މަޓާޓޯއާއި ގެސްޓްހައުސް އިންޑަސްޓްރީއަށް ބޮޑު ރެއެއް!

މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނަށް ކ. މާފުށި ތައްޔާރުވެފައި -- ފޮޓޯ: މަޓާޓޯ

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގޭ ގޮތަށް ކަނޑައެޅި އިސްލާހަކާ އެެކު ކ. މާފުށިން 2009 ވަނަ އަހަރު ފެށި ގެސްޓްހައުސް ފަތުރުވެރިކަމުގެ ވިޔަފާރި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ ފެތުރިލާފައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސާބިތުވަމުންދާ ހަގީގަތަކީ، ރާޢްޖެއަކީ ލަގްޒަރީ ފެންވަރާ އެއްހަމައެއްގައި މެދު ފަންތީގެ ފަތުރުވެރިކަމަށްވެސް ފައްކާވެފައިވާ ތަނެއް ކަމެވެ.

މިކަން ހާމަކޮށްދޭ އެއް ހަގީގަތަކީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ގެސްޓްހައުސްތަކުން ހޯދަމުންދާ ކާމިޔާބީތަކެވެ. ޓްރިޕްއެޑްވައިޒަރ އަދި ބުކިންގް ޑޮޓް ކޮމް ފަދަ ވެބްސައިޓުތަކުގައި، އެތަންތަނަ ބެހޭގޮތުން ފަތުރުވެރިން ލިޔެފައިވާ ރިވިއުތަކަށް ރިއާޔަތްކުރުމުންވެސް އެކަން އެނގެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ގެސްޓްހައުސްތަކުނެ އަގު ވަޒަންކުރަމުން ގޮސް، އެންމެ ފަހުން މަޓާޓޯއަށް ޖެހުނީ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ވަކި އެޑިޝަނެއް ތައާރަފުކުރާށެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނަށް ކ. މާފުށި ތައްޔާރުވެފައި -- ފޮޓޯ: މަޓާޓޯ

"މިދިޔަ އަހަރު ޓްރެވަލް އެވޯޑްސްއަށް ގެސްޓްހައުސްތަކުނެ ފަސް ކެޓެގަރީއެއް ތައާރަފުކުރީ. އެކަމަކު މިއަހަރު، މިރޭ މި ބާއްވަނީ 15 ކެޓަގަރީއަކާ އެކު ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސްއަށް ޚާއްސަ އެޑިޝަން،" މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން މިރޭ އޮންނާނީ، ގެސްޓްހައުސް ފަތުރުވެރިކަމުގެ ވިޔަފާރި އެރަށެއްގައި ފެށި، ކ. މާފުށީގައެވެ. މާފުށީގެ އެރީނާ ބީޗު ހޮޓެލް ގެސްޓްހައުސްގައި މިރޭ ބާއްވާ ހަފްލާގައި ދޭ 15 އެވޯޑަށް 96 ނޮމިނޭޝަން ލިބިފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.

އަސްރާ ވިދާޅުވި ގޮތުގައި، މަޓާޓޯއިން ގެސްޓްހައުސްތަކުގެ އަގު ވަޒަން ކުރާތީ، އެފަރާތްތަކުން ތިބީ ވަރަށް ހިތްހަމަޖެހި، އުފާވެފައެވެ.

"ގެސްޓްހައުސްތަކުން ގަބޫލުކުރާ ގޮތުގައި މި އެވޯޑުގެ ސަބަބުން އެފަރާތްތަކުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ގެސްޓްހައުސްތައް ޕްރޮމޯޓުކުރުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއް ލިބޭނެ،"

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނަކީ، މަޓާޓޯގެ މިއަހަރުގެ ޓްރެވަލް އެވޯޑްސްގެ ދެވަނަ އިވެންޓެވެ. މިދިޔަ ޖުލައި މަހު މަޓާޓޯއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އެކި ރޮނގުރޮނގުން ހަރަކާތްތެރިވާ މީހުންގެ އަގު ވަޒަންކޮށް، މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަން އެވޯޑު ދީފައެވެ.

ގެސްޓްހައުސް އެޑިޝަނަށްފަހު، މަޓާޓޯއިން ދެން އެންމެ އަވަހަށް ބާއްވާނީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ އެކި ކަންކަމާ ބެހޭގޮތުން ބަހުސްކޮށް މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ބާއްވާ މި ބައްދަލުވުމާ ވިދިގެން އަންނަ ދުވަހުގެ ރޭ، ޓްރެވަލް އެވޯޑްސްގެ ގާލާ، އަދާރަން ސިލެކްޓް ހުދުރަންފުށީގައި އޮންނާނެއެވެ.

ޓްރެވަލް އެވޯޑްސްގެ ގާލާއަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް