ރައިދާގެ ބުރުގާ ހެދުންތައް މާސިޑީޒް ބެންޒް ފެޝަން ޝޯގައި!

މާސިޑީޒް ބެންޒް ފެޝަން ވީކްގައި ދިވެހި ފެޝަން ޑިޒައިނާ ރައިދާ އިސްމާއިލް ޝަފީގް ބައިވެރިކުރި ހެދުންތައް -- ފޮޓޯ ރައިދާ

ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ޑިޒައިނަރުންގެ ހުނަރުވެރިކަން ދައްކައިލުމަށް ބާއްވާ އެންމެ ބޮޑު އެއް ފެޝަން ޝޯ މާސިޑީޒް ބެންޒް ފެޝަން ވީކްގައި ދިވެހި ފެޝަން ޑިޒައިނަރު ރައިދާ އިސްމާއިލް ޝަފީގްގެ ރީތި ބުރުގާ ހެދުން ކަލެކްޝަންއެއް ދައްކާލައިފިއެވެ.

ރައިދާ މޯލްޑިވްސްގެ ނަމުގައި އަމިއްލަ ފެޝަން ލައިނެއް ހިންގަމުން އަންނަ ރައިދާ އަކީ ބައިނަލްއަގްވާމީ ރަންވޭތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުން އަންނަ ހުނަރުވެރިއެކެވެ. މިއީ ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ރައިދާގެ ހުނަރު ދައްކައިލި ހަތަރުވަނަ ފަހަރެވެ.

މާސިޑީޒް ބެންޒް ފެޝަން ވީކްގައި ދިވެހި ފެޝަން ޑިޒައިނާ ރައިދާ އިސްމާއިލް ޝަފީގް ބައިވެރިކުރި ހެދުންތައް -- ފޮޓޯ ރައިދާ

މާސިޑީޒް ބެންޒް ފެޝަން ވީކްގައި ރައިދާގެ ބުރުގާ ހެދުންތަކެއް ދައްކާލާފައިވާއިރު މި ހެދުންތައް ފަރުމާކުރުމަށް އިންސްޕަޔާވީ އަބޫދާބީގައި ހުރި މަޝްްހޫރު ޝެއިޚް ޒައިދު މިސްކިތުގެ އިންޓީރިއާ އާއި މޮސައިކް މާބަލް ކަމަށް އޭނާ ބުންޏެވެ. ގަޔަށް ދޫކޮށް ދިގުކޮށް ފަހާފައި ހުރި މި ހެދުންތައް ހުރީ ޖޯޖެޓް ފޮއްޗާ ހުދު ޝިފޯން ފޮތިންނެވެ. މީގެ އިތުރުން އޭނާ އަމިއްލައަށް ކޮށްފައިވާ އެމްބޮއިޑަރީގެ މަސައްކަތްތައްވެސް މި ހެދުންތަކުން ފެނިގެން ގޮސްފައިވެއެވެ.

މާސިޑީޒް ބެންޒް ފެޝަން ވީކްގައި ދިވެހި ފެޝަން ޑިޒައިނާ ރައިދާ އިސްމާއިލް ޝަފީގް ބައިވެރިކުރި ހެދުންތައް -- ފޮޓޯ ރައިދާ

މިއީ މިފަދަ ކަލެކްޝަނެއް ސްރީލަންކާގެ ފެޝަން ޝޯއެއްގައި ދައްކައިލި ފުރަތަމަ ފަހަރެވެ. މި ކަލެކްޝަން ފުރިހަމަ ކުރުމަށް ހަތަރު މަހާ ބައި ހޭދަވިކަމަށް ރައިދާ ބުންޏެވެ. އޭނާ ބުނީ މި ކަލެކްޝަންއާ ދޭތެރޭ އާންމުންވެސް ހިތްހަމަ ޖެހިފައި ތިބި ކަމަށާ ރާއްޖެއާ ލަންކާގެ ގިނަ ބަޔަކުވެސް އެ މަސައްކަތް ބަލައިގަނެ ތައުރީފު ކުރި ކަމަށެވެ. މި ކަލެކްޝަންގެ ހެދުންތައް އަންނަ މަހުން ފެށިގެން މާލެ އާ ސްރީލަންކާ އިން ލިބެން ހުންނާނެ ކަމަށް ރައިދާ ބުންޏެވެ.

ދިވެހި ފެޝަން ޑިޒައިނާ ރައިދާ އިސްމާއިލް ޝަފީގް

ފެޝަން ޑިޒައިނިންގެ ދާއިރާގައި ހަރަކާތްތެރިވާތާ މިހާރު ފަސް އަހަރު ވެފައިވާ ރައިދާ ބުނީ އޭނާގެ "ހިޖާބް ވެއާ"ގެ އާ ކަލެކްޝަނެއް އަނެއްކާވެސް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށެވެ.

comment ކޮމެންޓް