"ސީކްރެޓް ސުޕަސްޓާ" ޗައިނާގައި އަޅުވާނަން: އާމިރު

"ސީކްރެޓް ސުޕަސްޓާ" ޗައިނާގައި އަޅުވާނެ ކަމަށް އާމިރު ވަނީ ބުނެފައި

މިމަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފައިވާ އަދާވިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި އަޅުވަން ނިންމާފައިވާ ކަމަށް ބިލީވުޑްގެ ކުޅަދާނަ ބަތަލު އާމިރު ހާން ބުނެފި އެވެ.

އާމިރު ބުނީ ފިލްމު ޗައިނާގައި އެޅުވުމަށް އެތަކެއް މަސައްކަތް ކުރާ ކަމަށާއި ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ފިލްމު ޗައިނާގައި އަޅުވާނެ ކަމަށެވެ.

ފިލްމް "ޕީކޭ" އަދި "ދަންގަލް" ވެސް ޗައިނާގައި އަޅުވާފައިވާ އިރު ޗައިނާގައި އާމިރު ވަނީ މިހާރު ވަރަށް މަގްބޫލް ވެސް ވެފަ އެވެ.

ފިލްމް "ސުޕަސްޓާ"އިން ފެނިގެންދަނީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ، ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެތް މަސައްކަތެވެ.

ލަވަކިޔުންތެރިއަކަށް ވުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެ އެވެ. އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދަ އެވެ. ފިލްމުގައި އަންހެން ފަންނާނުގެ ރޯލުން ފެންނާނީ ފިލްމް 'ދަންގަލް'އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ އެވެ.

comment ކޮމެންޓް