ކުދީންގެ ތަރްބިޔަތުގައި މަންމަގެ ދައުރު -2

ނަފުސިއްޔާތުގެ މާހިރުންކުރެ ބައެއް ބޭކަލުން ވިދާޅުވާގޮތުގައި ކުއްޖާގެ ޢުމުރުން ހަ އަހަރު ފުރޭއިރު އޭނާގެ ސިކުނޑީގެ ނުވަދިހައިންސައްތަ ހުންނާނީ ފުރިހަމަވެފައެވެ. މަޝްހޫރު ޙާދިޘާއެކެވެ. އަންހެނެއް އޭނާގެ ކުޑަ ކުއްޖަކު ގޮވައިގެން ނަޕޯލިޔަންގެ އަރިހަށް ދިޔައެވެ. އޭނާ ދެންނެވިއެވެ. "މިކުއްޖާ ތަރުބިޔަތު ކޮށްދެއްވާށެވެ. ނުވަތަ ތަރްބިޔަތުކުރާނެ ގޮތުގެ ރަނގަޅު ބުއްދިޔެއް ވިދާޅުވެދެއްވާށެވެ." ނަޕޯލިޔަން އެއަންހެންމީހާ އާ ސުވާލުކުރެއްވިއެވެ. " ތިޔަ ކުއްޖާގެ ޢުމުރަކީ ކޮބައިހެއްޔެވެ؟" އެއަންހެންމީހާ ދެންނެވިއެވެ. "ފަސްއަހަރެވެ." ނަޕޯލިޔަން ވިދާޅުވިއެވެ. " މިހާރު ތިޔަކުއްޖާ ތިޔަހަރީ ފެތޭނެތައްގަނޑަކަށް ފެތިފައެވެ.އަހަރެން އިތުރަށްދޭނީ ކޮންތަރްބިޔަތެއް ހެއްޔެވެ؟"

މައިވަންތަކަމުގެ ހިޔަލުގައި ޅަޢުމުރު

ކުޑަކުއްޖެއްގެ ޢުމުރުގެ އެންމެ ފުރަތަމަ ހައަހަރަކީ ތަރްބިޔަތުގެ ގޮތުން ބަލާއިރު އެންމެ މުހިންމު މަރްޙަލާއެވެ. އެޢުމުރުގެ ކުދީންގެ ގިނަވަގުތު ހޭދަކުރަނީ މަންމަގެ ކައިރީގައެވެ. (މިހާރުގެ ޒަމާނީ މަންމައިން އިސްތިސްނާކުރަންޖެހޭ ކަން ހަނދާން އެބަހުއްޓެވެ.) ތުއްތުކުއްޖާގެ ޖަޒުބާތުތަކާއި، އިޙްސާސުތަކާއި، އޭނާގެ ވިސްނުމާއި ފިކުރުގެ ބޮޑުބައި އުފެދި ފުރިހަމަ ވަނީ އެޢުމުރުގައެވެ. އެޢުމުރު ފާއިތުވާއިރު ކުއްޖާ ހުންނާނީ ބައްޓަންވާނެ ގޮތަކަށް ބައްޓަންވެފައެވެ. ފެތޭނެ ތައްގަނޑަކަށް ފެތިފައެވެ. އެޢުމުރުގައި ކުދީން ގިނަ ވަގުތު ހޭދަކުރާނީ ގޭގައެވެ. އޭނާގެ ހުރިހާ ޙަރަކާތްތަކެއް ހިންގައި ކުޅޭ ހުރިހައި ކުޅިވަރުތަކެއް ކުޅެއުޅޭނީ ގޭގެވެށީގައެވެ. ތުއްތުކުއްޖާ އޭނާގެ ކޮންމެ ބޭނުމެއްގައި ދުވެފައިދާނީ މައިންބަފައިންގެ ގާތަށެވެ. ބަނޑުހައިވިޔަސް ޤަޟާޙާޖަތެއް ކުރާން ޖެހުނަސް އޭނާ ގޮވާނީ މަންމައަށެވެ. ހާނީއްކައެއްވިޔަސް، ދެރަވާކަހަލަ ކަމެއް ދިމާވިޔަސް އޭނާ ބޭނުންވާނީ މަންމަގެ ޙިމާޔަތެވެ. ކުއްޖާގެ މުޅިދިރިއުޅުން އެނާރެހެއްގެ ވަށައިގެން ބުރުޖަހާ ނާރެހަކީ ކުއްޖާގެ މަންމައެވެ. މަންމަ އޭނާގެ ލޯމަތީން ކައްސައިލައިފިނަމަ އޭނާއަށް އިޙްސާސްވާނީ އޭނާގެ ޙިމާޔަތެއްނެތްކަމެވެ. އޭނާ ރުއިމުގެ ޒަރީޢާއިން އެކަން ފާޅުކުރެއެވެ.

ކުއްޖާ ސުކޫލަށް ދާންފަށާއިރު މަންމަ އޭނާ ސުކޫލަށް ދޫކޮށްފައި ދާންފެށުމުން ކުއްޖާ ރޯންފަށަނީ އެގޮތުންނެވެ. ކުއްޖާ ޓީޗަރުންނާ ފަރިތަވެލަންދެން މަންމަ ސުކޫލުގައި މަޑުކުރަން މަޖްބޫރުވާތަން އަންނަނީ އެކަމާހުރެއެވެ. ކުލާހުގެ އެހެން ކުދިންނާ ރަޙްމަތްވެ ޓީޗަރުންނާ ރައްޓެހިވުމުން އޭނާއަށް ވެށީގެ ރައްކާތެރިކަމާމެދު ހިތްހަމަޖެހުންލިބެއެވެ. ތުއްތުކުދީން ހުރިހާ ކަމެއްވެސް އެންމެ ފުރަތަމަ ދަސްކުރަނީ މައިންބަފައިންގެ ގާތުންނެވެ. މަންމަގެ ކިބައިގައި ވިސްނުންތެރިކަމާއި ހޭލުންތެރިކަމާއި، ހަރުދަނާކަން ހުރި ވަރަކަށް ކުދީންގެ ތަރްބިޔަތާމެދު ވިސްނައިފިކުރުކުރެއެވެ. ކުދީންނާ އަޅައިލައެވެ. ކުދީން ތަރްބިޔަތުކުރުމުގައި ބުއްދި އިސްކުރެއެވެ. ކުއްޖާއާ ތިމާއާދެމެދު އޮންނަ ލޯތްބާއި މައިވަންތަ ކުލުނު ވަސީލަތަކަށް ހަދައިގެން ހަރުދަނާގޮތެއްގައި ކުއްޖާ ތަރްބިޔަތުކުރެއެވެ.

މަންމައާއި ދަރިފުޅުގެ ޖަޒްބާތީ ގުޅުން

ބުނެވޭގޮތުގައި ތުއްތުކުއްޖާ އުފަންވުމާއެކު މަންމަގެ ވަހުންވެސް އޭނާ މަންމަ ފާހަގަކުރެއެވެ. ތުއްތުކުއްޖާގެ ހިތުގައި އެންމެފުރަތަމަ ކުރެހޭ ތަސްވީރަކީ އޭނާގެ މަންމަގެ ތަސްވީރެވެ. ތުއްތު ކުއްޖާއާ "ބައްދަލުވާ" އެންމެ ފުރަތަމަ ޝަޚުޞިއްޔަތަކީ މަންމައެވެ. ކުއްޖަކު ވިހެއުމަށްފަހު މަންމަގެވެސް އެންމެ ފުރަތަމަ އެދުމަކީ އޭނާގެ ތުއްތުދަރިފުޅުގެ ލޮލުންދެކެލުމުގެ އެދުމެވެ. ހުރިހާ ވޭނަކާއި ކެކުޅުމެއް ހަނދާންނައްތައިލުމަށްފަހު މަންމަ ކުއްޖާއަށް ސަމާލުކަންދެއެވެ. ދަރިފުޅު ފެނުމުން މަންމަ ލޯތްބާއި، އޯގާވެރިކަމާއެކު ހިނިތުންވެއެވެ. ކުލުނާއި ހަމްދަރުދީއާއެކު ދަރިފުޅުގެ މަންމަގެ މޭގައި ޖައްސައި ބޮނޑިކޮށްލައެވެ. މަންމަގެ މޭމައްޗާއި، މަންމަގެ އުނގަކީ ދަރިފުޅަށްޓަކައި ރައްކާތެރިކަމުގެ ދެކިއްލާއެވެ. އެދެކިއްލާއިން ކުއްޖާ ހުރިހާ ތުރާތަކަކާއި، ހިތްހަމަނުޖެހުމަކުން ސަލާމަތްވެއެވެ. ހުރިހާ ރާހަތަކާއި އަރާމެއް ހޯދައެވެ. ދަރިފުޅުގެ އެންމެ ޅަފަތުގައި މަންމަ ސައުވީސްގަޑިއިރު އޭނާގެ ބޭނުންތައް ފުރިހަމަކޮށްދެއެވެ. ކާންދެއެވެ. ސާފުކޮށްދެއެވެ. އުފާވާނެގޮތްތައް ހޯދައިދެއެވެ. ކުޅޭނެ ފުރުސަތު ހޯދައިދެއެވެ. މަންމަ އޭނާއާއެކު ކުޅެއެވެ. ކުއްޖާ ގިލިގިލިކޮއްޓައި އޭނާ ހެއްވައެވެ. ކަންކަމާ ފިކުރުކޮށް ޚިޔާލުކުރެވޭނެ މަގު ހޯދައިދެއެވެ. ވިސްނުންތެރި މަންމައިން ދަރިފުޅާއި މަންމައާދޭތެރޭގައި އޮންނަ މައިކުލުނު ބަރާބަރަށް ދަމަހައްޓައެވެ. ތަރްބިޔަތުގެ މަރްޙަލާގައި ހުޝިޔާރުކަމާއެކު އެގުޅުމުގެ ބޭނުންހިފައެވެ.

ކުއްޖާގެ ސުކޫލު ދައުރުފެށުމާއެކު މަންމަ އޭނާއާ ދަރިފުޅާ ދެމެދު އޮންނަ ޖަޒުބާތީގުޅުމުގެ ޒަރީއާއިން ޙިކުމަތްތެރިކަމާއެކު ކުއްޖާގެ ކިބައިގައި އަމިއްލަ ނަފުސުގެ އިތުބާރު އުފައްދައެވެ. ކުއްޖާގެ އަމިއްލަޒާތާމެދު ގޮތްތައް ނިންމުމާއި، އެހެން މީހުން ވިސްނައިގަތުމުގައި އެހީތެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ޖަމާޢަތާ ގުޅުން އުފެއްދުމުގައި ކުއްޖާއަށް އިތުބާރާއި ޔަޤީންކަންލިބެއެވެ.

ކުޑަކުދީން ފެންނަ ކޮންމެކަމެއް ނަކަލުކުރެއެވެ.

ކުރީންވެސް ދެންނެވިފަދައިން ކުޑަކުދީންގެ ޢުމުރުގެ އިބްތިދާއީ މަރްހަލާގައި އެކުދީން ގިނަކަންތައް ދަސްކުރާނީ މައިންބަފައިންގެ ފަރާތުންނެވެ. ޚާއްޞަކޮށް މަންމަގެ ކިބައިންނެވެ. އެޢުމުރުގެ ކުދީންނަކީ ނަކަލުކުރާބައެކެވެ. މައިންބަފައިން ވާހަކަދައްކާ ބަހުރުވައިން ހަމައެ ލަހެޖާގައި އެކުދީން ވާހަކަދައްކައެވެ. އަޚްލާޤީ ގޮތުންވެސް ކުޑަކުދީންނަކީ މައިންބަފައިންގެ ހިޔަނިތަކެކެވެ. ނެގެޓީތަކެކެވެ. ކުޑަކުދީން މައިންބަފައިންގެ އަޚްލާޤާމެދު ފުންކޮށް ވިސްނައެވެ. އެގޮތްތައް ހިތުގައި ބިންވަޅުނަގައެވެ. އެކުދީންގެ ޢަމަލީޙަޔާތުގައި އެކަންކަން އިޢާދަކުރެއެވެ. މައިންބަފައިންގެ ސުލޫކުގައި ހުންނަ ރީތި ސިފަތަކާއި ހުތުރު ސިފަތައް އެކުދީން ނަކަލުކުރެއެވެ.

ބައެއް މައިންބަފައިން ޝަކުވާކުރެއެވެ. " އަހަރެންގެ ދަރިފުޅުގެ ބަސްމަގު ވަރަށް ހުތުރުވެއްޖެއެވެ." ވިޔާނުދާ ހަޑިހުތުރު ވާހަކަތަކާއި ހުތުރުބަސްތައް ދަސްކޮށްފިއެވެ. އޭނާ ކޮންތަނަކުން ދަސްކުރި ބަސްތަކެއްކަމެއްވެސް ނޭގެއެވެ." އެކަމަކު ޙަޤީޤަތުގައި އެވިޔާނުދާ ހަޑިހުތުރު ބަސްތައް ދަސްކޮށްދެނީ ޚުދު މައިންބަފައިންނެވެ. އާއިލާގެ އެހެނިހެން މެމްބަރުންނާއި، ރައްޓެހިންނާއި، އަވަށްޓެރިންނާ ބެހޭގޮތުން މައިންބަފައިން ދައްކާ ވާހަކަތަކާއި ކުރާކަންތައް އެކުދީން ފަރުވާތެރިކަމާއެކު ދަސްކުރެއެވެ. މައިންބަފައިން މީހުނަށް ދޮގުހަދާ އަޑުއިވުމުން ދޮގުހަދަން ދަސްކުރެއެވެ. ދެމަފިރީން އަރައިރުންވެ ހަޑިހުތުރުބަހުރުވައިން އެކަކު އަނެކަކަށް އެއްޗެހި ގޮވާއިރު ބޭނުންކުރާ ބަސްތައް އެކުދީންގެ ސިކުނޑީގައި ރައްކާކުރެއެވެ. އެކުދިންނަށް ފުރުޞަތެއް ލިބުމުން އެބަސްތައް ބޭނުންކުރެއެވެ.

މިކަންކަމަށް ރިޢާޔަތްކޮށް ފަހާގަކުރަން ޖެހެނީ އިންސާނުންގެ ތެރޭގައި އުފެދޭ ބޮޑެތި މާތްމީހުންގެ ޝަޚްޞިއްޔަތުތައް ބިނާކުރުމުގައި މަންމަގެ ދައުރު ވަރަށް މުހިންމުކަމެވެ. ތާރީޚުދެކެފައިވާ ބޮޑެތި ޢިލްމުވެރީންނާއި، މުފައްކިރުންނާއި، ދީނަށް ގޮވައިލެއްވި ފަރާތްތަކާއި މުސްލިޙުންނާއި، ސިޔާސީވެރީންގެ ސީރަތު މުޠާލިއާކޮށްލުމުން އެނގެނީ އެ "އަލީގެ މުންނާރުތައް" ބިނާކުރެއްވުމުގައި އަސާސީ ދައުރެއް އަދާކުރައްވައިފައިވަނީ އެބޭބޭކަލުންގެ މައިކަނބަލުންކަމެވެ. ތިރީގައިމިވަނީ އޭގެތެރެއިން ބައެއް ބޭކަލުންގެ މައިކަނބަލުންގެ ދައުރުގެ މައްޗަށް ހިންގައިފައިވާ އަވަސްކަޅިއެކެވެ.

އަނަސުބިން މާލިކުގެ މަންމަ

އަނަސު ބިން މާލިކުގެ ރަޟިޔަﷲ ޢަންހުއަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޝްހޫރު ޞަޙާބީއެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚާދިމުގެ ޝަރަފުވެރި ލަޤަބުފުޅު ލިބިވަޑައިގެން ހުންނެވި ބޭކަލެވެ. އަނަސުގެފާނު އިތުރުސާހިބާގެ ޚިދުމަތުގައި އަހަރުތަކެއް ހޭދަކުރެއްވިއެވެ. އިތުރުސާހިބާގެ އަރިހުން ދީނާއި، އަޚްލާޤު ދަސްކުރެއްވިއެވެ. އިތުރުސާހިބާގެ އެތައް ޙަދީޘެފުޅުތަކެއް އުނގެނިވަޑައިގެން އުންމަތަށް ރައްދުކުރެއްވިއެވެ.

އަނަސުގެފާނުގެ މައިކަނބަލުންނަކީ އައްސައްޔިދާ އުންމު ސުލައިމު ރަޟިޔަﷲ ޢަންހާއެވެ. ނައްޖާރުވަންހައިން އިތުރުސާހިބާ އާ ތިމާގެފުޅު ބޭކަނބަލެކެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ އިތުރުސާހިބާގެ ބޮޑުދައިތާފުޅެއްގެ ގޮތުގައެވެ. އަނަސުގެފާނުގެ ބައްޕަގެ ނަންފުޅަކީ މާލިކެވެ. އުންމު ސުލައިމު އިސްލާމްވެވަޑައިގެންނެވިއިރު މާލިކު އިސްލާމްވެވަޑައެއް ނުގަންނަވައެވެ. އަނަސުގެފާނު ތުއްޕުޅުއިރު އުންމުސުލައިމު އެކަލޭގެފާނަށް ޝަހާދަތުގެ ދެކަލިމަފުޅު ދަސްކޮށްދެއްވިއެވެ. އުންމު ސުލައިމު ރަޟިޔަﷲ ޢަންހާ އަނަސުގެފާނަށް ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވެދެއްވާތީ މާލިކު އެކަމާ އިޢުތިރާޟުކުރެއްވިއެވެ. އޭނާ އުންމު ސުލައިމާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. " ކަމަނާ ކާބަފައިންގެ ދީން ދޫކޮށްލައްވައިފީމުއެވެ. ތިޔަ އުޅުއްވަނީ މިކުއްޖާފުޅުވެސް ކާބަފައިންގެ ދީނުން ބޭރުކުރައްވަންތޯއެވެ؟ އަޅުގަނޑުގެ ދަރިފުޅު ހަލާކުނުކުރައްވާށެވެ."

އުންމު ސުލައިމު ރަޟިޔަﷲ ޢަންހާ ޖަވާބުދެއްވައެވެ. " އަޅުގަނޑު އޭނާ ހެޔޮގޮތުގައި ތަރްބިޔަތުކުރަނީއެވެ." އުންމު ސުލައިމު ރަޟިޔަﷲ ޢަންހާ އެގޮތުގައި އަނަސުގެފާނު ތަރްބިޔަތުކުރައްވަމުން ގެންދެވިއެވެ. އަނަސުގެފާނުގެ އުމުރުފުޅުން ދިހަ އަހަރުފުޅު ފުރޭން ކައިރިވުމުން އެކަލޭގެފާނު ގޮވައިގެން ވަޑައިގެންނެވީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށެވެ. އުންމު ސުލައިމު ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ އަރިހުގައި ވިދާޅުވިއެވެ.

" އޭ މާތްﷲ ގެ ރަސޫލާއެވެ! މިއީ އަޅުގަނޑުގެ ދަރިފުޅު އަނަސެވެ. މީނާ ކަލޭގެފާނުގެ ޚިދުމަތަށް ޚާއްޞަކުރަމެވެ."

އަނަސު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ މައިކަނބަލުންގެ އެއިޙްސާންތެރިކަމުގެ ވާހަކަ ޝުކުރުވެރިވެވަޑައިގަތުމާއެކު ފާހަގަކުރައްވައި އުޅުއްވިއެވެ.

އިމާމު ބުޚާރީގެ މަންމަ

އަލް އިމާމު ބުޚާރީ ރަޙިމަހުﷲ ރައްކައުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެކަލޭގެފާނު ބައްޕަ އިސްމާޢީލް އަވަހާރަވެއްޖެއެވެ. އެހެންކަމުން އިމާމު ބުޚާރީ ރަޙިމަހުﷲ ތަރްބިޔަތުކުރެއްވީ އެކަލޭގެފާނުގެ މައިކަނބަލުންނެވެ. އެކަމަނާއަކީ ނުހަނު ޞާލިޙު އަދި ތަޤްވާވެރި ބޭކަނބަލެކެވެ. މާތްމިޒާޖުފުޅެއްގެ ބޭކަނބަލެކެވެ. އެކަމަނާ ދަރިކަލުންގެ ހިތްޕުޅުގައި ތުއްޕުޅުއިރުއްސުރެ ޢިލްމީ ޝައުޤު އުފެއްދެވިއެވެ. އެކަމަނާގެ ދަރިކަލުންނަށް ހަރުދަނާ ތަރްބިޔަތެއް ދެއްވަމުން ގެންދެވިއެވެ.

އަލްއިމާމު ބުޚާރީ ރަޙިމަހުﷲގެ އުމުރުފުޅުން ތިން އަހަރުފުޅުގައި އެކަލޭގެފާނުގެ މައިކަނބަލުންގެ ޙަޔާތްޕުޅުގެ ސާފުތާހިރު ފެންއާރު ކިލަނބުވެއްޖެއެވެ. ހިތްޕުޅުހަމަޖެހިވަޑައިގަތުން ގެއްލިއްޖެއެވެ. އިމާމު ބުޚާރީގެ ލޯފުޅު އަނދިރިވުމުގެ ހިތާމަވެރި ހާދިޘާ ކުރިމަތިވުމުންނެވެ. މިއާދަޔާ ޚިލާފު ބޮޑު ކާރިޘާއާ ކުރިމަތިވުމުންވެސް އެކަމަނާ ސާބިތުކަމުގެ ދާވަނި ދޫކޮށެއްނުލައްވައެވެ. ހިތްޕުޅުގެ އުދާސްތައް ކަރުނަފޮދުގެ ސިފައިގައި ލޯފުޅުން އޮހޮރެމުންދިޔައިރުވެސް މާތްﷲގެ ރަޙްމަތްފުޅާމެދު އުންމީދުކަނޑުއްވައެއް ނުލައްވައެވެ. މާޔޫސްވެވަޑައެއްނުގަންނަވައެވެ. ނުހަނު ޔަޤީންކަމާއެކު މާތްﷲގެ ޙަޟުރަތަށް އަދޭސްދަންނަވައި ދުޢާކުރައްވަމުން ގެންދެވިއެވެ. އަރަހުށި މާތްﷲ އެކަމަނާގެ ދުޢާ އިޖާބަކުރައްވައި އިމާމު ބުޚާރީގެ ލޯފުޅުގެ ފެނުން އިއާދަކޮށްދެއްވިއެވެ. ހަމައެކަނި ލޯފުޅުގެ ފެނުން އިޢާދަކޮށް ދެއްވީކީނޫނެވެ. އެކަމަނާގެ ދަރިކަލުންނަކީ ޤިޔާމަތާ ހަމަޔަށް އިންސާނިއްޔަތަށް ތެދުމަގު އަލިކަން ރައްދުކުރައްވާ ފަނާރެއްކަމުގައި ލެއްވިއެވެ. އެކަމަނާގެ ދަރިކަލުން ލިޔުއްވި ފޮތަކީ މާތްﷲގެ ފޮތް (ކީރިތި ޤުރުއާން) ފިޔަވައި މިބިންމަތީގައިވާ އެންމެ ޞައްޙަ ފޮތްކަމުގައި ލެއްވިއެވެ.

ޢަބްދުލްޤާދިރު ޖީލާނީގެ މަންމަ

ޢަބްދުލްޤާދިރު ޖީލާނީ ރަޙިމަހުﷲ އަކީ ވަރަށް ބޮޑު ޢިލްމުވެރިޔެކެވެ. އެކަލޭގެފާނުގެ ވާހަކަ އިސްލާމީ ދުނިޔޭގައިވަނީ ވަރަށް ބޮޑަށް ފެތުރި މަޝްހޫރުވެފައެވެ. އެކަލޭގެފާނުގެ ތަޤްވާވެރިކަމުގެ ވާހަކައެވެ. އަޅުވެރިކަމާއި ޞާލިޙުކަމުގެ ވާހަކައެވެ. އެކަލޭގެފާނުގެ ވަލީވެރިކަމުގެ ވާހަކައެވެ. އެކަލޭގެފާނު ދާދިތުއްޕުޅުއިރު އެކަލޭގެފާނުގެ ބައްޕާފުޅުވަނީ އަވަހާރަވެފައެވެ. ގެންގުޅުއްވައި ބޮޑުކުރައްވައި ތަރްބިޔަތުކުރެއްވީ މަންމާފުޅެވެ. އަބްދުލްޤާދިރު ޖީލާނީ އިބްތިދާއީ ތައުލީމު ހާޞިލުކުރެއްވީ އަމިއްލަފުޅު ރަށް ޖީލާނުންނެވެ. އިބްތިދާއީ ތައުލީމު ނިންމެވުމަށްފަހު ޤަޞްދުކުރެއްވީ މަތީތައުލީމު ހާޞިލުކުރެއްވުމަށްޓަކައި ބަޣުދާދަށް ވަޑައިގެންނެވުމަށެވެ. އެދުވަސްވަރު މުޅިދުނިޔޭގައިވެސް ތައުލީމާއި ތަރްބިޔަތުގެ އެންމެ މަތީ ފެންވަރުގެ މަރުކަޒަކަށްވަނީ ބަޣުދާދެވެ.

(ނުނިމޭ)

comment ކޮމެންޓް