މިއަހަރު ރާއްޖޭގެ 80 ސްކޫލެއްގެ ފެންވަރު ވަނީ ބަލާފައި: އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލެއްގައި ޓީޗަރަކު ކިޔަވައިދެނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ކޮންމެ ސްކޫލަކީ ގާބިލު މުވައްޒިފުންނާއި ވަސީލަތްތައް ހަމައަށް ހުރި ސްކޫލަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒުގެ ދަށުން މި އަހަރު ރާއްޖޭގެ 80 ސްކޫލެއްގެ ފެންވަރު ބަލައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މިނިސްޓްރީގެ އަމާޒު ހުރީ ތިން އަހަރުގެ ތޭރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ފެންވަރު ބަލައި ނިންމުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 145 ސްކޫލެއްގެ ފެންވަރު ބަލައި ނިންމައިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ސްކޫލުތަކަކީ ވަސީލަތް ހަމަ، މަގުބޫލު ސުކޫލުތަކަކަށް ހެދެވުމަށް ޓަކައި، އެޑިޔުކޭޝަން މިނިސްޓްރީ އިން ވަނީ 2014 ވަނަ އަހަރު، ސްކޫލު އިމްޕްރޫވްމަންޓު ކޮލިޓީ އެޝުއަރެންސް އެކައުންޓަބިލިޓީ ފުރޭމް ވޯކް (ސިޤާފު) އެކުލަވާލައިފަ އެވެ.

އެ ފުރޭމްވޯކުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށްވާ "ސްކޫލް ސެލްފު އިވެލުއޭޝަން" ހަދާ، ކޮންމެ ސުކޫލަކުން އެސުކޫލެއްގެ ހާލަތު ވަޒަންކޮށް، ސުކޫލު އިމްޕްރޫވްމަންޓު ޕްލޭން ހަދައި، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ ސްކޫލުތައް ރިވިއުކުރުމުގައި ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ސްކޫލުގެ ހިންގުންތެރިކަމާއި ސްކޫލަށް ލިބިފައިވާ ވަޞީލަތްތަކާއި އެ ވަޞީލަތްތައް ބޭނުންކުރަމުންދާ ގޮތް އަދި ސްކޫލާއި ސްކޫލު ހިއްސާވާ ފަރާތްތަކުގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ބަލައި ސުކޫލުގެ ހާލަތު އެ މިނިސްޓްރީން ދަނީ ވަޒަންކުރަމުންނެވެ.

އެގޮތުން ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދާގޮތާއި ސްކޫލުގެ ލިޔެކިޔުންތައް ބަލައި ދިރާސާކުރުމުގެ އިތުރުން ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ މަޢުލޫމާތުގެ އަލީގައި ސްކޫލުގެ ހާލަތު ވަޒަންކޮށް ލިޔާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އިޞްލާޙުކުރަން ޖެހޭ ކަންތައް ފާހަގަކޮށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް