ގުޑްވިލް އެމްބެސެޑަރު ކަމުން މުގާބޭ ވަކިކޮށްފި

ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ވަނީ ގުޑްވިލް އެމްބެސެޑަރު ކަމުން ދުރުކޮށްފަ -- ފޮޓޯ: އޭޕީ

ހަރާރޭ (އޮކްޓޯބަރު 23): ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން މިދިޔަ ބުދަ ދުވަހު ގުޑްވިލް އެމްބެސެޑަރު ކަމަށް އައްޔަން ކުރި ރޮބަޓް މުގާބޭ އެމަގާމުން ވަކިކޮށްފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވި ގޮތުގައި މުގާބޭ އެމަގާމުން ވަކިކުރީ ޒިމްބާބުވޭގެ ސަރުކާރާ ވާހަކަ ދެއްކުމަށްފަހު، އެއީ އެޖަމްއިއްޔާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުމުންނެވެ.

މުގާބޭގެ ސަރުކާރުން ޒިމްބާބުވޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރި ކަމަށް ބުނެ ޑަބްލިއުއެޗްއޯއިން އޭނާ ގުޑްވިލް އެމްބެސެޑަރު ކަމަށް އައްޔަން ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެނިންމުމަށް ފާޑު ކިޔައިފައެވެ. އޭގެ ތެރޭގައި އިނގިރޭސި ސަރުކާރާއި، ކެނެޑާގެ ބޮޑުވަޒީރާއި، ޔޫއެން ވޮޗް އާއި ޒިމްބާބުވޭގެ ވަކީލުން ހިމެނެ އެވެ.

އެފަރާތްތަކުން ވަނީ ފަހުގެ އަހަރުތަކުގައި ޒިމްބާބުވޭގެ ސިއްހީ ނިޒާމު ފެއިލްވެފައިވާ ކަން ފާހަގަކޮށްފައެވެ. އެގޮތުން މުގާބޭގެ 37 އަހަރުވީ ވެރިކަމުގެ ފުރަތަމަ 20 އަހަރު އެގައުމުގެ ސިއްހީ ނިޒާމު ފުޅާ ކުރި ނަމަވެސް 2000 ވަނަ އަހަރު އެގައުމުގެ އިގުތިސާދަށް އެރި ލޮޅުމާ ގުޅިގެން އެނިޒާމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އޭގެ ސަބަބުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ނުލިބުމާއި، ބޭސް ލިބުން ދަތިވެފައިވާ އިރު، މުގާބޭ ސިއްހީ ފަރުވާ ހޯއްދަވަން ވަޑައިގަންނަވަނީ ގައުމުން ބޭރަށެވެ. (ބީބީސީ)

comment ކޮމެންޓް