އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީގެ ލިންކް ރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގެ ތެރެއިން: އައްޑޫ ސިޓީ މަރަދޫފޭދޫ ބޮޑުމަގުގައި ދެ ސައިކަލެއް ޖެހި މިރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި -- ސަން ފައިލް ފޮޓޯ: ކިޔުންތެރިއެއް

އައްޑޫސިޓީ މަރަދޫފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ މަރަދޫފޭދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިރޭ ނުވައެއް ޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޯވަޓޭކް ކުރަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓުގައި އެއް ސައިކަލު ވަނީ ކޮންޓްރޯލް ނެއްޓި ކައިރީގައި ޕާކު ކޮށްފައި އޮތް ކާރެއްގެ ފަހަތަށް އަރާފައެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ދެ އަންހެނުން ތިބިއިރު އަނެއް ސައިކަލު ދުއްވަން އިނީ ފިރިހެނެއް ކަމަށްވެއެވެ.

ނަމަވެސް ތަކުރާރުކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލުންނަށް ގުޅުމުން، ޖަވާބު ނުދެއްވާތީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް