އަހުރަ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ގަމުގެ ޑަބްލިޔުޑީސީ އާއި ފޮނަދޫގެ ޕީޑަބްލިޔުއެސް

އަހުރަ ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗެއްގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކޮށް، ފައިނަލުގެ ޖާގަތައް ކަށަވަރުކުރީ ގަމުގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ފޮނަދޫގެ ޕަބްލިކް ވޯކް ސާވިސް (ޕީޑަބްލިޔުއެސް) ---

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެންމެންޔޫއެސްޔޫ) ލ. ގަމުގެ ގޮތްޕެއް ކަމަށްވާ އަހުރަ އިން އިންތިޒާމުކޮށްގެން ގަމާއި އެ އަތޮޅު ފޮނަދޫގެ ސްކޫލުތަކާއި ސަރުކާރު މުއައްސަސާތުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލަށް ގަމުގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ (ޑަބްލިޔުޑީސީ) އާއި ފޮނަދޫގެ ޕަބްލިކް ވޯކް ސާވިސް (ޕީޑަބްލިޔުއެސް) ދަތުރު ކޮށްފި އެވެ.

އެ މުބާރާތުގެ ފައިނަލުން ޑަބްލިޔުޑީސީ އާއި ޕަބްލިކް ވޯކް ސާވިސް ޖާގަ ހޯދީ ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބު ކޮށްގެންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑަބްލިޔުޑީސީ އާއި ބައްރު ޕްރީ ސްކޫލެވެ. އެ މެޗު ޑަބްލިޔުޑީސީ އިން ކާމިޔާބު ކޮށްފައި ވަނީ 9-4 ލަނޑުގެ ނަތީޖާ އަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑަބްލިޔުޑީސީގެ އަޒީފާ އެވެ.

ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ ޕީޑަބްލިޔުއެސް އާއި ލ. އަތޮޅު ކައުންސިލްގެ ޓީމެވެ. އެ މެޗު ޕީޑަބްލިޔުއެސް އިން ކާމިޔާބު ކޮށްފައި ވަނީ 6-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީޑަބްލިޔުއެސްގެ ރަމްލާ އެވެ.

ޑަބްލިޔުޑީސީ އާއި ޕީޑަބްލިޔުއެސް ބައްދަލުކުރާ އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:15ގަ އެވެ. އެ މެޗަށްފަހު އިނާމު ދިނުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ އެވެ.

މި މަހުގެ 19 އިން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ މަގްސަދަކީ އެމްއެންޔޫ ގަން ކެމްޕަހާއި އަހުރަ ގޮތްޕަކީ އަތޮޅުގެ އެންމެން ދަންނަ އެންމެންނާ ގާތް ގުޅުމެއް އޮންނަ ތަނަކަށް ހެދުމެވެ. އޭގެ އިތުރުން އެމްއެންޔޫ ގަން ކެމްޕަހުގައި އޮންނަ ކޯސްތަކަކީ ބައިވެރިންނަށް އުފާވެރި މާހައުލަކަށް ހެދުން ވެސް އެ މުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަކަކީ މުކުރިމަގު ސްކޫލް، އިހައްދޫ ސްކޫލް، ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލް، ބައްރު ޕްރީ ސްކޫލް، ކައްދޫ، ޕަބްލިކް ސާވިސް ވޯކް، ފެނަކަ، އެސްޓީއޯ، ގަން ކައުންސިލް، އަތޮޅު ކައުންސިލް، ގަން އަންހެނުންގެ ކޮމިޓީ، އެމްއެންޔޫ ގަން ކެމްޕަސް، ލ. އަތޮޅު ތައުލީމީ މަރުކަރު، ލ. ގަން ހޮސްޕިޓަލު އަދި ދިރާގެވެ.

އެ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ލ. ގަން ޕޮލިސް ސްޓޭޝަނެވެ.

comment ކޮމެންޓް