ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުކަމަށް ރާއްޖެ ވާދަކުރަނީ

ރާއްޖޭގެ ރިސޯޓެއްގެ އަތިރިމަތި ޒީނަތްތެރިކޮށްފައި--

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލުކަމުގެ އެވޯޑަށް ދިވެހިރާއްޖެ ދަނީ ވާދަކުރަމުންނެވެ.

ދުނިޔޭގެ ޓޫރިޒަމްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފައިނަލް ގާލާ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ވިއެޓްނާމްގައި އޮންނާނެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން އެޑިޝަންގައި ވިދާލުމަށްފަހު، ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޝަރަފުވެރި އެވޯޑުތަކެއް ހޯދުމަށް ވާދަކުރަމުންނެވެ.

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް، ނުވަތަ ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން އެވޯޑަކީ ރާއްޖެއަށް މީގެ ކުރިން ލިބިފައިވާ އެވޯޑެއް ނޫނެވެ. އެ އެވޯޑު މިދިޔަ އަހަރު ލިބިފައިވަނީ ދުބާއީއަށެވެ. ރާއްޖޭގެ އިތުރުން 16 ގައުމެއް މި އެވޯޑަށް މިއަހަރު ވާދަކުރެއެވެ. އޭގެ ތެރޭގައި މެލޭޝިއާ، އިންޑޮނޭޝިއާ، އިންޑިއާ، ސްރީލަންކާ، ވިއެޓްނާމް، އެމެރިކާ އަދި ޖެމެއިކާ ފަދަ ގައުމުތައް ހިމެނެއެވެ.

އެންމެ މަގުބޫލު ބީޗް ޑެސްޓިނޭޝަންގެ އެވޯޑު މިދިޔަ ދެ އަހަރު ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ. އެ އެވޯޑަށް ރާއްޖެއިން މިއަހަރުވެސް ދަނީ ވާދަކުރަމުންނެވެ.

ރާއްޖެއިން ވާދަކުރާ އިތުރު އެވޯޑުތަކުގެ ތެރޭގައި ވޯލްޑްސް ލީޑިންގް ގްރީން ޑެސްޓިނޭޝަން، ލީޑިންގް ޑައިވް ޑެސްޓިނޭޝަން އަދި ލީޑިންގް ހަނީމޫން ޑެސްޓިނޭޝަންވެސް ހިމެނެއެވެ.

މިއަހަރު ރާއްޖޭގައި އޮތް ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން އެޑިޝަންގައި، ސަރަހައްދުގެ ލީޑިންގް ޑެސްޓިނޭޝަނާއި، ލީޑިންގް ބީޗް ޑެސްޓިނޭޝަނާއި ލީޑިންގް ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ ރާއްޖެއަށެވެ.

comment ކޮމެންޓް