މީޑިއާނެޓަށް އާ ތިން ޗެނަލް ތައާރަފްކޮށްފި

މީޑިއާނެޓުން ވަނީ ބީބީސީ އާރތު، ސޮނީ ޓެން 3 އެޗްޑީ އަދި ސޮނީ ޕިކްސް ތައާރަފްކޮށްފައި --

މީޑިއާނެޓްގެ ކަސްޓަމަރުންނަށް މުޅިން އާ ޗެނަލްތަކެއް ތައާރަފްކޮށް، ދައްކަން ފަށައިފިއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި، ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ، މީޑިއާނެޓުން ބުނީ، އަލަށް ތައާރަފްކުރި ތިން ޗެނަލަކީ، "ބީބީސީ އާރތު"، "ސޮނީ ޓެން 3 އެޗްޑީ" އަދި "ސޮނީ ޕިކްސް" ކަމަށެވެ.

"BBC Earth ,SONY TEN 3 HD، އަދި SONY PIX މި ތިން ޗެނަލްވެސް މިހާރު މީޑިއާނެޓްގެ ކޭބަލް ކަސްޓަމަރުންނަށް ފެންނާނެ،" މީޑިއާނެޓުން ބުންޏެވެ.

ބީބީސީ އާރތު ފެންނާނީ، މީޑިއާނެޓްގެ ޗެނަލް ނަންބަރު (Ch870)އިންނެވެ. މިއީ ދުނިޔެއާއި ކައުނުގައި ވާ އެހެނިހެން ޕްލެނެޓްތަކާ ބެހޭ ތަފާތު މައުލޫމާތުތަކާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައްވެސް ހިމެނޭ ޗެނަލްއެކެވެ.

ސޮނީ ޓެން 3 އެޗްޑީ ފެންނާނީ، މީޑިއާނެޓްގެ ޗެނަލް ނަންބަރު (Ch893) އިންނެވެ. މިއީ ތަފާތު ކުޅިވަރުތަކަށް ޚާއްސަ ޗެނަލެކެވެ.

ސޮނީ ޕިކްސް އަކީ، އެންމެ ފަހުގެ ކާމިޔާބު އިނގިރޭސި ފިލްމުތަކަށް ޚާއްސަ ޗެނަލެކެވެ. މީޑިއާނެޓްގެ ކަސްޓަމަރުންނަށް މި ޗެނަލް ފެންނާނީ، ނަންބަރު (Ch806)އިންނެވެ.

މީޑިއާނެޓުން ބުނީ، ޗެނަލްތަކާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން، 3320800 ނަންބަރު ފޯނަށް ގުޅައިގެން، ނުވަތަ ދިރާގު ކަސްޓަމަރުން 3030އަށް، އުރީދޫ ކަސްޓަމަރުން 5511 އަށް ޓެކްސްޓް މެސެޖެއް ފޮނުވުމުން މައުލޫމާތު ސާފުކުރެވޭނޭ ކަމަށެވެ.

މީޑިއާނެޓުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޭބަލް ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދެމުން ދާއިރު، މިހާރުވެސް 160 އަށްވުރެ ގިނަ ޗެނަލްތައް ކަސްޓަމަރުންނާހަމައަށް ފޯރުކޮށްދެމުންދެއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުން ބޭނުންވާފަދަ މަގުބޫލް ޗެނަލްތަކެއް ފޯރުކޮށްދިނުމަށް،" މީޑިއާނެޓްގެ އެސިސްޓެންޓް ޕީއާރ މެނޭޖަރު ޝިއުނާ ހަމީދު ވިދާޅުވިއެވެ.

comment ކޮމެންޓް