މަޖިލީހުގެ ބައިއިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާގެ ބަޖެޓެއް

ރައްޔިތުންގެ މަޖިލިސް: އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ ކަމަށް ބުނާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފައި ---

ރައްޔިތުންގެ މަޖިލީހުގައި، ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާ ހިމަނައިގެން ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އަހުމަދު މަނިކުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮޑި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލަ އަދަދަކީ 493 މިލިއަން ރުފިޔާ އެވެ.

އޭގެ ތެރެއިން 26 މިލިއަން ބައި އިލެކްޝަންތަކަށް ކަނޑައަޅާފައިވާ އިރު ސިއްހީދާއިރާއަށް ދެމުންދާ ހިދުމަތްތައް މެދު ނުކެޑި ކުރިއަށް ގެންދިއުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ހިމަނާފައިވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަސްރޫއުތަކަށް ބޭނުންވާ 70 މިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ހަރަދުތަކަށް 27 މިލިއަން ރުފިޔާ އެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމާ އެކު މި އަހަރުގެ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދު 27.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

"އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑު ބައެއް މި އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ނުފެންނާތީ ސަޕްލިމެންޓްރީ ބަޖެޓްގައި ދައުލަތުގެ އާންމުދަނީ އިތުރު ކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށް ހުށަހެޅިފައި ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އާންމުދަނީ އިތުރު ކުރުމުގެ ގޮތުން ރެވެނިއު ސްޓޭޕްގެ ގާނޫނާށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށާއި އޭގެ އިތުރުން ޓެކްސްގެ ގާނޫނަށް ވެސް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.

"މި އިސްލާހުތައް ގާނޫނުތަކަށް ގެނެވެއްޖެ ނަމަ ޓެކްސްގެ ނިޒާމް އިފިސިއެންސީ އިތުރުވެ ދައުލަތުގެ އާންމުދަނީ އިތުރު ވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މާދަމާގެ މަޖިލީހުގެ އެޖްންޑާގައި ހިމާނާނެ ކަމަށް ރިޔާސަތުން އަބްދުﷲ މަސީހު އިއުލާންކުރައްވާފައިވާ އިރު މިއަދު އޮންނަ އާންމު ކޮމެޓީގައި މެންބަރުންނަށް ބަހުސް ކުރުމަށްް ދޭނެ ވަގުތު ކަނޑައަޅާނެ އެވެ.

comment ކޮމެންޓް