރުއްވި ޙަލާލު ފަރީއްކޮޅާއި އެކަމަނާގެ ހަރުދަނާ ތަރްބިޔަތުގެ ފޮނިމޭވާއެވެ.

ތޯމަސްއެޑިސަންގެ މަންމަ

ތޯމަސްއެޑިސަން (1847-1931) އަކީ މުޅިދުނިޔެ އޭނާގެ ނަންފުޅު ދަންނަ މަޝްހޫރު ސައިންސުވެރިޔެކެވެ. އޭނާ އިލެކްޓްރިކު ވޯލްޓޭޖު ގުނާ މެޝިން އީޖާދުކުރެއްވީ އޭނާގެ އުމުރުން އެންމެ އެކާވީސް އަހަރުގައެވެ. 1882 މ. ގައި އޭނާ ވަނީ ނިއުޔޯކުސިޓީގައި ގޭގޭގައި ބޭނުންކުރާ އިލެކްޓްރިކް ހަކަތަ އުފައްދަވަން ފައްޓަވައިފައެވެ. ގޭގޭގައި އިލެކްޓްރިކް ހަކަތަ ބޭނުންކުރުން ޢާއްމުވީ އޭގެފަހުންނެވެ. މި މަތިވެރި ސައިންސުވެރިޔާގެ އިބްތިދާއީ ތަޢުލީމުގެ މަރްޙަލާގައި އޭނާ އެއްދުވަހަކު ސުކޫލުން ގެއަށް ވަޑައިގެންނެވިއިރު ބަންދުކޮށްފައި އޮތް ސިޓީއުރައެއް ގެންނެވިއެވެ. އޭނާގެ ކްލާސް ޓީޗަރ އޭނާގެ މަންމަޔަށް ދިން ސިޓީއެކެވެ. މަންމަ ސިޓީއުރަ ކެނޑުއްވުމަށްފަހު ސިޓީވިދާޅުވާން ފެއްޓެވުމާއެކު އޭނާގެ ލޯފުޅުން ކަރުނަ އޮހޭން ފެށިއެވެ. ނަމަވެސް ހަމައެވަގުތު އޭނާ އަމިއްލަ ނަފުސު ސަމާލުކުރެއްވިއެވެ. އޭނާ ތޯމަސްއަށް އެސިޓީ ވިދާޅުވެދެއްވިއެވެ.

" ކަމަނާގެ ދަރިކަލުންނަކީ ޖީނިއަސްއެކެވެ. އޭނާއާ އެކަށީގެންވާ ވަރަށް ވުރެ މިސުކޫލުގެ ފެންވަރުމާދަށެވެ. މިސުކޫލު މާކުޑައެވެ. މިތާކު އޭނާއަށް ކިޔަވައިދެވޭ ފެންވަރުގެ ޤާބިލު ޓީޗަރުންނެއްނެތެވެ. އެހެންކަމުން ކަމަނާ އަމިއްލަޔަށް އެނާއަށް ކިޔަވައިދެއްވާށެވެ."

އަހަރެތަކެއްގެ ފަހުން ތޯމަސްއެޑިޝަން އަރާހުންނެވި ސައިންސުވެރިއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި އިރު އޭނާގެ މަންމަ ވަނީ އަވަހާރަވެފައެވެ. ތޯމަސްއެޑިސަން އޭނާގެ އާއިލީ މުސްކުޅި ލިޔުންތަކެއް ހޯއްދަވަން އުޅުއްވަނިކޮށް އެއްކަލަ ސިޓީއުރަ ފެނިވަޑައިގެންނެވިއެވެ. އޭނާ އެ އުރައިގައި އޮތް ސިޓީ ނަންގަވައިގެން ވިދާޅުވިއެވެ.

" ކަލޭގެ ދަރިފުޅަކީ ވަރަށް ގަބުކުއްޖެކެވެ. ސިކުނޑީގެ ގޮތުން ނުކުޅެދޭ ކުއްޖެކެވެ. އަހަރެމެންނަށް އޭނާ މިސުކޫލަކު އިތުރަކަށް ނުބެހެއްޓޭނެއެވެ."

އެސިޓީ ވިދާޅުވެފައި އެންމެ ފުރަތަމަ ކީރިތިކުރެއްވީ ތޯމަސްއެޑިސަންގެ މަންމައެވެ. ދެވަނަފަހަރަށް ކަރުނައިގެ ވާރޭ ވެއްސެވީ ތޯމަސްއެޑިސަނެވެ. އޭނާ އެދުވަހު އޭނާގެ ޑައިރީގައި ލިޔުއްވިއެވެ.

" ތޯމަސް އެޑިސަނަކީ ސިކުނޑީގެ ގޮތުން ނުކުޅެދޭ ގަބު ކުއްޖެކެވެ. އެކަމަކު މަތިވެރި މާތް މަންމައެއް އެކުއްޖާ މި ސައްތައިގެ އެންމެ ބޮޑެތި ސައިންޓިސްޓުންކުރެ އެކަކު ކަމުގައި ހެއްދެވިއެވެ. ދުނިޔޭގެ ހުރިހާ މަންމައިންނަށް ސަލާމްހުއްޓެވެ."

ޢަރަބީންގެ ޝާޢިރެއްކަމުގައިވާ ހާފިޒު އިބްރާހިމް ވިދާޅުވެފައިވަނީ ވަރަށްބޮޑު ތެދުފުޅެކެވެ.

"މަންމައަކީ އުސްތާޛުންގެ އުސްތާޒާއެވެ. މަންމަގެ މަސައްކަތް އުޑުތަކުގެ އުސްކަމާ ހަމަޔަށް އުހަށް އަރައިގެން ދެއެވެ."

މާއްދިއްޔަތަށް އަޅުކަންކުރާ ހުޅަނގުގެ ނިޒާމުގައި ޙަޔާތުގެ ހުރިހާ ދާއިރާއަކުންވެސް ވަނީ މަންމައިންގެ ދައުރާއި ޝަޚްޞިއްޔަތު ފޮރުވައިލައިފައެވެ. އަންހެނުންގެ ޙަޤީޤީ މަޤާމު އޮޅުވައިލައިފައެވެ. ސާފުތާހިރު އާއިލާ ދިރިއުޅުމަކުން އަންހެނުން ބޭރުކޮށް މައިވަންތަކަން ފޭރިގެންފައެވެ. ނަތީޖާއެއްގެ ގޮތުން އަންހެނުންވަނީ ދަރިންނަށް ތަޢުލީމާއި ތަރްބިޔަތު ދިނުމުގެ ވާޖިބުއަދާކުރުމުން މަޙްރޫމުވެފައެވެ. އާޖީލުތަކުގެ ދަރީން ސީދާމަގުން ކުރިޔަށް ގެންދިއުމުގެ ވާޖިބުއަދާކުރަން ނުކުޅެދިފައެވެ. ބަލައިލި ކޮންމެ ދިމާޔަކުންވެސް ޒުވާނުންގެ ކިބައިން ފެންނަމުން މިދާ ޢުދުވާނާއި، ނުކިއްސަރުކަމާއި، އަޚްލާޤީ އަގުތަކުން މަޙްރޫމުވުމަކީ އޭގެ ހިތިނަތީޖާއެވެ. ދުނިޔޭގައި ކޮންމެ ކަންކޮޅަކަށް ބެލިކަމުގައިވިޔަސް ގިނަޒުވާނުންގެ ކިބައިގައި ބޮޑެތި މީހުންނަށް ކަމޭހިތުމެއްނެތެވެ. އޯގާވެރިކަމެއް ހަމްދަރުދީއެއްނުހުރެއެވެ. އަޅުތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމެއް ނެތެވެ. ހެއްދެވިފަރާތުގެ ޙައްޤުތައް އަދާކުރުމުގެ ފިކުރެއް ޚިޔާލެއްވެސް ނުހުރެއެވެ. ޙައިރާންވާންޖެހޭކަމަކީ މިހުރިހާ ހަލާކެއް ގެނައުމަށްފަހުވެސް ހުޅަނގުގެ ފާސިދު ނިޒާމާއި، ލަގަނެއްނެތް ތަހްޒީބުގެ އަހްލުވެރީން އަންހެނުންނަށް އެކަނބަލުންގެ ޙަޤީޤީ މަޤާމު ހޯދައިދިނުމުގެ ނަމުގައި އަޑުއުފުލާތީއެވެ. ބައިނަލް އަޤްވާމީ މަންމައިގެ ދުވަސް ފާހަގަކުރުމުގެ ނައްރާގެ އަޑުއުފުލާތީއެވެ.

ޝައްކެއްނެތެވެ. މަންމައާއި ދަރިފުޅާ ދެމެދުގައިވާ ގުޅުމަކީ އިންސާނީ ޠަބީއަތުގައި ލައްވައިފައިވާ އެންމެ މުޤައްދަސް އެއް ގުޅުމެކެވެ. މަންމަޔާއި ދަރިފުޅާ ދެމެދުގައި އޮންނަ މައިދަރިކުލުނުގެ ޖަޒުބާތަކީ އެއާ ނުލައި އިންސާނުންގެ އިންސާނީވަންތަކަން ފުރިހަމަ ނުވާނެ ޖަޒުބާތެކެވެ. މަންމަގެ ދައުރަކީ ހަމައެކަނި ދަރިފުޅަށް ކިރުދިނުމެއްނޫނެވެ. ޖަޒްބާތުތަކާއި އިހްޞާސުތަކާއި، އަޚްލާޤާއި، ޝަޚްޞިއްޔަތާއި، ލޯތްބާއި، ކުލުނާއި، ކެތްތެރިކަމާއި، ހިތްވަރާއި، ފަންވަރާއި، ކެރުމާއި، ތެދުވެރިކަމާއި، އީމާންތެރިކަމާއި ޚިދުމަތުގެ ރޫޙާއި، މުރުއްވަތާ މިހުރިހާ ކަމެއްގެ ތަރުބިޔަތުދީ މިހުރިހާ ކަމެއް ކުދީންގައި އަށަގަންނުވަނީ މަންމައެވެ.

އިޢުތިރާޟުކުރުމަކަށް ޖާގައެއްނެތެވެ. ދިވެހީންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްފާޟިލާ އަލްމަރްޙޫމާ ޖަމީލާ ސަލީމު (ޖޭމު ދޮންކަމަނަ) އޭނާގެ ލަވައެއްގައި ކިޔުއްވައިފައިވާ ފަދައިން "ތަރްތީބު މަގުން ތަރްބިޔަތު ކޮށް ދަރިފުޅު ހާނާނީ މަންމައެވެ."

comment ކޮމެންޓް