އަނަސް މަރާލީ އެހެން މީހަކު ކަމަށް ހީކޮށް އޮޅިގެން: ފުލުހުން

ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން ޗީފް ސްޓޭޝަން އިނިސްޕެކްޓަރު ސާމިހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލާފައި ވަނީ އެހެން މީހަކު ކަމަށް ހީކޮށް އޮޅުމަކުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނަސްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިންވެސްޓިގޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިނިސްޕެކްޓަރު މުހައްމަދު ސާމިހު ވަނީ އަނަސް މަރާލިގޮތް ތަފްސީލުކޮށް ކިޔައިދީފައެވެ.

ސާމިހު ވިދާޅުވީ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:09 ހާއިރު ހަނދުވަރުދޭ ގޯޅިން ލިޓަސް ގަރާޖަށް ވަދެ ނުކުމެ ހަދާ ދޮރާ ދިމާލު މަގުމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގެ މަތީގައި އެކަނިމާއެކަނި އަނަސް އިންދައި ހަތަރު ސައިކަލެއްގައި ފާޅުކަން ބޮޑުގޮތެއްގައި ވަޅި ހިފައިގެން އަށް މީހަކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އަދި އެންޒަރު ފެނިފައި އަނަސްގެ ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުން ދުވެފައި ލިޓަސް ގަރާޖު ތެރެއަށް އޭނާ ވަން ކަމަށާއި ދެން އެމީހުން އެ ގަރާޖު ތެރެއަށްވަދެ އަނަސް އަށް ވަޅިން ހަމަލާދިނީ ކަމަށް ސާމިހު ވިދާޅުވިއެވެ.

"ދުވެފައި ގޮސް ލިޓަސް ގަރާޖު ތެރެއަށް ވަން ވަގުތު މިދެންނެވި ހަތަރު ސައިކަލްގައި ތިބި އަށް މީހުންގެ ތެރެއިން ހަތަރު މީހަކު، ސައިކަލްތަކުގެ ފަހަތުގައި ތިބި މީހުންކަން އަޅުގަނޑު ފާހަގަކޮށްލަން. އަނަސްގެ ފަހަތުން ދުވެފައިގޮސް އަނަސް އަށް ތޫނު ހަތިޔާރުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަން ފާހަގަކޮށްލަން،" ސާމިހު ވިދާޅުވިއެވެ.

ލިޓަސް ގަރާޖު ގެ ތެރޭގައި މުހައްމަދު އަނަސް މަރާލާފައި ---

އަނަސް މަރުވެފައި ވަނީ އެ ހަމަލާއާ ގުޅިގެން ލިޓަސް ގަރާޖު ތެރެއަށް ވެއްޓި، އެތަނުގައި އޮވެ އޭނާގެ ހަރަކާތް ހުއްޓެމުންގޮސް ކަމަށާއި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާލާފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

"އަދި ހަމަލާދިނުމަށްފަހު މި އަށް މީހުން ކުރިންވެސް އައި ސައިކަލްތަކުގައި ފިލާފައިވާކަން ފާހަގަކޮށްލަން،" ސާމިހު ވިދާޅުވިއެވެ.

އަނަސް ލިޓަސް ގަރާޖު ކައިރިއަށް ދިޔައީ އެތަނަކީ އޭނާ ކުރިން މަސައްކަތްކޮށްފައިވާ ތަނަކަށް ވާތީ އެތަނުގައި ތިބި ރަހުމަތްތެރިންނާ ބައްދަލުކޮށްލަން ކަމަށް ފުލުހުން ބުންޏެވެ.

ސާމިހު ވިދާޅުވީ އެމީހުންގެ ތެރެއިން ބައެއް މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށާއި ނަމަވެސް އެ އެންމެން ވެސް ހޯދައި މިހާރު ދައުވާ އުފުލާފައިވާ ކަމަށެވެ.

"މިދެންނެވުނު މީހުންގެ ތެރެއިންް ބައެއް މީހުން މޫނު ނިވާކޮށްގެން ތިބި ކަމުގައި ވީނަމަވެސް މިއަދު ތަހުގީގަށް އެމީހުން ހޯދައި ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫންކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން. މާނައަކީ މޫނު ނިވާކޮށްގެން ނުވަތަ އެމީހުންގެ ސިފަ އޮޅުވާލުމަށްޓަކައި ކޮންމެ މަސައްކަތެއް ކުރިޔަސް އަޅުގަނޑުމެންގެ މިއަދުގެ ތަހުގީގުން އެއިން ކޮންމެ މީހަކު ވެސް ދެނެގަންނަނާނަން،" ސާމިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަށް މީހުންގެ ގްރޫޕުން ލިޓަސް ގަރާޖު ކައިރިއަށް ދިޔައީ އެހެން ގްރޫޕަކަށް ނިސްބަތްވާ ބަޔަކު އެތަނުގައި ތިބިކަމުގެ މައުލޫމާތު ލިބިގެން އެމީހުންނަށް ހަމަލާދީ މަރާލަން ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް އެމީހުން އެ ސަރަހައްދަށް ދިޔުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން އެ ގްރޫޕް މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އަނަސް އަށް ހަމަލާދިން މީހުން ހަމަލާދިނުމަށްފަހު އެ ސަރަހަދުން ދިޔުމާއެކު ގިނަ އަދަދެއްގެ އާންމުން ލިޓަސް ގަރާޖު ކައިރިޔަށް ދިޔަ ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު އޭނާ އަށް އެހީތެރިވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް ސާމިހު ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލާގައި ހައްޔަރުކުރި ބައެއް މީހުން ---

"ހާދިސާ ހިނގިތަނަށް ފުލުހުން ދިޔައިރު، ލިޓަސް ގަރާޖުގެ ފަރާތުން ނުވަތަ އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މިދެންނެވުނު މުހައްމަދު އަނަސް އަށް އަވަސް ފަރުވާ ދިނުމަށްޓަކައި ނުވަތަ ލޭ މަނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދިޔަ. ނަމަވެސް ހިތާމަޔާއެކު މިފުރުސަތުގައި ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެވަގުތު އެ ސަރަހައްދުގައި ގިނައަދަދެއްގެ އާންމުން ތިބިއިރުވެސް އާންމުންގެ ފަރާތުން މިދެންނެވުނު އެހިތެރިކަން ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއްނުކޮށް ތިބިކަން،" ސާމިހު ވިދާޅުވިއެވެ.

އެ މައްސަލާގައި ބައިވެރިވި އެންމެންގެ މައްޗަށް ގިސޯސް ހިފަން ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަނަސް މަރާލި މައްސަލައި ދައުވާ އުފުލާފައިވާ މީހުންނަކީ:

ގަސްތުގައި މަރާލި ކަމުގެ ދައުވާ ލިބޭ މީހުން

  • އުސްމާން ޝަރީފް، މ. ދިމިޝްގް
  • އަހުމަދު ޒަޔާން، ޅ. ކުރެންދޫ، އަސުރުމާގެ
  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހުން

  • ޖުނައިހު އަބްދުﷲ، ލ. ގަން، ތުނޑި، ނަންނާރިގެ
  • ހަސަން މަހްފޫޒް، ސ. ފޭދޫ، ވެސްޓަންވިލާ
  • ސިމާހު މޫސާ، ދަފްތަރު 1746
  • މުހައްމަދު ޝާޒް، ތ. ކިނބިދޫ، ގުލްފާމްގެ

comment ކޮމެންޓް