ދުންފަތް ބޭނުން ނުކުރާ މުވައްޒަފުންނަށް ހަ ދުވަހުގެ ޗުއްޓީއެއް ދޭން ނިންމައިފި

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް.

ޖަޕާނުގެ ކުންފުންޏެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި އިތުރު ހަ ދުވަސް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ޖަޕާނުގެ މާކެޓިން ކުންފުންޏެއް ކަމަށްވާ ޕިއާލާ އިން ތައާރަފުކުރި މި ޕޮލިސީގެ ދަށުން ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދުންފަތުގެ އިސްތިއުލާލު ނުކުރާ މީހުންނަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ހަ ދުވަހުގެ ޗުއްޓީ ދޭން ވަނީ ނިންމައިފަ އެވެ.

ކުންފުނީގެ މުވައްޒަފުންގެ ހިޔާލުފޮއްޓަށް ހުށަހަޅާފައިވާ ހިޔާލުތަކުގެ މައްޗަށް ބިނާކޮށް އެ ނިންމުން ނިންމީ "ދުންފަތުގެ އިސްތިއުމާލު ނުކުރާމީހުން އެނޫން މީހުންނަށްވުރެ ގިނަ ވަގުތު މަސައްކަތް ކުރާ" ކަމަށް ބުނެ މުވައްޒަފުން ޝަކުވާ ހުށަހެޅުމާ ގުޅިގެންނެވެ.

މި އޮފީހުގެ މުވައްޒަފުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ސިނގިރެޓް ބްރޭކްގެ ގޮތުގައި 15 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަކުރާ ކަމަށްވެ އެވެ. "މި ނިންމުމަކީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ސިނގިރޭޓްބޯ މީހުންނަށް އެކަން ހުއްޓުމަށް ހިތްވަރު ދިނުމަށް ނިންމި ނިންމުމެއް" ޕިއާލާގެ އޮފިޝަލަކާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ޖަޕާނުން އަންނަނީ އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދު ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކީ ވަނީ 2020 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ކުރިން ޓޯކިޔޯގެ އާންމު މަގުތައް މަތީ ސިނގިރޭޓް ބުއިން މަނާ ކުރުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު: އިންޑިޕެންޑެންޓް

comment ކޮމެންޓް