ރޮހިންގާ މުސްލިމުން ދިރިއުޅޭ ސްޓޭޓަށް ސޫޗީ ވަޑައިގެންފި

މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީ ވަނީ ރާކައިން ސްޓޭޓަށް މިއަދު ވަޑައިގެންފަ -- ފޮޓޯ: އީޕީއޭ

ނޭޕީޑޯ (ނޮވެމްބަރު 2): ރޮހިންގާ މުސްލިމުން ދިރިއުޅޭ ރާކައިން ސްޓޭޓަށް އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީ މިއަދު ވަޑައިގެންފި އެވެ.

މިޔަންމާ ސަރުކާރުގެ ތަރުޖަމާނު ޒޯ ޓޭ ވިދާޅުވި ގޮތުގައި ރާކައިން ސްޓޭޓަށް ސޫޗީ ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި ސްޓޭޓުގެ ވެރިރަށް ސިޓްވޭގެ އިތުރުން މައުންގްޑޯ އާއި ބުތިޑުއަންގަށް ވަޑައިގަންނަވާނެ އެވެ. ނަމަވެސް ކުރިން އިއުލާން ކުރެއްވުމަކާ ނުލައި ސޫޗީ ކުރައްވާ އެޒިޔާރަތުގައި ރޮހިންގާ މުސްލިމުން ދިރިއުޅޭ އަވަށްތަކަށް އޭނާ ވަޑައިގަންނަވާނެ ކަމަށް ޒީ ޓޭ ވިދާޅުނުވެ އެވެ.

ރޮއިޓާސްގައިވާ ގޮތުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސޫޗީ ސިޓްވޭއަށް ވަޑައިގެންނެވީ އަސްކަރީ ހެލިކަޕްޓަރެއްގައި އިތުރު 20 މީހަކާ އެއްކޮށެވެ.

ސޫޗީ ރާކައިން ސްޓޭޓަށް ވަޑައިގެންނެވީ މިޔަންމާ އަސްކަރިއްޔާ އިން އެސްޓޭޓުގެ ރޮހިންގާ މުސްލިމުންނަށް އެތައް އަނިޔާތަކެއް ދެމުންދާތާ އެތައް ދުވަހެއް ފަހުންނެވެ. އަދި އެއަނިޔާގެ ސަބަބުން 600،000 އަށް ވުރެ ގިނަ މުސްލިމުން ގައުމު ދޫކޮށް ދާން މަޖުބޫރުވި ނަމަވެސް އަސްކަރިއްޔާގެ އަމަލުތައް ނުހުއްޓުވާތީ ސޫޗީއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އެ އަނިޔާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިދިޔަ ސެޕްޓެމްބަރު މަހު ސޫޗީ ވިދާޅުވި ގޮތުގައި ރޮހިންގާ މުސްލިމުންނަށް ކުރާ އަނިޔާއާ ބެހޭ ގޮތުން މީޑިއާތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެވެ. އަދި އެއީ ޓެރަރިޒަމް ޕްރޮމޯޓް ކުރަން ބަޔަކު ކުރާ ކަމެކެވެ. (ބީބީސީ)

comment ކޮމެންޓް