އައްޑޫ ދަތުރުން އެނގިގެން ދިޔައީ ތަރައްގީ ބަލައިގަންނަކަން: މެޑަމް ފާތުން

މެޑަމް ފާތުން ރައީސް ޔާމީނާ އެކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުން އެނގިގެން ދިޔައީ ސަރުކާރުން އެ ސިޓީއަށް ގެންނަ ތަރައްގީ ރައްޔިތުން ބަލައިގަންނަމުންދާ މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (އެޑަމް ފާތުން) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މެޑަމް ފާތުން ވިދާޅުވީ ރައީސް ޔާމީން ގެންނަވާ ތަރައްގީގެ މަޝްރޫއުތަކާ މެދު އެ ސިޓީގެ ރައްޔިތުން ހިތްހަމަޖެހޭކަން ވެސް އެ ދަތުރުފުޅުން އެނގިގެން ދިޔަ ކަމަށެވެ.

"އައްޑޫ ސިޓީން އަޅުގަނޑަށް މަރުހަބާ ކީމަ ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އެކަމުން އަޅުގަނޑަށް ގަބޫލުކުރެވުނު އެއްޗަކީ ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް. ޚާއްސަކޮށް މި އައްޑޫ ސިޓީން އެ މަޝްރޫއުތައް ބަލައިގަތްކަން. އަދި އެކަމާ ދޭތެރޭ އެ މީހުން ހިތްހަމަޖެހޭކަން،" މެޑަމް ފާތުން ވިދާޅުވިއެވެ.

އެކަމަނާ ކުރެއްވި ދަތުރުފުޅަކީ އެންމެ ގާތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ބަލާލުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށާއި އަބަދުވެސް އެދެނީ ރައްޔިތުންނާ ގާތުން ޚިދުމަތްކުރަން ފުރުސަތު ދިނުން ކަމަށް މެޑަމް ފާތުން ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ރައްޔިތުންނާ ގާތުން ޚިދުމަތްކުރަން ފުރުސަތުތަކެއް ދިނުން،" މެޑަމް ފާތުން ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިހްސާސްތައް ގާތުން އަޑުއައްސަވާފައިވާނެ ކަމަށާއި އެކަމުގެ ބޭނުމަކީ އެ މީހުންނަށް ދިމާވެފައިވާ ދަތިތައް ފިލުވައިދިނުމަށް މަސައްކަތްކުރުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އެ ދަތުރުފުޅުގައި މެޑަމް ފާތުން ވަނީ އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ވަޑައިގެން އެ ރަށްތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކާ ބައްދަލުކުރައްވާފަ އެވެ.

މެޑަމް ފާތުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރައްވަމުން ގެންދަވާއިރު، މިއީ އެކަމަނާގެ ދަތުރުފުޅާ ގުޅޭގޮތުން މީޑީއާ އަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ. މީގެކުރިން އެކަމަނާގެ ދަތުރުފުޅުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަނީ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީއެވެ.

comment ކޮމެންޓް