"މަރުގެ ޚަބަރު ދިނީ އަންހެނެއް، ވީޑިއޯއަކުން ދެއްކީ ބައްޕަގެ ހަށިގަނޑު"

ބަންގުލަދޭޝްގެ ޑާކާގެ މަގެއްގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަޔަކު އެއްވެފައި-- ސަން ފައިލް ފޮޓޯ

މިއަދަކީ އޭނާ އެނބުރި ރާއްޖެ އަންނަން އޮތް ދުވަހެވެ. ރާއްޖެ އަންނަން އެއް ދުވަހަށް ވެފައި ވަނިކޮށް، މަރުގެ ހަބަރު ލިބުނީ އިއްޔެ ހެނދުނު އެވެ. އައްޑޫ ސިޓީ މަރަދޫފޭދޫ ކަލަރުމާގޭ، އުމުރުން 67 އަހަރުގެ އަބްދުﷲ ފަތުހީ (ބޯކޮށާ ފަތުހީ) މަރުވިކަން އާއިލާއަށް އެންގީ ބަންގުލަދޭޝް އަންހެނެކެވެ. އެ އަންހެން މީހާ ވީޑިއޯ ކޯލަކުން ދައްކާލީ ފުރާނަ ނެތް ފަތުހީގެ ހަށިގަނޑެވެ.

ފަތުހީގެ މަރާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ޖަވާބު ދިނީ ފަތުހީގެ ދަރިއެއް ކަމަށްވާ އަބްދުﷲ މަސީހުއެވެ. މަސީހު "ސަން"އަށް ރޭ ދީފައިވާ އިންޓަވިއުގެ މައްޗަށް މި ރިޕޯޓު ލިޔަމެވެ.

މަސީހު "ސަން"އަށް ކިޔައިދިން ގޮތުގައި ބައްޕަ ބަނގުލަދޭޝަށް ދާން އުޅުނުކަން އެނގުމުން ދަރިން އެކަމާ ދެކޮޅު ހެދި އެވެ. އަދި ބައްޕަ ބަނގުލަޝަށް ދިޔައީ މީހަކާ ކައިވެނި ކުރަންކަން އެނގުނީ އެ ގައުމަށް ދިޔަ ފަހުން ކަމަށް ވެސް މަސީހު ބުންޏެވެ.

"އަޅުގަނޑުމެން ނުފޮނުވަން ވަރަށް މަސައްކަތް ކުރިން. ދާން އުޅޭ ވާހަކަ ބުނީމަ އަޅުގަނޑުމެން ބުނިން ތިޔަކަލަ ތަންތަނަށް ދާން ނުވާނެއޭ. ތިއީ ވަރަށް އެހެންކަހަލަ މީހުން އުޅޭ ތަނެކޭ. ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއޭ. ބުނީމަވެސް ބައްޕަ އެކަމަކަށް ސަމާލުކަން ނުދީ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ދިޔައީވެސް،" މަސީހު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ބައްޕަ ބަންގުލަދޭޝަށް ދިޔައީ 100،000 ރުފިޔާގެ ލޯނެއް ބޭންކުން ނަގައިގެންނެވެ. އެ ލޯނު ނެގީ ދިރިއުޅޭ ގެ ރަހުނުކޮށްފައި ކަމަށް ވެސް މަސީހު ބުންޏެވެ.

އޭނާ ބުނީ ބައްޕަ އެ ގައުމަށް ދިޔައިރު ސިއްހީ ހާލަތު ރަނގަޅު ކަމަށާއި ގޭހުގެ ކަންތަކާއި ލޭ މައްޗަށް ދިޔުން ފިޔަވައި އިތުރު ސިއްހީ މައްސަލަތަކެއް ކުރިން ދިމާވެފައި ނުވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެ ގައުމުގައި ބައްޕަ އުޅުނުއިރު އާއިލާގެ މީހުންނާއި އެކުވެރިންނަށް ގުޅައި ހެދި ކަމަށާއި ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވި ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އޭނާ ބުނީ އޭނާގެ ބައްޕައާ ބަނގުލަދޭޝްގައި މާރާމާރީއެއް ހިނގި ކަމަށް ރަށުތެރޭގައި ތުންތުންމަތިން ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެ ވާހަކަ ދެކެވޭތީ އެކަމުގެ ހަގީގަތް ބަލަން ބޭނުންވާ ކަމަށް މަސީހު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައްޕަގެ ހަށިގަނޑު ރާއްޖެ ގެނެވޭތޯ އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

"ގުދުރަތީ މަރެއްގައި ކޮންމެ ފަދަ ވަގުތެއްގައި ވެސް މަރުވެދާނެ. އެކަން އަޅުގަނޑުމެންނަށް އަންޑަސްޑޭންޑްވޭ. މާޑާއެއްގެ ގޮތުގައި އަޅުގަނޑުމެން އަދި ފާހަގަ ކުރަނީކީ ނޫން. ސުވާލު އުފެދެނީ އަންހެން މީހާ [މަރުގެ ޚަބަރު ދިން އަންހެން މީހާ] ވާހަކަ ދައްކާ ގޮތުންނާއި އޭނަ ގުޅައިގެން އަމަލުކުރި ގޮތުގެ ސަބަބުން މި ޝައްކު އުފެދެނީ،" މަސީހު ބުންޏެވެ.

މަސީހު ބުނީ އިއްޔެ ހެނދުނު އަންހެނަކު އާއިލާގެ މީހަކަށް ގުޅައި ބައްޕަ މަރުވި ކަމުގެ މައުލޫމާތު ދިން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ އަންހެން މީހާ ގުޅީ "އީމޯ" ކިޔާ މޯބައިލް އެޕްލިކޭޝަނަކުންނެވެ. އީމޯ އެޕްލިކޭޝަނަކީ އޯޑިއޯ ކޯލް ކުރުމަށާއި ވީޑިއޯ ކޯލު ކުރުމަށް ބަނގުލަދޭޝް މީހުންގެ މެދުގައި މަގުބޫލު އެޕްލިކޭޝަނެކެވެ.

އަންހެން މީހާ ދިން ކުއްލި ޚަބަރާ ގުޅިގެން، އޭނާގެ ވާހަކަތައް ކަށަވަރު ކުރުމަށް ޓަކައި ރާއްޖޭގައި ހުންނަ ބަނބުލަދޭޝް އެމްބަސީ މެދުވެރިކޮށް، ޑާކާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅި ކަމަށް މަސީހު ބުންޏެވެ. އަދި އެމްބަސީން ބައްޕަ މަރުވިކަން ޔަގީންކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަންހެން މީހާ އަކަށް މާބޮޑަކަށް ނޭނގެ އިނގިރޭސިއެއް ވެސް. ދިވެއްސެއް ވެސް. އޭނައަށް ކުޑަކޮށް ހިންދީ އެނގޭ. ގުޅާފައި ބުނީ އަބްދުﷲ ޑެޑް ވެއްޖެއޭ. ހޮސްޕިޓަލް ޖާރަހާހޭ،" މަސީހު ބުންޏެވެ.

"...ވީޑިއޯއިން ދައްކާފައި ހުންނަނީ ބައްޕަ. މީނައެއް [އަންހެން މީހާއެއް] ނުދައްކާ. އެމްބިއުލާންސް ތެރޭގައި [ބައްޕަ] އޮތްކަން އެނގޭ. ވީޑިއޯއިން ފެންނަ ގޮތުން ބައްޕަ ލޯ މެރިފަ އޮތީ،" މަސީހު ކިޔައިދިނެވެ.

އަންހެން މީހާގެ ވާހަކާއާ މެދު ސުވާލު އުފެދޭތީ، ބަންގުލަދޭޝް ބަސް ދަންނަ ބަޔަކު ބިދޭސީންތަކެއް ލައްވައި އެ އަންހެން މީހާއާ ގުޅި ކަމަށް މަސީހު ބުންޏެވެ. އަންހެން މީހާއަށް ގުޅުމުން ބައްޕަގެ ހަށިގަނޑު އެމްބިއުލާންސް ތެރޭގައި އޮތް މަންޒަރު ފެނުނު ކަމަށް މަސީހު ބުންޏެވެ.

ބަނގުލަދޭޝްގެ ތިން މީހަކު ލައްވައި ވެސް އެ އަންހެން މީހާ އަށް ގުޅުވި ކަމަށާއި އަންހެން މީހާ ވާހަކަ ދައްކަނީ ވަރަށް ކުރުކޮށް ކަމަށް މަސީހު ބުންޏެވެ.

"....ބަނގުލަދޭޝް މީހާ ބުނީ އޭނަ ބުންޏޯ ބައްޕަ މިހާރު މަރު ވެއްޖެޔޯ. ބައްޕަވީ ހޮސްޕިޓަލުގަޔޯ. ތިމަންނަ މިހިރީ ގޭގައޭ. މިހާރު ޕޮލިހުން ވެސް އެތާ އެބަ އުޅެޔޯ. ވަރަށް ކުޑަ ކުޑަކޮށް މީނަ ވާހަކަ ދައްކަނީ. ބަނގުލަދޭޝް މީހުންނާ ވާހަކަ ދައްކާ އިރު ވެސް އެހާ ދިގުކޮށް ވާހަކައެއް ނުދައްކާ،" މަސީހު ކިޔައިދިނެވެ.

އެ އަންހެން މީހާ ކިޔައިދިން ގޮތުގައި ބައްޕަ ގެންދިޔައީ ބަނގުލަދޭޝްގެ ވެރިރަށް ޑާކާގެ ހޮސްޕިޓަލަކަށް ކަމަށާއި އެ ހޮސްޕިޓަލުގެ ނަމެއް ނޭނގޭ ކަމަށް މަސީހު ބުންޏެވެ.

ފަތުހީ އިއްޔެ މަރުވި އިރު، މިއަދު އެނބުރި ރާއްޖެ އައުމަށް ޓިކެޓް ނަގާފައިވާ ކަމަށް އާއިލާ މީހަކާ ފޯނުން ދެކެވުނު ވާހަކައެއްގައި ބުނި ކަމަށް ވެސް މަސީހު ބުންޏެވެ.

ފަތުހީ ދެ ކައިވެންޏެއްކޮށް 12 ދަރިން ލިބިފައިވެ އެވެ. އެއީ ހަ އަންހެން ދަރިންނާއި ހަ ފިރިހެން ދަރިންނެވެ. އިނގިރޭސިވިލާތުގައި ވަޒީފާ އަދާކުރަމުންދާ އޭނާގެ އެންމެ ދޮށީ ދަރިފުޅު ވަނީ އިއްޔެ މާލެ އައިސްފައެވެ.

ފަތުހީގެ މަރުގެ މައްސަލާއިގެ މައުލޫމާތު ދިވެހި ފުލުހުންނަށް ވެސް ލިބުމުން، ފުލުހުން ދަނީ އެކަން ބަލަމުންނެވެ. ފުލުހުން ބުނީ އެކަން ހިނގި ގޮތް ބަލަމުންދާ ކަމަށާއި ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް