ސްޕެއިންގެ އަމުރަށް ބޯނުލަނބާނެ ކަމަށް ކެތަލޯނިއާ އިން ބުނެފި

ކެތަލޯނިއާގެ މިނިވަން ކަމަށް ގޮވާލައި ބޭއްވި އެއްވުމެއް -- ފޮޓޯ/ އޭއެފްޕީ

މެޑްރިޑް (އޮކްޓޯބަރު 23): ސްޕެއިންގެ މައި ސަރުކާރުން ކެތަލޯނިއާގެ މައްޗަށް ސީދާ ވެރިކަން ހިންގަން މަސައްކަތްކޮށްފި ނަމަ، އެސަރުކާރުގެ އަމުރުތަކަށް ބޯނުލަނބާނެ ކަމަށް އެސްޓޭޓުގެ ފޮރިން އެފެއާސްގެ ތަރުޖަމާނު ރައުލް ރޮމޭވާ ވިދާޅުވެއްޖެ އެވެ.

ރޮމެވާ އެފަދައިން ވިދާޅުވީ ކެތަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި ނަމަ އެސްޓޭޓުގައި އޮތް އަމިއްލަ ވެރިކަން އުވާލައި، ކެތަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް ކުޑަ ކުރާނެ ކަމުގެ އިންޒާރު ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއި ދެއްވި ފަހުންނެވެ.

"ކެތަލޯނިއާގެ ރައްޔިތުން ބޭނުން ވަނީ ކޮން ސަރުކާރެއް ކަމާއި ކޮން މަޖިލީހެއްކަން ރައްޔިތުން ވަނީ ޑިމޮކްރެޓިކް ގޮތަކަށް ނިންމާފައި. އެބާރުތައް ހޮވުމުގެ އިޚުތިޔާރު ލިބިގެން ވަނީ ހަމައެކަނި ރައްޔިތުންނަށް،" ރޮމެވާ ވިދާޅުވި އެވެ.

ސްޕެއިންއިން ވަކިވެ މިނިވަން ދައުލަތެއް ބިނާ ކުރުމާ ބެހޭ ގޮތުން ކެތަލޯނިއާގައި މި މަހުގެ އެއް ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުން ވޯޓު ދިނީ މިނިވަން ކަމަށެވެ. ނަމަވެސް އެވޯޓުގައި ބައިވެރިވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 43 ޕަސެންޓް މީހުންނެވެ.

އަދި އެއީ ގާނޫނާ ހިލާފު ވޯޓެއް ކަމަށް އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމާފައިވާ އިރު، ވޯޓު ލުން އޮތް ދުވަހު ސްޕެއިންގެ ފުލުހުން ވަނީ ވޯޓު ފޮށިތައް އަތުލައި، ވޯޓު ފޮށި ބަހައްޓާފައިވާ ސްކޫލްތައް ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން ފުލުހުންނާއި ވޯޓުލާން ދިޔަ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވި އެވެ. (ބީބީސީ)

comment ކޮމެންޓް