އިންތިހާބުގެ މިނިވަންކަމާމެދު ސުވާލު އުފެއްދުމުން އީސީން ރައްދު ދީފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ސުލައިމާން(މ): އިންތިހާބަށް މިނިވަން މާހައުލެއް ގާއިމުކޮށްދިނުމަށް އީޔޫއިން އިއްޔެ ވަނީ އެދިފައި-- ސަން ފައިލް ފޮޓޯ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް މިނިވަން މާހައުލެއް ގާއިމް ކޮށްދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލިމެންޓްރީ ގްރޫޕުން ގޮވާލާފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ ވާހަކަތަކަށް ރައްދު ދީދި އެވެ.

އިލެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުތަކަކީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ބައިނަލްއަގުވާނީ ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ މިނިވަންކަމާމެދު ސުވާލު އުފައްދަމުންދާތީ އީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ކުރު ންމަތީ ދެމިތިބޭނެ ކަމަށެވެ.

"ނަމަވެސް މި ހަފްތާ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރި ވަގުތާ ދިމާކޮށް ސިޔާސީ އެކި އެކި ފަރާތްތަކުން އިންތިހާބުގެ ކަންކަމުގައި މި ކޮމިޝަނުން ކުރައްވަމުން ގެންދާ މަސައްކަތުގެ އަސްލު އޮޅުވާލާ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ތަސައްވަރު ޖިލަނބު ކޮށްލުމުގެ ބޭނުމުގައި ހަގީގަތާއި ހިލާފު ތަފާތު ވާހަކަތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދައްކަމުން ގެންދާކަން ފާހަގަ ކުރެވެ އެވެ،" އިލެކްޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

އީޔޫގެ ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު، އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަންނަ އަހަރުގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކާ މިނިވަން މާހައުލެއް ގާއިމުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީނާ އިއްޔެ ބައްދަލުކޮށް، އެދިވަޑައިގެންފައިވާ ކަމަށެވެ.

އީޔޫގެ ކަންބޮޑުވުންތަކަށް ރައްދު ދެމުން އިލެކްޝަންސްގެ ބަޔާނުގައި ބުނެފައި ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ ވެސް މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށެވެ. އެ އިންތިހާބު ސިޔާސީ ޕާޓީތަކުންނާއި ބޭރުގެ އޮބްޒާވަރުން ވެސް ބަލައިގެންފައިވާ ކަމަށް ވެސް އިލެކްޝަންގެ ބަޔާނުގައިވެ އެވެ.

"ހަމަ އެގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ވެސް ބަނައިލް އަގުވާމީ ފަރާތްތަކުންނާއި ރާއްޖޭގެ އެކިއެކި ފަރާތްތަކަށް އޮބްޒާވްކުރުމުގެ ފުރުސަތު ފަހިވެގެން ކުރިއަށް ގެންދެވޭނެ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް މި ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ކުރުންމަތީ ދެމިތިބޭނެ ކަމަށާއި މި ކޮމިޝަންގެ މަސައްކަތާ ގުޅޭ ގޮތުން ހަގީގަތް އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުން ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

comment ކޮމެންޓް