އިނގިރޭސި އަލީގެ ފުރިހަމަ ފަރުމާތަކާއި 26 އަހަރުވީ ޚިދުމަތް

އަލީ ހަސަން މަސައްކަތުގައި އެނާއަށް ވަނީ މި އަހަރު ދޯނި ފަހަރު ބަނުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

އޮޑި ދޯނި ފަހަރު ބަނުމަށް މަޝްހޫރު އަލިފުއްޓަށް ނިސްބަތްވާ އަލީ ހަސަން (އިނގިރޭސި އަލީ) ބުނާ ގޮތުން އަލިފުއްޓަށް ނިސްބަތް ވުމަކީ އޭނާގެ ދިރިއުޅުމާއި އޮޑިދޯނި ފަހަރު ބަނުމާއި ދެމެދު ހާއްސަ ގުޅުމެއް އުފެދިގެން ދިޔަ އެއްކަމެވެ. އެދާއިރާ އިން އޭނާ ހައްސަވަމުށް އެންމެ ބޮޑު އިތުބާރެއް ލިބުނީ ވެސް އޭރުގައި ރަށުގައި ކުރަމުން ދިޔަ ކިއްސަރު ވަޑާމެވެ.

އެންމެ ފުރަތަމަ ބޯޓެއް ޑިޒައިން ކުރީ އޭނާގެ ބައްޕައަށް

"އެންމެ ފުރަތަމަ ބޯޓު ބަނުމާއި ބޯޓް ފަރުމާ ކުރުމަށް ހިތުގައި ހާއްސަ ޝައުގުވެރިކަމެއް އުފެދުނީ ލޯބިވާ ބައްޕައިގެ ކިބައިން. ފުރަތަމަ މުދައްރިސަކީ ވެސް އެއީ. އެއަށް ފަހު އެކަމުގެ ތެރެއަށް ވަނުމަށް އުފެދުނު ޝައުގެއްގެ ބޮޑު ކަމުން 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އަލިފުށީގައި ހުންނަ ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރާ ގުޅުނީ. ފުރަތަމަ ބޯޓް ފަހަރު ޑިޒައިން ކުރުމަށް ގަނޑެއްގައި ފަންސުރު ދަމާލެވުނީ އެހާ ހިސާބުން. އެ ސެންޓަރުން ކިޔެވުން ފުރިހަމަ ކުރުމަށް ފަހު އެ ސެންޓަރުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރިން،" އަލީ ހަސަން ދޯނި ފަރުމާ ކުރުމުގެ ދާއިރާއަށް ވަދެވުނު ގޮތް ކިޔައިދިނެވެ.

އޭނާގެ މަސައްކަތް ފުޅާވެ، އަމިއްލަ ރަށުގައި ފުރަތަމަ ފަހަރަށް ކުރަހައިގެން އަމިއްލަ މީހަކު ބަން ފުރަތަމަ އުޅަނދަކީ އޭނާގެ ޑިޒައިނެކެވެ. އެ ދޯންޏަކީ އޭނާގެ ބައްޕަ އަށް އޭނާ ޑިޒައިން ކުރި އުޅަނދެކެވެ.

އަލީ ހަސަންގެ ފަރުމާއެއް--

"އެންމެ ފުރަތަމަ ކުރަހައިގެން އަޅުގަނޑު ބަން އުޅަނދަކީ، ހަނދުވަރީ" އެއީ ބައްޕަ އަށް ކޮށްދިން ފަރުމާއެއް. އެ އުޅަނދަކީ ދުވެލި ބާރު ކަނޑަށް ވަރުގަދަ ދޯންޏެއް،" ދާދި ފަހަކާ ޖެހެންދެން ވެސް އަލިފުށީގައި ބޭނުން ކުރި އަލީ ހަސަންގެ ފުރަތަމަ ފަރުމާ "ހަނދުވަރީ" ދޯންޏާ ގުޅޭ ގޮތުން އޭނާ ބުނީ މިހެންނެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލް ކުރެއްވި

އަލީ ހަސަންގެ ދޯނި ފަރުމާ ކުރުމުގެ ފުރަތަމަ ބާބު އަލިފުށީން ފެށުމަށް ފަހު އެ ސޮފުހާތަކަށް ފުރިހަމަކަން ގެނެސްދިނީ އެ ދާއިރާއިން އިތުރަށް ތަމްރީނުވުމަށާއި ކުރިއަށް ދިޔުމަށް ރާއްޖޭން ބޭރަށް ދިޔަ ހިސާބުންނެވެ.

"ރާއްޖޭން ބޭރުން އަޅުގަނޑު މަތީ ތައުލީމް ހާސިލް ކުރީ އިނގިރޭސި ވިލާތުގެ ކޯން ވޯލް ކޮލެޖްއިން. މަތީ ތައުލީމް ހާސިލު ކުރުމަށް ފަހު އަނބުރާ ގައުމަށް އައިސް ހިދުމަތް ފެށުނީ މީގެ 26 އަހަރު ކުރިން 1991 އަހަރު،" އަލީ ހަސަން ބުންޏެވެ.

މަތީ ތައުލީމް ހާސިލް ކޮށްގެން އައިސް ތަފާތު ކުރެހުންތައް ކުރަހައި އުޅަނދުތައް ފަރުމާ ކުރަން ފެށި ނަމަވެސް އެ މަސައްކަތް ކުރެވުނީ އަތުން ކުރަހައިގެންނެވެ. އެ މަސައްކަތް އެ ގޮތުގައި ކުރިއަށް ދަމުން ގޮސް 1999 ވަނަ އަހަރު ރާއްޖެއަށް ކޮމްޕިއުޓަރުގެ ހިދުމަތް ފުޅާވުމާ ގުޅިގެން އަތުން ކުރެހުން ދޫކޮށްލާ ކޮމްޕިއުޓަރު ބޭނުންކޮށްގެން އެ މަސައްކަތް ފެއްޓި ކަމަށް އޭނާ ބުންޏެވެ. އެގޮތުން އުޅަނދު ކުރެހުމާ ގުޅޭ ހާއްސަ ކޮމްޕިއުޓަރު ކޯސްތައް އަލީ ހަސަން ވަނީ ފުރިހަމަކޮށްފަ އެވެ.

"އިނގިރޭސި އަލީ" އޭ ކިއީ ވީޓީސީގެ އޭރުގެ ވެރިއާ މަސީހު އިމާދު

އަލިފުށީ ރައްޔިތުންގެ މެދުގައި އަލީ ހަސަން މަޝްހޫރީ" އިނގިރޭސި އަލީ"ގެ ނަމުންނެވެ. އޭނާގެ އާއިލާ އެއްވެސް މީހަކީ އިނގިރޭސިވިލާތު މީހަކަށް ވީތީއެއް ނޫނެނެވެ. އޭނާއަށް އެނަން ކިޔުނީ އިނގިރޭސި ވިލާތުން ކިޔަވައިގެން އަނބުރާ ރަށަށް އައުމުން އޭރު ވީޓީސީގައި ކޯޑިނޭޓަރަކަށް މަސައްކަތް ކުރެއްވި މަސީހު އިމާދެވެ.

"މަސީހު އެނަން އަޅުގަނޑަށް ދެއްވީ. އެއީ ދެން އިނގިރޭސި ވިލާތުން ތައުލީމް ހާސިލްކޮށްފައި ހުރި މީހަކަށް އޭރު އަލިފުށީގައި ހުންނާނީ އަޅުގަނޑު އެކަނި. ދެން ފަހުން އައިސް މީހުންނަށް އެނެގެނީ އެގޮތަށް،" އަލީ ހަސަން ބުންޏެވެ.

މޯލްޑިވްސް މެރިން ސާވިސް އަކީ އަލީ ހަސަންގެ ކުންފުންޏެއް

އޭނާ ބުނާ ގޮތުން އޭރު އުޅަނދު ފަރުމާ ކުރުމުގެ ދާއިރާއިން ތަފާތު އުޅނަދުތައް ފަރުމާ ކުރަމުން ދިޔަ އިރު އޭރު އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވީ އޮފީހެއް ނެތި އެ މަސައްކަތް ކުރުމަށެވެ. ނަމަވެސް އެކަން ހައްލުވެގެން ދިޔައީ ހެޔޮއެދޭ ބައެއް މީހުންގެ އެހީއާ އެކު އެވެ. ކަނޑު އުޅަނދު ފަހަރަށް ހިދުމަތް ފޯރުކޮށްދިނުމުގައި މަޝްހޫރު މޯލްޑިވްސް މެރިން ސާވިސްއަކީ އޭނާ އުފެއްދި އޭނާގެ ފުރަތަމަ ކުންފުންޏެވެ.

އަލީ ހަސަންގެ ފަރުމާއެއް--

އަލީ ހަސަންގެ 26 އަހަރުވީ ހިދުމަތުގައި އޭނާ ވަނީ ޖުމުލަ 1000 ވުރެ ގިނަ އުޅަނދު ފަރުމާ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން 800 އަށް ވުރެ ގިނަ އުޅަނދަކީ އަމިއްލަ އަށް ފަރުމާކޮށް އަމިއްލަ އަށް ބަނދެފައިވާ އުޅަނދުތަކެވެ. މިހާރު ވެސް ވަރުބަލި ކަމެއް ނެތި އެމަސައްކަތް ދަނީ ކުރަމުންނެވެ.

ކަނޑު ދަތުރު ފަތުރު ކުރުމުގެ ދާއިރާގައި އަލީ ހަސަންގެ ހިދުމަތް ނުލިބޭ ދާއިރާތައް މަދެވެ. ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާގެ ހިދުމަތުގެ ވާހަކަ ފެށެނީ ފަރުމާ ކުރުމުގެ ދާއިރައިން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީގައި އުޅަނދު ފަހަރު ސާވޭ ކުރުމަށް ކޮށްފައިވާ މަސައްކަތަކީ ވެސް ތައުރީފް ހައްގު މަސަކަތެކެވެ.

އަދި އޭގެ އިތުރުން އެތައް ސަތޭކަ ވޯކް ޝޮޕްތަކުގައި އޭނާގެ ތަޖުރިބާ ހިއްސާ ކުރުމަށް މުދައްރިސެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ އިރު މިހާރު ވެސް އޭނާއަކީ އެފަދަ ކޮންމެ ގޮވާލުމަކަށް ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހެކެވެ. މިދާއިރާއިން އޭނާއަށް މިހާތަނަށް ކޮށްދެވުނު އެންމެ ބޮޑު މަސައްކަތެއްކަމަށް އޭނާ ބުނީ "ކަނޑު ދަތުރު ފަތުރު ކުރުމުގެ ގާނޫނު ފުރިހަމަ ކަމާ އެކީ އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި ފަންނީ ގޮތުން ފޯރުކޮށްދެވުނު އެހީ" އެވެ.

އަލީ ހަސަން މަސައްކަތުގައި، އެނާއަށް ވަނީ މި އަހަރު ދޯނި ފަހަރު ބަނުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގަނެފައި--

އެންމެ ބޮޑު ކާމިޔާބީ އަކީ ހިތްވަރު ދިނުމުގެ އިނާމް

އަލީ ހަސަން ވަނީ އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތުގެ ތެރެއިން ގިނަ ކާމީޔާބީތަކެއް ވެސް ހޯދައިފަ އެވެ. އެންމެ ބޮޑު ކާމިޔާބީ އަކަށް އޭނާ ފާހަގަ ކުރަނީ އަމިއްލައަށް ލިބުނު އިލްމް އެހެން ބަޔަކަށް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުން 130 އަށް ވުރެ ކުދިން މިދާއިރާއިން ތަމްރީނު ކުރެވުމެވެ. އަދި އެކުދިން މިއަދު މި ދާއިރާއިން ނަންހިނގާ މީހުންނަށް ވެފައި ތިބި ތަން ފެނުމަކީ ލިބޭ އެންމެ ބޮޑު އުފާ ކަމަށް އޭނާ ބުންޏެވެ.

އަލީ ހަސަންގެ ފަރުމާއެއް--

"މަތީ ތައުލީމް ހާސިލް ކުރުމަށް އިނގިރޭސި ވިލާތުގައި އުޅުނު ދުވަސް ވަރު އެ ކޯހުން އެންމެ ރަނގަޅަށް ފާސްވި ދަރިވަރުގެ މަގާމް ލިބުމަކީ ވެސް ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް ލިބުނު ހިތްވަރެއް. އަދި އޭގެ އިތުރުން އެ ކާމިޔާބީއާ ގުޅިގެން އޭރުގެ ސަރުކާރުން އަޅުގަނޑުގެ އަގުވަޒަން ކުރުމަކީ ވެސް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށް ގަބޫލު ކުރަން. އަދި ކާމިޔާބީގެ ބޮޅަށް އިތުރުވާ އެއް ކަމަކީ 2007 ވަނަ އަހަރު ވިޔަފާރީގެ ދާއިރާއިން ލިބުނު ހާއްސަ އެވޯޑް. އިންޓަނޭޝަނަލް ކުއަލިޓީ ސަމިޓްގައި އެ އެވޯޑް ލިބުމަކީ ކުރެވުނު މަސައްކަތް ބަލައިގަންނަ ކަން ކަށަވަރު ވެގެން ދިޔަ ކެމެއް،" ދާއިރާއިން ލިބުނު ބައެއް ކާމިޔަބީތައް ކިޔައިދެމުން އަލީ ހަސަން ބުންޏެވެ.

ނަމަވެސް މިއަދު އަލީ ހަސަން އަށް ހާއްސަވާ އެންމެ ބޮޑު ކާމިޔާބީ އަކީ މި އަހަރުގެ ގައުމީ ހިތްވަރު ދިނުމުގެ އިނާމް ރައީސް ޔާމީންގެ އަތްޕުޅުން ލިބުމެވެ. އެވޯޑާ އެކު " ސަން" އާ ވާޙަކަ ދައްކަމުން އަލީ ހަސަން ބުނާ ގޮތުގައި އެވޯޑް ލިބުނު ހިސާބަކީ ގައުމު އޭނާ ބަލައިގެންފައިވާ ކަމުގެ އިހްސާސްވި ވަގުތުކޮޅެއް ކަމަށެވެ.

"ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ރައީސް އަބްދުﷲ ޔާމީނަށް. އެމަނިކުފާނު މިއަދު އަޅުގަނޑަށް ހިތްވަރު ދެއްވާ ދިން އެވޯޑަކީ މިދާއިރާގައި ކުރެވުނު މަސައްކަތްތައް ބަޔަކު ބަލައިގަންނަ ކަމުގެ އިހުސާސު ކުރެވުނު ކަމެއް،" އަލީ ހަސަން ބުންޏެވެ.

ދެ އިންޖީނުލީ އުޅަނދުފަހަރުގެ ފަރުމާތަކާއި އެކު އޭނާގެ ނަން ތާރީހަށް

ބޯޓް ފަރުމާ ކުރުމުގެ ދާއިރާއިން މިހާތަނަށް ތަފާތު މަސައްކަތް ކުރިއިރު ސީދާ އޭނާގެ ބެލުމުގެ ދަށުން ދާއިރާއަށް ތަރައްގީ ގެނައުމަށް ކުރެވުނު މަސައްކަތްތައް ބައިވަރެވެ. އެގޮތުން އެންމެ ފުރަތަމަ ތަފާތު ގޮތް ގޮތައް ޑިޒައިން ކޮށްގެން 90 ގެ އަހަރުތަކުގައި ނެރެވުނު މަސްދޯނިތަކަކީ ވެސް ހާއްސަ މަސައްކަތެކެވެ. އޭގެ އިތުރުން 90 އަހަރު ތަކުގައި ރާއްޖޭގައި ބަނދެވުނު ފުރަތަމަ ވީ ބޮޓަމް ދެ އިންޖީނުލީ ލަގްޒަރީ ޔޮޓަކީވެސް އަލީ ހަސަންގެ ފަރުމާއެކެވެ.

އަލީ ހަސަންގެ ފަރުމާއެއް--

އަދި 108 ފޫޓް ދިގު ދެ އިންޖީނުލީ މަސް ދޯންޏެއް ވެސް ފަރުމާ ކުރެވުނީ އޭނާގެ ދެއަތުންނެވެ. އެއީ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނުވި މަސައްކަތަކެވެ. ރާއްޖޭގައި ބަން އެންމެ ފުރަތަމަ ދެ އިންޖީނުލީ ފައިބަރު ލަގްޒަރީ މޮޓޯ ކުރޫޒާގެ މަސައްކަތާއި 105 ފޫޓް ދިގު ފައިބަރު ޕަސެންޖާ ލައިންގެ މަސައްކަތަކީ ވެސް އޮޑި ދޯނި ފަހަރު ބަނުމަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވި މަސައްކަތްތަކެވެ. މީގެ އިތުރުން މި ފަހުން ރާއްޖޭގައި ބަން ފުރަތަމަ ދެ އިންޖީނުލީ މުދާ އުފުލާ ބޯޓަކީވެސް އަލީ ހަސަންގެ ފަރުމާއެކެވެ.

މިހާރު ވެސް ދަނީ ކަނޑު ދަތުރުފަތުރަށް އިންގިލާބީ ބަދަލުތައް ގެނުވާޏެ މަސައްކަތްތައް ކުރައްވަމުން

ދައިރާ ކުރި އަރުވާ އެކުވެރި މަސްވެރިންނަށް ފައިދާވާނެ ފަދަ އަދި ފަސޭހަ ވާޏެ ފަދަ ޑިޒައިންތައް ފަރުމާ ކުރުމަކީ އަބަދުވެސް އަލީ ހަސަންގެ ވިސްނުމުގައި ހުންނަ ކަންކަން ކަމަށް އޭނާ ބުންޏެވެ. އެގޮތުން މި ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ގިނަ މަސައްކަތްތަކެއް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. އަލީ ހަސަންގެ މޯލްޑިވްސް މެރިން ސާވިސްގެ ބެލުމުގެ ދަށުން 50 މީޓަރު ފުޅާ ކަޓަމަރާނެއްގެ ޑިޒައިންކޮށް މިހާރުވަނީ ނިމިފަ އެވެ. އަދި ކުދި ލޯންޗް ފަހަރަށް އަމާޒުކޮށްގެން މިހާރު ވަމުންދާ ދަތިތައް ހައްލު ކުރުމަށް ފެނަށް ވަރުގަދަ ލޯންޗް ފަހަރުތަކެއް މިހާރު ވެސް ވަނީ ޑިޒައިން ކޮށް ނިމިފަ އެވެ.

އަލީ ހަސަންގެ ފަރުމާއެއް--

"ސަރުކާރުން މިހާރު ރާއްޖެއަށް ގެންނަމުންދާ ތަރައްގީގައި ފައި ހަމަ ކުރުމަށް އެންމެ ބޮޑަށް ދަތިވެފައިވާ އެއްކަމަކީ އެކި ކަންކޮޅު ތަކަށް ތަކެތި އުފުލާނެ ހަރުދަނާ އުޅަނދުތައް ނެތުން. އެކަމަށް ހާއްސަ އިސްކަމެއް ދީގެން މިހާރު ވެސް އަޅުގަނޑު މިދަނީ ތަފާތު ލޭންޑިންގް ކްރާފްޓެއްގެ މަސައްކަތް ކުރަމުން. އެ އުޅަނދު ވެގެންދާނި ހުރިހާ ގޮތަކުން ވެސް ފަސޭހަ އަދި އެހާމެ ރީތި އޭގެ އިތުރުން ކަނޑަށް ވެސް ވަރުގަދަ ދުވެލި ބާރު އުޅަނދުތަކަކަށް،" ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.

އަލީ ހަސަންގެ ބެލުމުގެ ދަށުން ދެ ބޯޓް ޔާޑް އޮޕަރޭޓް ކުރެވެމުން ދިޔަ އިރު އެތައް ސަތޭކަ މުވައްޒަފުން ވަނީ އޭނާއާ އެކު މަސައްކަތްކޮށްފަ އެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ކޮންމެ ލަގްޒަރީ ރިސޯޓެއްގައި ހެން އޭނާ ފަރުމާ ކޮށްފައިވާ އުޅަނދެއް އޮތުމަކީ މިއަދު ގައުމަށް މިދާއިރާ އިން ހިދުމަތްތަކެއް ކުރެވުނު ކަމުގެ ޔަގީންކަން އޭނާ އަށް ލިބިގެންދާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އަލީ ހަސަންގެ ކުންފުނި މޯލްޑިވްސް މެރިން ސާވިސްގެ މުވައްޒަފުން މަސައްކަތުގައި--

"އަޅުގަނޑު މިވީހާތަނަށް ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ގައުމު އެދޭ ކޮންމެ ކަމެއްގައި ވެސް ހިދުމަތް ކުރުމަށް ހުންނާނީ ތައްޔާރަށް. އޮޑި ދޯނި ފަހަރު މިހާރަށް ވުރެ ޒަމާނީކޮށް ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑު މިކުރާ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އިރާދަކުރެއްވިއްޔާ ނާންނާނެ." އަލީ ހަސަން ބުންޏެވެ.

comment ކޮމެންޓް