47 އަހަރުފަހު، ސައުދީގައި ސިނަމާ ހުޅުވުމުގެ ހުއްދަ ދެނީ

ސައުދީގައި ދާދި ފަހުން ބޭއްވި ކުރު ފިލްމު މުބާތާތުގައި ބައިވެރިވި ފިލްމުތައް ސްކްރީން ކުރުމަށް ކިންގް ފަހުދު ކަލްޗަރަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

އަންހެނުންނަށް ކާރު ދުއްވުން ހުއްދަ ކުރުމަށްފަހު، ސިނަމާތައް ވެސް ސައުދީގައި ހުއްދަ ކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ސައުދީގެ ނޫހެއް ކަމަށްވާ ސައުދީ ގެޒެޓުން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

ސައުދީގެ ސިނަމާ ކޮމެޓީގެ ކުރީގެ ޗެއާމަން ފަހަދް އަލް ތަމީމީ ވިދާޅުވި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން އެ ގައުމުގައި ސިނަމާތައް އަލުން ހުޅުވާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެއެވެ.

ސައުދީގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އަދި ކަލްޗާ އެންޑް ލޯގެ ގާނުނުތަކަށް ރިއާޔަތްކޮށް ސިނަމާތައް އެ ގައުމުގައި ހުޅުވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ތަމީމީ ވިދާޅުވި އެވެ.

ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) ގެ ޗެއާމަން އަހުމަދު އަލް ހައްތާބު މިދިޔަ އޭޕްރީލް މަހު ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ސިނަމާތައް އަލުން އެގައުމަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ސައުދީ ތަރައްގީ ކުރުމަށް ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން އެފަދަ ފިޔަވަޅުތައް ސައުދީ ސަރުކާރުން ނަގާނެ ކަމަށް ވެސް ހައްތާބު ވިދާޅުވިއެވެ.

މުނިފޫހިފލުވުމުގެ ކަންތައްތައް ސައުދީގައި ފުޅާކުރުމުންދާ އިރު ޖީއީއޭގެ ސިޔާސަތު ހުރީ ސައުދީގެ އާދަކާދާއާ އިސްލާމްދީނުގެ މެދުމިނުގެ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ކަމަށްވެސް ހައްތާބު ވިދާޅުވި އެވެ.

ސައުދީގައި 1970 އިން ފެށިގެން ސިނަމާތައް ވަނީ މަނާކޮށްފަ އެވެ. އެ ގައުމުގައި މި އަހަރުން ފެށިގެން ދަނީ ކޮންސެޓްތައް ބާއްވަމުންނެވެ.

ސައުދީން 2030 އަށް އެ ގައުމުން ކަނޑައަޅައިފައިވާ ތަސައްވަރުގެ ދަށުން އެ ގައުމަށް ދަނީ މި އިން ޒަމާނަކު ވެސް ފެނިފައިނުވާ ބަދަލުތަކެއް ފެންނަމުންނެވެ.

comment ކޮމެންޓް