އިދިކޮޅު ފަރާތްތަކުން ބަލި ގަބޫލުކޮށްފި: ޝިޔާމް

ޝިޔާމް: އޭނާ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ބަލި އިދިކޮޅި ފަރާތްތަކުން މިހާރު ވަނީ ގަބޫލުކޮށްފައި ކަމަށް ---ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސަ

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ބަލި އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝީޔާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގައި ރޭ ވާހަކަފުޅު ދައްކަވަނުން ޝިޔާމް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ބަލިނުކުރެވޭނެ ކަން އިދިކޮޅު ލީޑަރުންގެ ވާހަކަތަކުން ދޭހަވާ ކަމަށެވެ. އަދި އިންތިގާލީ ވެރިއަކު ހޮވާ ވާހަކަ ދައްކަނީ ވެސް ރައީސް އަބްދުﷲ ޔާމީން ބަލިނުކުރެވޭނެ ކަން ޔަގީންވުމުން ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދު ނުވަތަ އިދިކޮޅު ފަރާތަތަކުން މިއަދު މި ދައްކަވަނީ ރިޔާސީ ރޭހުން އޯލްރެޑީ ތިމަންނަމެން ބަލިވެއްޖެ އޭ. މިހާރު ބަލިވެއްޖެ އޭ. އަދި 2018 ނައިސްގެން މި އުޅެނީ، 2017ގައި އެބޭފުޅުން އެ އިއުލާން ކުރެއްވީ ރިޔާސީ އިންތުހާބުން ބަލިވެއްޖެއޭ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިންތިގާލީ މުއްދަތެއްގެ ދެ އިންތިހާބެއް އެމްޑީޕީ ސަރުކާރުގައި ބާއްވަން ލާޒިމްވެފައި އޮތް ނަމަވެސް އެ ދެ އިންތިހާބު ވެސް ގަސްތުގައި ނުބާއްވާ ލަސްކުރި ކަމަށެވެ. އަދި މިހާރު އިންތިގާލީ ވެރިއެއް ހޮވުމަށް ގާނޫނު އަސާސީ އިން އެއްވެސް ވަރަކަށް ޖާގަ ނުދޭ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އެއްބަސްވާ އެއް ކެންޑިޑޭޓެއް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރެން ޖެހިފައިވާ ކަމަށާއި އެ މީހަކު ވާންޖެހޭނީ "އިންތިގާލީ ވެރިއަކަށް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އެކަމަށް ގުޅިފައިވާ ޕާޓީތަކުގެ ބައެއް އިސްވެރިން ތާއިދުކޮށް ވާހަކަ ދައްކަމުން އަންނައިރު ބައެއް ލީޑަރުންގެ ވިސްނުން ހުރި ގޮތް އަދި ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް