ޞަޙާބީންގެ މަތިވެރިކަން - : 19 ހެޔޮލަފާ ވެރީން

1 ސެޕްޓެމްބަރު 2017: ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރެވުނު 1438ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަފުލާޠޫނަކީ (348-428 ޤމ) ޤަދީމީ ގުރީކުގެ އެންމެ ބޮޑެތި ތިން ފިލޯސަފަރުންކުރެ އެއް ފިލޯސަފަރެކެވެ. އަނެއް ދެ ފިލޯސަފަރުންނަކީ ސުޤްރާޠާއި އަރަސްޠޫއެވެ. އަފްލާޠޫނުގެ މަޝްހޫރު އެއްފޮތަކީ ރިޕަބްލިކެވެ. އެފޮތުގެ ބަޙުޘުކުރައްވައިފައި ވަނީ ނަމޫނާ ސަރުކާރަކާ މެދުގައެވެ. އެފޮތުގައި، ހެޔޮލަފާ ވެރީން އުފެދޭގޮތާމެދު ޚިޔާލު ފާޅުކުރައްވަމުން އަފްލާޠޫނު ވިދާޅުވެފައިވާ ބަސްފުޅު އިނގިރޭސިބަހަށް ތަރުޖަމާކުރެވިފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

Unless philosophers bear kingly rule… or those who are now called kings and princes become genuine and adequate philosophers, there will be no respite from evil.

އާދެ، ފަލްސަފާވެރީން ރަސްކަލުންގެ މަޤާމާ ޙަވާލުނުވާހައި ހިނދަކު ނުވަތަ މިހާރު ރަސްކަލުންނޭ ނުވަތަ ރަސްދަރިކަލުންނޭ މިކިޔޭ ބޭފުޅުން ޙާޤީޤީ ފަލްސަފާވެރީން ކަމުގައި ވެވަޑައިނުގަންނަވާހައި ހިނދަކު ނުބައި ރަސްރަސްކަލުންގެ ކިބައިން ސަލާމަތްވުމެއް ނެތެވެ.

އަފުލާޠޫނުގެ މިނަޒަރިއްޔާގެ ފަހުން ފަލްސަފީ ރަސްރަސްކަލުންphilosopher – king) (ނެވެ ކިޔޭފަދަ އެތައް ބަޔަކަށް ވެރިކަން ލިބިފައިވެއެވެ. މިސާލެއްގެ ގޮތުން ރޫމީންގެ ރަސްކަލެއް ކަމުގައިވާ Marcus Aurelius) (އާއި ރޫސީންގެ މަލަކާ (Catherine II)އާއި، ޕްރޮވޭޝިޔާގެ (FrederickII) އާއި، މަޤްދޫނިޔާގެ (Demetrius) އާއި، މިޒަމާނުގައި ސިންގަޕޫރުގެ ލީކުއަންޔޫ އަކީ ފަލްސަފާވެރީންނެވެ. ނަމަވެސް އެބޭފުޅުން ރަނގަޅުވެރީން ކަމުގައި ވެވަޑައިގެންފައެއް ނުވެއެވެ.

ޚުދު ގްރީކުގެ ފިލޯސަފަރުންގެ ބައެއް ދަރިވަރުން ރަސްކަމަށް އިސްވެވަޑައިގެންފައިވެއެވެ. މިސާލެއްގެ ގޮތުން ރޫމީންގެ އިސްކަންދަރުގެ އެދުރަކީ އަރަސްޠޫއެވެ. ހަމައެފަދައިން (Demetrius) އަކީ އަރަސްޠޫގެ ފަލްސަފީ މަދަރުސާއިން ތަރުބިޔަތު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ނަމަވެސް މިއިން އެއްވެސް ފަލްސަފީވެރިޔަކު އެހެނިހެން ވެރީންނަށްވުރެ ރަނގަޅުކަމުގައި ފެނިފައެއްނެތެވެ. (Peter Green) ގެ ޢިބާރާތުން ދަންނަވާނަމަ ވީކަމަކީ އެއްވެސް ކަމެއް ނުވީއެވެ. ހީވަނީ ވެރިކަން، ފިލޯސަފަރުންވެސް ނުބައިކޮށްލަނީހެންނެވެ.

What happened was, nothing happened… Power, it appeared, could corrupt even philosophers (Time Magazine, May 13, 1991)

ކާރލް މާކްސް އަންނަނިވި ނަޒަރިއްޔާ ހުށަހެޅިއެވެ. " ހުރިހާ ނުބައެއްގެ މުލަކީ މިލްކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ނިޒާމެވެ. މިލްކުވެރިކަމުގެ މައްޗަށް ބިނާވާ އިޤްތިޞާދި ނިޒާމުގައި ހުންނަނީ ސާހިބެކެވެ. ދެން ހައްތަހާވެސް ތިބެނީ އޭނާގެ އަޅުންނެވެ. އިންފިރާދީ މިލްކުވެރިކަން އުވާލައި "އެންމެންގެ މިލްކު" ގެ ނިޒާމު އުފެދިއްޖެނަމަ ހުރިހާ ބާވަތެއްގެ އަނިޔާއަކާއި ގޮށްމުށުބާރެއްގެ މޫތައް ކޮށައިލެވުނީއެވެ. އޭގެފަހުން ސާހިބެއް އަޅެއް ނުހުންނާނެއެވެ. އޭރަކުން އެކެއްގެ ކިބައިން ހުއްދަނޫން ފައިދާއެއް ލިބިގަންނާނެ އަނެކަކު ނުހުންނާއެވެ. އެކެއްގެ މައްޗަށް އަނިޔާވެރިވާނެ އަނެކަކު ނުހުންނާނެއެވެ.

1917 ގައި ރަޝާއަށް މާކްސިސްޓް އިންޤިލާބުއައެވެ. އިސްވެދެންނެވިކަހަލަ ފަރުދީ މިލްކުވެރިކަމެއް ނެތް ނިޒާމެއް ގޮށްމުށުބާރުން ޤާއިމު ކުރެވުނެވެ. ނަމަވެސް ނަތީޖާ ފެނިގެން ދިޔައިރު ސާބިތުވީ މާކްސްގެ އިޖްތިމާޢީ މިލްކުވެރިކަމުގެ ނިޒާމަކީ ތާރީޚު ދުށް އެންމެ އަނިޔާވެރި ނިޒާމުކަމެވެ. އެނިޒާމުގެ ވެރީން އެހެން ހުރިހާ ވެރިންނަށްވުރެ އަނިޔާވެރިވެފައި ގޮށްމުށުބާރު ހިންގާލެއް ވަރުގަދައެވެ. ހަމައެކަނި ނަމެއްގައި އޮތް އިޖްތިމާޢީ މިލްކިއްޔާތުގެ ނިޒާމު އަނިޔާއާއި ގަދަބަދަވިކަން އެތައް ގުނައެއް އިތުރުކުރިއެވެ.

ވިހިވަނަ ސައްތައިގެ ދެބައިން ކުރީ ބައިގައި އޭޝިޔާއާއި އެފްރިކާގައި އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމުގެ ޙަރަކާތް ވަރަށް ވަރުގަދަޔަށް ހިނގައިގަތެވެ. އެ ޙަރަކާތްތަކުގެ ލީޑަރުން ވިދާޅުވަމުން ގެންދެވީ ހުރިހާ އަނިޔާއަކާއި ފަސާދައެއްގެ ސަބަބަކީ ބިދޭސީންގެ ވެރިކަން ކަމުގެއެވެ. ޤައުމުގައި ރަށުމީހުންގެ ވެރިކަން ޤާއިމުވެއްޖެނަމަ އަނިޔާވެރިކަން އަމިއްލަޔަށް ނެތިގެން ހިނގައިދާނެ ކަމުގައެވެ. މިދެންނެވި ޤައުމީ މިނިވަންކަމުގެ ޙަރަކާތްތައް ކާމިޔާބުވިއެވެ. ހުރިހާ ޤައުމުތަކެއްގައިވެސް ޚުދް އެޤައުމެއްގެ ދަރީން ސަރުކާރުގެ ދަރަޖަވެރީންކަމުގައިވިއެވެ. ނަމަވެސް އަނިޔާއާއި ގަދަބަދަވިކަން ނައްތައެއްނުލެވުނެވެ. ރަށުގެ ވެރީންވެސް އާދައިގެ މަތީން ވަމުންދިޔައީ އަނިޔާވެރީން ކަމުގައެވެ. ބިދޭސީންގެ އަތުން ކުރީން ލިބެމުންދިޔަ އަނިޔާ ފަހުން ލިބެމުން ދިޔައީ ދޭސީންގެ ފަރާތުންނެވެ.

މާތްﷲ ގެ ދީން (އިސްލާމްދީން) އަންގައިދެނީ އިސްވެދެންނެވި ޒާތުގެ ހުރިހާ ދަޢުވާތަކަކީވެސް ދޮގު ދަޢުވާތަކެއް ކަމެވެ. އެދީން އަންގައިދޭ ގޮތުގައި އިންސާނުންގެ މެދަށް ޙަޤީޤީ އިސްލާހެއް ގެނެވޭނީ ހަމަ އެންމެ ކަމަކުންނެވެ. އެއީ ﷲ ގެ ރަސްކަންފުޅުދެކެ ގަންނަ ބިރެވެ. ވެރިކަމުގެ އާރާއި ބާރު ލިބިފަހުރި މީހަކު ޙައްޤާއި ޢަދުލުގެ ދާއިރާއިން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ހަމައެކަނި ބާރަކީ މާތްﷲ ގެ ރަސްކަންފުޅުދެކެ އޭނާ ގަންނަ ބިރެވެ.

ޞަޙާބީންގެ ދައުރުގެ ކުރީގައި މިދެންނެވި ވާހަކައަކީ ޢާންމު އިންސާނުންގެ ނަޒަރުގައި ހަމައެކަނި ސާބިތެއްނެތް ދަޢުވާއެކެވެ. އެހެނީ ސީދާ ތާރީޚީގޮތުން ބަލާއިރު އޭގެ ކުރިއަކުން އެދަޢުވާ ސާބިތުވެފައެއް ނުވެއެވެ. އެދަޢުވާ ޙަޤީޤީ ހާދިޘާއެއްގެ ގޮތުގައި ސާބިތުކޮށްދޭ އެއްވެސް މިސާލެއް ދުނިޔޭގައި ލިޔެވިފައި އޮތް ތާރީޚުގެ ޞަފްޙާތަކުން ފެންނާކަށެއް ނެތެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީން، އިސްވެދެންނެވި ދަޢުވާ ސާބިތުކޮށްދޭ މިސާލުތައް ޤާއިމުކުރެއްވިއެވެ. އެބޭކަލުންނަށް ވެރިކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެބޭކަލުން ތިއްބެވީ ހުރިހާ ދައުރެއްގައިވެސް ވެރީން ހައްޔަރުވެފައި ތިބޭ ފަސާދައިން ރައްކައުތެރިވެވަޑައިގެންނެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ ދަޢުވާއެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީންނަކީ އެދަޢުވާގެ ހެކީންނެވެ. އިސްލާމްދީނަކީ ނަޒަރިއްޔާއެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަޙާބީންނަކީ ޢަމަލިގޮތުން އެނަޒަރިއްޔާ ތަޞްދީޤުކޮށްދެއްވި ބޭކަލުންނެވެ.

comment ކޮމެންޓް