ބަނގުލަދޭޝް މަސައްކަތު މީހުން އަލުން ގެނައުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި އުޅޭ ބަނގުލަދޭޝް ރައްޔިތުންތަކެއް: އިމިގްރޭޝަންގެ ސިސްޓަމް މެދުވެރިކޮށް މިހާރު ބަނގުލަދޭޝް އިން މީހުން ގެނެވޭނެ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެއަށް ބަނގުލަދޭޝުން މީހުން ގެނައުމުގެ ފުރުސަތު، އެ ގައުމުގެ މީހުންނަށް ހާއްސަކޮށްފައިވާ ސިސްޓަމެއްގެ ތެރެއިން ރާއްޖެ ގެނައުމުގެ ފުރުސަތު އިމިގްރޭޝަނުން ހުޅުވާލައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ބަނގުލަދޭޝް މަސައްކަތު މީހުން ރާއްޖެ ގެނައުމަށް ވިސާ ދުލެއް ނުކުރެއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު ހަސަން ހަލީލް ވިދާޅުވީ ބަނގުލަދޭޝް މަސައްކަތު މީހުން ގެނައުމުގެ ފުރުސަތު ހުޅުވާލި ފަހުން ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ނަމަވެސް ގެނެވޭނީ މޯލްޑިވްސް އިމިގްރޭޝަން ޕްރި ޑިޕާޗާ ހެލްތު އެންޑް ސެކިއުރިޓީ ސިސްޓަމް (މިޕްސް) މެދުވެރިކޮށް އެކަނި ކަމަށެވެ.

"ސިސްޓަމް ތައާރަފު ކުރަން ޖެހުނީ އޮޅުވާލައިގެން ގެނައިސް މަގު މައްޗަށް މީހުން ގިނަވާލެއް ގިނަ ކަމުން އެފަދަ ކަންކަމަށް ހައްލު ހޯދުމުގެ ގޮތުން،" އޭނާ ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ އެ ސިސްޓަމަކީ ހަމައެކަނި ބަނގުލަދޭޝް އިން މަސައްކަތު މީހުން ގެނައުމަށް ފަރުމާކޮށްފައިވާ ސިސްޓަމެއް ކަމަށާއި ސިސްޓަމް މެދުވެރިކޮށް މީހުން ގެނައުމަށް ރިކުއެސްޓް ކުރުމުން އެ ގައުމުގައި ތިބޭ ރެޖިސްޓާޑް އެޖެންޓުން މެދުވެރިކޮށް މަސައްކަތު މީހުން ލިބޭނެ ކަމަށެވެ.

މަސަތްކަތު މީހުން ގެނައުމުގައި ކުރިން ރާއްޖެއިން ޑީޕޯޓްކޮށްފައި ތިބި މީހުނަށް އަލުން އަނބުރާ އައުމުގެ ފުރުސަތު ނެތް ކަން ފާހަގަކޮށް ހަލީލް ވިދާޅުވީ އެންމެ ފުރަތަމަ ވެސް އެ މީހެއްގެ ފިންގާ ޕްރިންޓް މެދުވެރިކޮށް އެއީ ކާކުކަން ދެނެގަނެ ވޭނެ ކަމަށެވެ.

"ފިނަގްޕްރިންޓް މެޗު ވެއްޖެ ނަމަ ހެލްތް ސްކްރީނެއް ވެސް ނުހެދޭނެ. ހެލްތްގެ ޓެސްޓް ތަކުން ފާސްވެއްޖެ ނަމަ ސެކިއުރިޓީ ސްކްރީނަކަށް ދާނެ. އެއަށްފަހު އެމްބަސީން ސެކިއުރިޓީ ކްލިއަރެންސް ސްޓިކާ ޖެހުމަށްފަހު މީހާއަށް އާދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މަސަތްކަތު މީހުން ގެނައުމުގަ އެންމެ ބޮޑު މައްސަލަތަކާ ދިމާވެ އެ މީހަކު މަގުމައްޗަށް ގިނަވަނީ އޮޅުވާލައިގެން ގެނައުމުން ކަމަށާއި ސިސްޓަމް މެދުވެރިކޮށް މީހުން ގެންނައިރު އެ ފުރުސަތު ބަންދުވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް